ލައިފްސްޓައިލް

ކެއުމުގައި ކޮންމެހެން ވެސް ހިމަނަންވީ ކިވީ!

ކިވީ ދިވެހިންގެ ތެރޭގައި މާ މަގުބޫލެއް ނޫނެވެ. އެކަމަކު ބީރައްޓެއްސެެއްވެސް ނޫނެވެ. ބާޒާރުން ފަސޭހައިން ލިބެން ވެސް ހުރެ އެވެ. ބޮޑެތި ސުޕަމާޓުތަކުން ފެށިގެން ކަންމަތީ ފިހާރަތަކުން ވެސް ކިވީ ލިބެން ހުރެ އެވެ. ސައިޒުން ކިތަންމެ ކުޑަޔަސް އެއިން ލިބޭ ފައިދާ އަކީ ބޮޑު ކަރައަކުން ފައިދާ ލިބޭ މިންވަރަށެވެ. އަދި އެއެއް ނޫނެވެ. ޑޮކްޓަރުން މިދޭ ބޭސްތަކުގައި ވެސް ކިވީ ބޭނުންކޮށްފައި ހުރެ އެވެ.

ކިވީގައި ވިޓަމިން ހުންނަ މިންވަރަށް ބަލާއިރު ދެ މީޑިއަމް ކިވީ ބޭނުންކޮށްފިނަމަ އެދުވަހު ދެން ވިޓަމިން ސީ ލިބޭ އެހެން ކާނާއެއް ބޭނުން ނުކުރިއަސް ހަށިގަނޑަށް އެއްވެސް ގެއްލުމެއް ނުލިބޭނެ އެވެ. މިއީ އޮރެންޖުން ވިޓަމިން ސީ ލިބޭ މިންވަރުގެ ދެ ގުނަ އަދަދެކެވެ. ވިޓަމިން ސީ އަކީ ދިފާއީ ނިޒާމް ވަރުގަދަކޮށް ސްޓްރެސް ފިލުވާލަން އެހީތެރިވެދޭ މާއްދާ އެކެވެ. އަދި މުސްކުޅިވުމުންވެސްމެ އެވެ. މިހިސާބުން ނިމުނީކީ ނޫނެވެ. ހަލާކުވެފައި ހުންނަ ފާރުގަނޑުތައް ފަސޭހަކޮށްދިނުމުގެ އިތުރުން ކަށި ވަރުގަދަ ކުރަން ބޭނުންވާ އަޔަން ލިބެ އެވެ. އަދި ލޭ ހޮޅިތަކާއި ދަތްތަކަށް ވެސް ކިވީ އަކީ ފަރުވާ އެކެވެ.

ވިޓަމިން ސީ ގެ އިތުރުން ކިވީގައި ގިނަ އަދަދަކަށް ވިޓަމިން އީ ވެސް ހިމެނެ އެވެ. ވިޓަމިން އީ ގައި ހިމެނޭ އެންޓިއޮކްސިޑެންޓުން ކޮލެސްޓްރޯލް ހުންނަ މިންވަރު ދަށްކޮށްލަ އެވެ. އަދި ދިފާއީ ނިޒާމް ބޫސްޓުކޮށްލާ ދިފާއީ ނިޒާމް އެތައް ގުނައެއް ވަރުގަދަކޮށްދެ އެވެ. އަދި ކެންސަރު ޖައްސަން މަސައްކަތްކުރާ ސެލްތައް ނައްތާލަންވެސް މިއަށްވުރެ ރަނގަޅު އެހެން މޭވާއެއް ނެތެވެ.

ކިވީ އަކީ ސެރަޓޮނިން އޭ މިކިޔާ ހޯމޯން ހަށިގަނޑުގައި އިތުރު ކޮށްދޭ މޭވާއެކެވެ. މި ހޯމޯނަކީ ޑައިޖެސްޓިވް އަދި ކާޑިއޯވެސްކިއުލާގެ މަސައްކަތް ހަލުވި ކޮށްދޭ ހޯމޯނެކެވެ. އަދި މިއީ ދަސްކުރުމާއި، ހަނދާން ގަދަކޮށްދިނުން އަދި މޫޑު ރަނގަޅު ކޮށްދިނުމަށް ވެސް އެވަރެއް ނެތް މޭވާ އެކެވެ. އަދި މީގައި އިތުރު ހާއްސަކަމެއް އެބައޮތެވެ. އެއީ ނިދަން އުނދަގޫ މީހުންނަށް ވެސް ހާއްސަ މޭވާ އެކެވެ.

އެމެރިކާގެ ލަންގު އެސޯސިއޭޝަނުން ބުނާގޮތުގައި އިންސާނަކު ދުވާލަކު 20،000 ފަހަރު ނޭވާ ލަ އެވެ. އަދި ބައެއް ދިރާސާތަކުން ދައްކާގޮތުގައި ކިވީ އަކީ ނޭވާލާން ފަސޭހަކޮށްދީ ރެސްޕިރޭޓަރީ ސިސްޓަމްގެ މަސައްކަތަށް އެހީތެރުވެދޭ މޭވާ އެކެވެ. އެހެންވީމަ ކިވީ އަކީ ނޭވާ ހިއްލާ މީހުން ކާން ވަރަށް ރަނގަޅު މޭވާ އެކެވެ. ގުގުރި ދެމުމާއި ރޭގަނޑަށް ތި ކެއްސާ ކެއްސުމަށް ވެސް ކިވީ އަކީ އެންމެ ރަނގަޅު ފަރުވާ އެވެ.

ލޮލުގެ މައްސަލަ ހުންނަ މީހުންވެސް ގަވާއިދުން ބޭނުންކުރަންވީ އެއް މޭވާ އަކީ ކިވީ އެވެ. ލޮލުގެ ފެނުން ދަށްވަމުންދާކަން އިހުސާސްވާނަމަ އަވަހަށް ކިވީ އާ ދިމާއަށް ދާށެވެ. ކިވީ އަކީ ފްރީ ރެޑިކަލް ޑެމޭޖްތަކުން ލޯ ރައްކާތެރިކޮށްދޭ މޭވާ އެކެވެ.

ކިވީއިން ލިބޭ ފައިދާގެ ވާހަކަ ދައްކާއިރު އެއިން ލިބޭ ފައިދާއަށް ބަލައިލަން ޖެހޭނެ އެވެ. އަދި ލޭގައި ހަކުރު ހުންނަ މިންވަރި އިތުރު މީހުންވެސް ކޮންމެހެންވެސް ކިވީ ބޭނުންކުރުން މުހންމެވެ. ހިތުގެ ދުޅަހެޔޮކަމަށްވެސް އެންމެ ރަނގަޅު އެކައްޗަކީ ހަމަ ކިވީ އެވެ.

ކިވީގެ ތޮޅި މަށާލައިގެން ހުހަށް ކެއުމުގެ އިތުރުން ފްރެޝް ސެލެޑްތަކުގައިވެސް ބޭނުންކުރެވިދާނެ އެވެ. އަދި ޔޯގަޓާއެކު ނުވަތަ އެހެން ފުރުޓު ޓާޓްތަކުގައި ކިވީ ހިމަނައިގެން ބޭނުންކުރެވިދާނެ އެވެ.