ބޮލީވުޑް

ޓޮމް ކްރޫޒްގެ "ދަ މަމީ ރީބޫޓް" އިން ދިޕިކާއަށް ފުރުސަތެއް ނުލިބުނީބާ؟

May 6, 2016

ބޮލީވުޑްގެ މަޝްހޫރު ބަތަލާ ދިޕިކާ ޕަދުކޯން ކުޅެމުން އަންނަ ފުރަތަމަ ހޮލީވުޑް ފިލްމު "ޓްރިޕަލް އެކްސް: ދަ ރިޓާން އޮފް ޒެންޑާ ކޭޖް" އާއެކު ހޮލީވުޑްގައި އޭނާ ވަނީ ވިދާލާފަ އެވެ.

ފެބްރުއަރީން ފެށިގެން ކެނެޑާގައި މިފިލްމުގެ ޝޫޓިން ކުރިއަށްދާއިރު، ހޮލީވުޑްގެ އިތުރު ފިލްމުތަކުން މިހާރުވެސް ދިޕިކާ އަށް އަންނަނީ ހުށަހެޅުން ލިބެމުންނެވެ.

"ޓްރިޕަލް އެކްސް"ގެ ޝޫޓިންގެ ތެރެއިން ދިޕިކާ ލޮސް އެންޖަލިސް އަށް ގޮސް މަޝްހޫރު ޓެނިސް ކުޅުންތެރިޔާ ނޮވެކް ޖޮކޮވިކް އާއެކު ރޭގަނޑުގެ ކެއުމަކަށް އިންސާފުކުރުމަށްފަހު ރެސްޓޯރަންޓަކުން ނިކުންނަނިކޮށް ނަގާފައިވާ ފޮޓޯތަކެއް އާންމުވުމުން ދިޕިކާ ލޮސްއެންޖަލިސް އަށް ދިޔައީ އޭނާއާ އެކު ޑޭޓަކަށް ދާން ކަމަށް ބުނެ އަޑުތަކެއް ވަނީ އަރާފަ އެވެ. ނަމަވެސް ހަބަރުތައް ބުނާގޮތުން ދިޕިކާ ލޮސްއެންޖަލިސް އަށް ދިޔުމުގެ އަސްލަކީ ޓޮމް ކްރޫޒް ލީޑްރޯލުން ފެނިގެންދާ "ދަ މަމީ"ގެ ރޯލަކަށް އޮޑިޝަން ދިނުމަށެވެ.

މި ފިލްމަށް ދިޕިކާ އޮޑިޝަން ދީފައިވަނީ އިޖިޕްޓިއަން އަންހެން ކުއްޖެއްގެ ރޯލަށެވެ. މިހާތަނަށް ވެސް ދިޕިކާ އަށް މިފިލްމުގެ ކާސްޓިން ޑައިރެކްޓަރުގެ ޖަވާބެއް ލިބިފައިނުވާއިރު، އޭނާއަށް މިފިލްމުގެ ރޯލެއް ނުލިބޭ ކަމުގެ ވާހަކަތަކެއް އަންނަނީ ދެކެވެމުންނެވެ.

މި ހަބަރު ގެނެސްދީފައިވާ ނޫސްތަކުގައިވާ ގޮތުން އެފިލްމުގެ ފަރާތަކުން ވަނީ ދިޕިކާ އޮޑިޝަން ރަނގަޅަށް ދިޔަ ނަމަވެސް ފިލްމު އުފައްދާ ފަރާތުން އިތުރު އޮޕްޝަން ތަކަށް ބަލަމުން އަންނަ ކަމަށް ބުނެފަ އެވެ.

"ދަ މަމީ" ސިލްސިލާގެ ތިން ވަނަ ފިލްމަށް ދިޕިކާގެ އިތުރުން ބޮލީވުޑްގެ ބަތަލާ ހުމާ ގުރެއިޝީވެސް ވަނީ އޮޑިޝަންދީފަ އެވެ. ހުމާގެ ސްޕޯކްޕާސަން މީގެކުރިން ވަނީ އޭނާ އޮޑިޝަން ދީފައިވަނީ ޓޮމް ކްރޫޒް އާއެކު ފެނިގެންދާނެ ލީޑް ތަރިއެއްގެ ރޯލަށް ކަމަށް ބުނެފަ އެވެ.