އިސްލާމިކް ޔުނިވާސިޓީ

އައިޔޫއެމްގެ ލައިބްރަރީ ހުޅުވައި، ވެބްސައިޓް ލޯންޗުކޮށްފި

އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސްގެ ލައިބްރަރީ މަރާމާތަށްފަހު އަލުން ހުޅުވައި، އެ ޔުނިވާސިޓީގެ ވެބްސައިޓް ލޯންޗްކޮށްފި އެވެ.

މިއަދު އެ ޔުނިވާސިޓީގައި ބޭއްވި ރަސްމިއްޔާތެއްގައި ލައިބްރަރީ ހުޅުވައިދެއްވީ އެޑިއުކޭޝަން މިނިސްޓަރު އައިޝަތު ޝިހާމެވެ. ވެބްސައިޓް ލޯންޗްކޮށްދެއްވީ ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދެވެ.

ވެބްސައިޓް ލޯންޗްކޮށްދެއްވުމަށްފަހު ވާހަކަ ދައްކަވަމުން މިނިސްޓަރު ޖިހާދު ވިދާޅުވީ، މި ޒަމާނަކީ ޓެކްނޮލޮޖީގެ އެހީގައި ވާޗުއަލްކޮށް ކިޔަވާ ޒަމާނެއް ކަމަށާއި އެފަދަ ގޮތަކަށް އިސްލާމިކް ޔުނިވާސިޓީން ވެސް ކިޔެވޭނެ އިންތިޒާމްތައް ހަމަޖައްސަންޖެހޭ ކަމަށެވެ. އަދި ވީކެންޑް ކުލާސްތަކެއް ވެސް ޔުނިވާސިޓީގައި ކުރިއަށް ގެންދަންޖެހޭ ކަމަށް ޖިހާދު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ސަރުކާރުން އަލަށް ހުޅުވި، އިސްލާމިކް ފައިނޭންސް ސެންޓަރަށް ގާބިލް ދިވެހިން ވެސް ބޭނުންވާ ކަމަށާއި އެ ދިވެހިން ތަމްރީނުކޮށްދޭ ތަނަކަށް އިސްލާމިކް ޔުނިވާސިޓީވާން ޖެހޭ ކަމަށެވެ. އެކަން އިސްލާމިކް ޔުނިވާސިޓީން ކޮށްދޭނެ ކަމަށް އުއްމީދުކުރާ ކަމަށް ވިދާޅުވި އެވެ. މިނިސްޓަރު ވިދާޅުވީ، މެލޭޝިއާގެ އިންޓަނޭޝަނަލް އިންސްޓިޓިއުޝަނުން ވަނީ އެ ދާއިރާއަށް މީހުން ތަމްރީނުކުރުމަށް އިސްލާމިކް ޔުނިވާސިޓީއަށް އެއްބާރުލުން ދިނުމަށް އެއްބަސްވެފައި ކަމަށެވެ.

މިނިސްޓަރު ޖިހާދު އިތުރަށް ވިދާޅުވީ، ޓޫރިޒަމް ދާއިރާގައި އިސްލާމިކް ފިނޭންސް ކުރިއަށް ގެންދާނެ ގޮތަކާމެދު ރިސާޗެއް ހަދަން ޖެހިފައިވާ ކަމަށާއި އެ ރިސާޗް އިސްލާމިކް ޔުނިވާސިޓީން ހަދައިދޭނެ ކަމަށް ވެސް އުއްމީދުކުރައްވާ ކަމަށެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޔުނިވާސިޓީގެ ޗާންސެލާ މުހައްމަދު ޒާހިރު ހުސެއިން ވިދާޅުވީ، މިނިސްޓަރު ވިދާޅުވިފަދަ ރިސާޗްތައް ހެދުމަށް ފައިނޭންސް ބޭނުންވާ ކަމަށެވެ. އެކަން ހަމަޖެހުމުން ރިސާޗްތައް ވެސް ކުރެވޭނެ ކަމަށް ވިދާޅުވި އެވެ. ސަރުކާރުގެ މިނިސްޓްރީއަކުން އެދޭ ކޮންމެ ކަމެއް ވެސް ކޮށްދިނުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޒާހިރު އިތުރަށް ވިދާޅުވީ، ތައުލީމް އެންމެ މުހިންމު ހަރުފަތަކީ ލައިބްރަރީ ކަމަަށްވާއިރު، ހުރިހާ ލައިބްރަރީތަކެއް ގުޅިގެން ދަރިވަރުންނަށް ގިނައިން ފޮތްތައް ކިޔަން ބާރުއެޅުމަށް މަސައްކަތްކުރަން ޖެހޭ ކަމަށެވެ.

ވައިސް ޗާންސެލާ މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ، ސަރުކާރުގެ މިނިސްޓަރުން އެ ޔުނިވާސިޓީއާ ދޭތެރޭ ބަހައްޓަވާ ގާތްކަމުން އެނގެނީ، ރައީސް އަބްދުﷲ ޔާމީން އިސްލާމީ ތައުލީމަށް ބަހައްޓަވާ އަހައްމިއްޔަތު ކަމަށެވެ. އެކަމަށް ރައީސްއަށް ވަނީ މަރުހަބާ ދަންނަވާފަ އެވެ. ޔުނިވާސިޓީން ކުރިމަގުގައި އިތުރު ކޯސްތައް ފަަށައި، އިސްލާމިކް ފައިނޭންސްގެ ދާއިރާއިން ކިޔަވައިދޭން ފަށާނެ ކަމަށް ވެސް ވިދާޅުވި އެވެ.

މި ރަސްމިއްޔާތުގައި ވެބްސައިޓް ޑިޒައިންކުރި، އެ ޔުނިވާސިޓީގެ ވެބް ޑިޒައިނާ އަބްދުﷲ ސަފީއު އާއި ލައިބްރަރީ ޑިޒައިންކުރި ސޭޕްސް އާޓްގެ ޑިރެކްޓަރު ހަމްދާ އިބްރާހީމަށް ހަނދާނީ ލިޔުންދީފައިވެ އެވެ.