އަވަސް ވީކެންޑް

މި އޮތީ އައިޑޮލްގެ އެންމެ ސަޅި މީހާގެ އިންޓަވިއު!

  • އެއްވެސް ކުއްޖަކަށް ފޭވާއެއް ނުކުރަން
  • އެކަމަކު އެންމެ ކަމުދިޔައީ ޝަލަބީގެ ލަވަކިޔުން
  • އައިޑޮލް ލިބެން ޖެހޭނީ އެކަމަކު ފުލް ޕެކޭޖަށް

ކުޑައިއްބެ ނުވަތަ އިބްރާހިމް ޒައިދު އަލީ އަކީ އާދައިގެ އާޓިސްޓެއް ނޫނެވެ. މި ފޮޓޯޝޫޓަކާއި އިންޓަވިއުއެއްގައި އޭނާ ރަސްފަންނުގައި ކިތަންމެ ސަމާސާއެއްކޮށް ސަކަރާތެއް ޖެހިޔަސް، އޭނާ އަކީ ސަމާސާއެއް ނޫނެވެ. އެހެން ނޫނަސް، ރާއްޖޭގައި، ނަމުގެ ކުރިއަށް "ކުޑަ" އަތުވެއްޖެ ނަމަ އެމީހަކީ އަބަދުވެސް ރިކޯޑްތައް މުގުރައި އަހަރެމެން އެންމެން ވެސް ފަހުރުވެރިކޮށްދޭ މީހެކެވެ.

އެކަމަކު ކޮންމެހެން އެ ލިސްޓަކަށް ދާނެ ކަމެއް ނެތެވެ. ނިމިގެން ދިޔަ މޯލްޑިވިއަން އައިޑޮލްގައި ކުޑައިއްބެ އެ ވަނީ އޭނާގެ ވާހަކަ އެހާ "ކުޑަކޮށް" ނިންމާލެވެން ނެތްކަން ސާބިތުކޮށްދީފަ އެވެ. --- އިއްބެ އަކީ ސަޅި އަދި ތަފާތު މީހާ އެވެ.

ގދ. ތިނަދޫ އަށް ނިސްބަތްވާ މި ލަވަކިޔުންތެރިޔާ އަށް މިއަދު ރާއްޖޭގައި ނުލިބޭ ޝަރަފެއް ނެތޭ ވެސް ބުނެވިދާނެ އެވެ. އިއްބެ ބުނަނީ މޯލްޑިވިއަން އައިޑޮލްގެ ތަޖުރިބާއަކީ މިއޮތްހާ ދުވަހު މިއުޒިކްގެ ދާއިރާގައި ކުރެވުނު މަސައްކަތްތަކުގެ އަގު ލިބިއްޖެ ކަމުގެ އިހްސާސްކުރުވި އެކްސްޕީރިއަންސެއް ކަމަށެވެ.

ލަވަކިޔުންތެރިއެއްގެ ގޮތުގައި އިއްބެ އާންމުންގެ ލޮލުގައި އަޅައިގަނެ އެމީހުންގެ ކަންފަތަށް ފަސޭހަ ނުވަތަ އަޑުއަހަން ބޭނުންވާ ވަރުގެ އަޑަކަށް ބަދަލުކޮށްލީ މަޝްހޫރު "ހަފުތާ ނިންމާ" ޝޯތަކުން 90ގެ ފަހުކޮޅު އެވެ. އެ މަޝްހޫރުކަމުގައި ގޮސް އޭނާ އަށް ފުރުސަތު ލިބުނީ ދިވެހި ރާއްޖޭގެ އަޑުން އުފެއްދި ބޭންޑް "ވޭވްސް ބޭންޑް" އިންނެވެ.

އެއަށް ފަހު އެ މަޝްހޫރު އަލްބަމް "ހިތުކޫރު" އަށް އޭނާ ރިކޯޑްކުރި "އެދެމޭ ކަލާޔާ" އާއެކު ރޮކެޓެއްހެން އަރައިގެން ގޮސް ތަރިއެއްހެން ފިޔަޖަހައި ވިދައި ބަބުޅައިގަތީ އެވެ.

ތިރީގައި މި އޮތީ މޯލްޑިވިއަން އައިޑޮލްގެ އާދަޔާހިލާފު ތަޖުރިބާ އަށް ފަހު އަވަސް ވީކެންޑަށް އިއްބެ ދިން ހާއްސަ އިންޓަވިއުއެކެވެ.

ކޮބާ މިހާރު ދެން މޯލްޑިވިއަން އައިޑޮލް ވެސް ނިމުނީތާ. އަމިއްލަ މަސައްކަތްތަކަށް ވަގުތު ވެސް ލިބުނީތާ. އާ ލަވަތަކެއްގެ މަސައްކަތް ކުރިއަށް އެބަދޭތަ ނުވަތަ އިއްބެގެ ސަޕޯޓަރުންނަށް މިއަދު އޮތް ސަޕްރައިޒްއަކީ ކޮބައިތަ ދެން؟

"މިހާރު ދެން ޝޯ ނިމުނީމަ ފުދޭވަރަކަށް ފްރީވެއްޖެ. އެކަމް އެޖަސްޓްކޮށްލައިގެން މި އުޅެނީ. ކުރިއަށް ވަރަށް ބައިވަރު ޝޯތައް އެބަހުރި. ރޯދަ މަހުގެ އެކި ކަހަލަ ޝޯތަކާއި ޕްލަސް އަމިއްލަ މަސައްކަތްތައް ވެސް އެބަހުރި ކުރަންޖެހޭ. މި ދާއިރާގައި ކިޔެވުމުގެ މަސައްކަތް ވެސް ތަންކޮޅެއް އިސްކަމެއް ދީގެންކުރާތީވެ ބޭނުންވަނީ ކިޔެވުމާ އެއްވަރަކަށް މަސައްކަތް ވެސް ކުރިއަށް ގެންދަން."

"މިއުޒިކް ހެދުމާއި އުފެއްދުމުގައި އެހާ ބުރަކޮށް މި ދުވަސްކޮޅު ދެން އުޅޭނެހެނެއް ހީއެއް ނުވޭ. މި ދުވަސްކޮޅު ހަމަ ކުޑަކޮށް ރެސްޓްކޮށްލާނީ. ކިޔަވަން ބޮޑަށް ޝައުގުވެރިވަނީ."

މޯލްޑިވިއަން އައިޑޮލްގެ ޓީމާ އެކު އެ ކުރެވުނު ތަޖުރިބާ އަދި ވަކިން ހާއްސަކޮށް ޝޯގެ ޖަޖެއްގެ ގޮތުގައި ލިބުނު ފުރުސަތާއި އެ ގޮނޑީގައި ކުރެވުނު ތަޖުރިބާ ސިފަކުރާނީ ކިހިނެތް؟

"އެއީ ދެން މިހާތަނަށް ލައިފްގައި، މިއުޒިކްގެ މި ދާއިރާގައި މިހާތަނަށް ކުރެވުނު އެންމެ ރަނގަޅު އެކްސްޕީރިއަންސް. ދެން ވަރަށް ބައިވަރު އެއްޗެހި އެނގިއްޖެ މޯލްޑިވިއަން އައިޑޮލްގެ ސަބަބުން. ހަގީގަތުގައި ޖަޖުކުރުމަކީ ވެސް ފަސޭހަކަމެއް ނޫން. ޖަޖުކުރާއިރު ބައިވަރު ކަންތައްތަކަކަށް ބަލަން ޖެހޭ. އަސްލު އެންމެ ފުރަތަމަ ވޯކްޝޮޕެއް ބާއްވާފަ، އިންޑިއަން އައިޑޮލްގެ ކްރިއޭޓިވް ޑައިރެކްޓަރާ އެކީ ކިޔައިދިނީ ޖަޖުން ކޮމެންޓްސް ކުރަން ޖެހޭ ގޮތް ވެސް."

"އަސްލު ސްޓަޑީކުރަމުން ޖަޖިން ޕެނަލްގައި މަސައްކަތްކުރީވެސް."

ބުނެވިދާނެތަ ޖަޖެއްގެ ގޮތުގައި ދެއްކުނު ޕާފޯމެންސާ މެދު އިއްބެ ވަރަށް ފަހުރުވެރިވެޔޭ؟ ނުވަތަ ޝޯގައި ޖަޖުކަން ކުރެވުނީ އެންމެ ހިތްހަމަޖެހޭ ފެންވަރުގައޭ؟

"ޖަޖުކަން ކުރުމުގައި އިއްބެ ބެލީ ވީހާ ވެސް ފެއާކޮށް ވީހާ ވެސް ރަނގަޅަށް ޖަޖުކަން ކުރެވޭތޯ. ފުދޭވަރަކަށް ސްޓަޑީ ވެސް ކުރިން. ޝޯތަކާ އެއްޗެހި ކުރިން ވެސް ބަލަން. އޭގެ އިތުރަށް ވެސް ޖަޖުން ކަންތައްކުރާ ގޮތް ބަލައި ދަސްކޮށްގެން ދިޔައީ. ޖަޖެއްގެ ގޮތުގައި ކުރެވުނު މަސައްކަތާ ދޭތެރޭ ވަރަށް ހިތްހަމަޖެހޭ."

"އަބަދުވެސް ބަލަން ކުއްޖާގެ ކިޔުމަށް އެންމެ އެކަށޭނެ ގޮތަކަށް، ކިޔުމާ ނުގުޅޭ ވާހަކަތަކެއް ނުދައްކައިވޭތޯ ބަލަން. ދެން ކޮންމެ ގޮތެއް ވިޔަސް، ޓެކްނިކަށް ބެލި ނަމަވެސް މި ކުދިންނަކީ މާ ބޮޑަށް ޓެކްނިކަލްވެގެން ދާ ކުދިންތަކެއް ނޫން. އެހެންވީމަ ބުނަން ޖެހޭ އެއްޗެއް އެގޮތުގައި ބުނަން މަސައްކަތްކުރަނީ."

"އިއްބެގެ މަސައްކަތަށް އިއްބެ ވަރަށް ޕްރައުޑްވޭ. މިއަދު ވެސް ވަރަށް އުފާކުރަން، އައިޑޮލް ނިމެދެން ވެސް."

އެކަމަކު ބައެއް ބެލުންތެރިން ނުވަތަ ބައެއް މީހުން ބުނާ ގޮތުން އިއްބެ އަކީ ޝޯގެ އެންމެ ފެންވަރު ދަށް ޖަޖު؟ ކޮބައިތަ އިއްބެގެ ހިޔާލަކީ މިކަމަށް؟ މީހުން އެގޮތަށް އެވަރަށް އިއްބެ އަށް ފާޑުކީ ކީއްވެގެންހެން ހީވަނީ؟ ގަބޫލުކުރަންތަ އެއީ ހައްގު ނުވަތަ ބިނާކުރަނިވި ފާޑުކިޔުމެއް ކަމަށް؟

"އެއީ ކޮންސްޓްރަކްޓިވް ކޮމެންޓްސްތަކެކޭ އަޅުގަނޑެއް ނުއެއް ބުނާނަން. އެންމެ ގިނަ ބަޔަކު ފާހަގަކުރީ ދެން ތިބި ދެ ޖަޖުންނާ އަޅާބަލާއިރު އިއްބެ އެ ވަރަށް ވާހަކަ ނުދައްކާ މައްސަލަ. އެކަމަކު އަޅުގަނޑު ގަބޫލެއް ނުކުރަން އެތަނަށް ގޮސް އަޅުގަނޑު އެހާ ބައިވަރު ވާހަކަތަކެއް ދައްކަން ޖެހޭ ކަމަށް. ކުއްޖާގެ ލަވަކިޔުމަށް އެއްޗެއް ބުނަން ޖެހޭނީ."

"އެހެންވީމަ ބައިވަރު އެއްޗެހިތަކެއް ލިޔެގެނެއް ނޫން އިއްބެ ދަނީކީ އެ ކުއްޖަކާ ދިމާލަށް ބުނާނެ. އެކަމަކު ޖަޖިންގައި އިއްބެ ބަރާބަރަށް އަދި އެންމެ އެެދެވޭ ގޮތަށް ކޮމެންޓްކުރަން މަސައްކަތްކުރީ."

"ދެން ބެލުންތެރިން ކޮންމެ އެއްޗެކޭ ކިޔަސް އިއްބެ މިހައި ހިސާބަށް އައީ ވެސް ވަރަށް ބައިވަރު މީހުންގެ އެއްޗިއްސާއި އެކި ކަހަލަ ކޮމެންޓްސް ލިބިގެން. މިއުޒިކްގެ ހަޔާތުގައި މިހައިހިސާބަށް އާދެވުނީ ވަރަށް ސްޓްރަގްލްކޮށްގެން. މީހުން ވަރަށް ފާޑުފާޑުގެ އެއްޗެހި ކިޔާ. އެކަމަކު އަޅައެއް ނުލަން. އަބަދުވެސް ބަލަނީ ކުރާ ކަމެއް ކުރެވުނު އެންމެ ރަނގަޅަކަށް ނުވަތަ ފެއާކޮށް ކުރަން."

ބައެއް މީހުން ބުނެފައި އެބަހުރި އިއްބެ އަދި އަނެއް ތިން ޖަޖުން ވެސް ޝޯ އަކަށް ކަމަކުނުދެޔޭ. ކޮބައިތަ އިއްބެގެ ހިޔާލަކީ މިކަމުގައި؟

"އެއްޗެކޭ ކިޔަންވެގެން ބަޔަކު މީހުން އެގޮތަށް އެއްޗެހި ކިޔަަނީ. ހަގީގަތުގައި އެތަނުގައި އިށީނީމަ އެނގޭނީ ޖަޖުކުރުމަކީ ކިހާ މުހިންމު ކިހާ ބޮޑު ކަމެއް ކަމާއި ކިހާ ބޮޑު މަސްއޫލިއްޔަތެއްކަން. އެތަނުގައި ނުއިށީންނަށް މީހަކަށް ނޭނގޭނެ އެކަމެއް. އެތަނަށް ދިޔަ ގެސްޓް ޖަޖުންގެ ގޮތުގައި ރާއްޖޭގެ ފުންނާބު އުސް ވަރަށް މޮޅު މީހުން ވެސް. އެކަމަކު މުޅިން އެހެން އެއްޗެކޭ ފީލްވާނީ. މީހުންނަށް ހީވަނީ އެއީ ފަސޭހަ ކަމެއްހެން. އެކަމަކު ޖަޖުކުރުމަކީ ފަސޭހަ ކަމެއް ނޫނޭ."

"ދެން ޖަޖުންނާ ބެހޭ ގޮތުގައި އެއްޗެކޭ ބުނަޏާމު ބުނެވޭނީ އައްމަޑޭ އަކީ ވެސް ވަރަށް މޮޅު އާޓިސްޓެކޭ ކޮންމެ ބަޔަކު ކޮންމެ އެއްޗެއް ކިޔަސް. އުނޫޝާ އަކީ ވެސް ވަރަށް މޮޅު އާޓިސްޓެއް. ވަރަށް ހުނަރުވެރި ދެ އާޓިސްޓުން އެއީ. ރާއްޖޭގައި މީހުން އެއްޗެހި ނުކިޔާ ގޮތަކަށް އެއްވެސް ކަމެއް ނުކުރެވޭނެ."

އެންމެފަހުން އިއްބެ މި ވަނީ، އައިޑޮލްގެ ދެ ވަނަ ސީޒަނުގެ ޖަޖުންގެ ޕެނަލުން ނުފެންނާނެ ކަމަށް ބުނެފައި. މިއީ ކިހާ ވަރަކަށް ވިސްނާފައި ކިހިނެތް ނިންމި ނިންމުމެއްތަ؟ ވެދާނެތަ މިއީ ޝޯގެ ތެރެއިން އަމާޒު ފާޑުކިޔުންތަކާ ހެދި ނިންމި ގޮތެއް ކަމަށް؟

"ނޫން ނޫން ނޫން. އެހެނެއް ނޫން އެއްގޮތަކަށް ވެސް. ފާޑުކިޔުމަކަށް ބަލައިގެން އިއްބެ ދުވަހަކު ވެސް، އިއްބެކުރާ އެއްވެސް ކަމަކަށް ބުރޫއެރިޔަ ނުދެން. ހަގީގަތުގައި ބިނާކުރުވަނިވި ފާޑުކިޔަން ވާނެ. އޭތި އަސްލު އަޑުއެހީމަ މިހައިހިސާބަށް އާދެވުނީ ވެސް. ބިނާކުރަނިވި ފާޑެއް ކިޔައިފިއްޔާމު އަޑުއަހަން އެއީ ކިތަންމެ އާދައިގެ މީހަކު ދިން ހިޔާލަކަށް ވިޔަސް. ގަބޫލުކުރީމަ މިހާ ހިސާބަށް އާދެވުނީ. އަޅުގަނޑުގެ ކާމިޔާބީގެ އެންމެ ބޮޑު ހިއްސާއަކީ ވެސް އެގޮތަށް ފާޑުކިޔާ މީހުން ކަމަށް ބަލަނީ."

"ޖަޖިން ޕެނަލް އަށް ނާރަން ނިންމީ، އެއީ ކުރަން ޖެހޭ ބައިވަރު ކަންތައް ވެސް އެބަހުރި. ޖަޖިން ޕެނަލްގައި އިނުމަކީ ލައިފްގައި ކުރެވުނު އެންމެ ސަޅި އެކްސްޕީރިއަންސް. އެކަމަކު ދެން ނާރަން ބުނީ މި ދާއިރާގައި ކުރަން ހުރި މަސައްކަތް ގިނަކަމުން. މި ދާއިރާގައި އަދިވެސް ކުރިއަށް ދާން ބޭނުންވާތީ."

މޯލްޑިވިއަން އައިޑޮލް ނިމުނަސް އޭގެ ވާހަކައެއް ނިމޭކަށް ނެތޭ އިއްބޭ. އަހަރެމެންނަށް ކިޔައިދީ ބަލަ ޝަލަބީ އާއި އިޝާން އަށް ވުރެ ބޮޑަށް މޯލްޑިވިއަން އައިޑޮލްގެ މަގާމު ލައިޝާ އަށް ހައްގުވާ ސަބަބު؟ އިއްބެ ބުނެފަތާ އެއޮތީ އެންމެ ރަނގަޅު މީހާއޭ އައިޑޮލް އަކަށް ހޮވުނީ؟

"މޯލްޑިވިއަން އައިޑޮލްގެ ވާހަކަ ދައްކާއިރު މިސާލަކަށް ބަލަމާ މިސް ފެމިނާ، މިސް އިންޑިއާ. މި ޔުނިވާސް. މިހެން ގޮސް އެހެން ދޭ ތާޖެއް މިއީ ވެސް ހަގީގަތުގައި. އޭތި ދޭއިރު އެމީހުން ބަލާ ބައިވަރު މިންގަނޑުތަކަށް. އެއްގޮތަކަށް ވެސް ޕީއެސްއެމް އާއި އެތަޖުގައި ތިބި ޖަޖުން ކޮށްގެން އުޅޭ ކަމެއް ނޫން. ބަލާ ވަކި މިންގަނޑުތަކެއް ހުރޭ."

"ހަމައެކަނި ޓެލެންޓަކަށް ނޫން ބަލަނީކީ. ލައިޝާ އާއި ޝަލަބީ އާއި އިޝާން އަކީ ރާއްޖޭގައި އުފެދުނު މޮޅު ތިން ލަވަކިޔުންތެރިން. އެކަމަކު އެ ތިން ކުދިންގެ ތެރެއިން ވެސް ލައިޝާ ފާހަގަކުރެވޭ ކަމަކީ އިއްބެ ގަބޫލުކުރާ ގޮތުގައި (ފުލް ޕެކޭޖަކަށްވުން). ލައި ފާހަގަކުރެވުނީ އަދި ކިޔަވަމުން އައިޑޮލްގައި ބައިވެރިވަމުން ދިޔަ ކުއްޖެއްގެ ގޮތުގައި. ޕްލަސް ވަރަށް ބައިވަރު އެހެން ކަންތައްތައް ވެސް ހިމެނޭ އޭގެ ތެރޭގައި."

ލަވަކިޔުމުގެ ހުނަރަށް ބަލަނީ ނަމަ ލައިޝާ އާއި ޝަލަބީ އާއި އިޝާންގެ ތެރެއިން އިއްބެ އަށް ޕާސަނަލީ އެންމެ ކަމުދަނީ ނުވަތަ މޮޅީ ކާކު؟

"ޕާސަނަލީ ބަލަންޏާމު އިއްބެ އަށް ވަރަށް ރީތި، ޝަލަބީގެ ކިޔުން. ވަރަށް ރީތި. ޝަލަބީ އަކީ ޝޯ ފެށިގެން ނިމެން އައިއިރު ވެސް އެއް ވަރެއްގައި ހިފެހެއްޓި މީހެއް. ލަވަކިޔުން. އެކަމަކު އަބަދުވެސް އަޅުގަނޑު ބުނީ ލަވަކިޔުމުގެ އިތުރުން ޕާފޮމާއެއް ވެސް އެބަ ބޭނުންވެޔޭ. ބަނޑިތައް ލައްވާލާފަ ލަވަކިޔުމެއް ނޫން."

"ތިން ކުދިންނަކީ ވެސް ވަރަށް ޗެލެންޖިން ތިން ކުދިން."

ޝޯކުރިއަށް ދިޔައިރު ޖަޖުން ބައެއް ކުދިންނަށް ފޭވާކުރާ ވާހަކައިގެ އަޑު ވަރަށް ގަދަވި. އިއްބެގެ ފެވަރިޓެއް ކަމަށް ވަނީ އިޝާން އަކީ. އަދި އަޒްލީމާ. ގަބޫލުކުރަންތަ އެއްވެސް ހިސާބެއްގައި އެ ދެ ކުދިންނަށް ނުވަތަ އެހެން ކުއްޖަކަށް ވެސް މާ ބޮޑަށް ފޭވާކުރެވުނު ކަމަށް؟

"މި ޝޯ އެންމެ ފުރަތަމަ ފެށުނުއިރު ވެސް އިންޑިއާގެ ކްރިއޭޓިވް ޑައިރެކްޓަރު ބުނި އެކި ކަހަލަ ފާޑުކިޔުން އަންނާނެ ވާހަކަ. ދެން ފެށުނީ ޝޯއާ އެކު އެކަންތައް. އެގޮތުން ހަނދާންވަނީ ފެވަރިޒަމްއާ ގުޅުވައިގެން އެންމެ ބޮޑަށް ތުހުމަތުކުރެވުނީ އަޅުގަނޑު އަޒްލީމާ އަށް ފޭވާކުރާ ކަމަށް. އެކަމަކު ޝޯގެ ތެރޭގައި ކުދިންނާ ގުޅިގެން ކުރިއަށް ގެންދަން ބުނެފައި އޮންނާތީ ސަމާސާ ވެސްކުރަނީ. އެކަމަކު އާންމުންނަށް ދައްކާލީމަ އަޅުވާކިޔަން ފެށީ."

"ފަހުން ފަހުން އައިސް ކިޔަން ފެށީ އިއްބެގެ ފެވަރިޓަކީ އިޝާންއޭ. ކިޑީގެ ފެވަރިޓަކީ ލައިއޭ. އައްމަޑޭގެ ފެވަރިޓަކީ ޝަލަބީއޭ. އެކަމަކު އިއްބެ ދުވަހަކު ވެސް ނީންނާނެ އެއްވެސް ކުއްޖަކަށް ފޭވާއެއްކޮށްފައި. ވޯޓް އޮޑިޓް ފާމަށް ވެސް ދައްކާލެވޭނެ، އަޅުގަނޑު ދެއްކި ވާހަކަތަކާއި މާކްސް ދިމާވާކަން. އަދި ޝޯ ނިމުމަށް ފަހު އޭގެ ކުއްޖަކާ ނީންނާނެ އެއްވެސް ކަހަލަ ކޮމިއުނިކޭޝަނެއް ވެސް."

"މީހުން އެހެން ކިޔަނީ، އިއްބެ ގަބޫލުކުރާ ގޮތުގައި އެއީ ހުސް ވާހަކަ ހަގީގަތެއް ނުބަލައި މީހުން ދައްކާ."

ތިން ފައިނަލިސްޓުންގެ ތެރެއިން ލަވައެއް ރިކޯޑްކޮށްލަން އެންމެ ބޭނުންވާ ފަރާތަކީ ކޮބާ އަދި އެއީ ކީއްވެ؟

"އިއްބެ މޭލް އާޓިސްޓަކަށްވީމަ އިއްބެ ނަގާނީ އަންހެން އާޓިސްޓް ދޯ. އެކަމަކު ހަގީގަތުގައި އިއްބެކުރާ މަސައްކަތެއްގައި އެ ތިން ލަވަކިޔުންތެރިން ވެސް ބައިވެރިކުރަން ބޭނުންވޭ. އިންޝާﷲ. އިއްބެ ބޭނުންވޭ މި ތިން މީހުންނަށް ވަކިވަކިން އެމީހުންގެ ސޯލޯ އަލްބަމްތަކެއް އުފައްދައިދޭން ވެސް."

"އަމިއްލަ ރާގުގެ ސޯލޯ އަލްބަމް އެ ތިން މީހުންނަށް ހަދައިދޭން ބޭނުންވަނީ އަޅުގަނޑުގެ ސްޓޫޑިއޯ އިން."

މިހާރު އެއް ވަނައާ މެދު ވަރަށް ގިނަ ބައެއްގެ މެދުގައި ހިޔާލުތަފާތުވެފައި އެ އޮތީ. ޝަލަބީގެ ޓީމުގެ ޝަކުވާ ވެސް ވަރަށް ގިނަ. ކޮބައިތަ އިއްބެ ދޭން ބޭނުންވާ ނަސޭހަތަކީ ވަކިން ހާއްސަކޮށް ޝަލަބީ އާއި އޭނާގެ ޓީމަށް؟ އެގޮތަށް އުޅުނީމަ ވަރަށް ގިނަ ފާޑުކިޔުން ވެސް އެ ވަނީ ޝަލަބީ އަށް އަމާޒުވެފައި؟

"ވަރަށް ވަރަށް ވަރަށް ގޯސް މެސެޖެއް އެ ދެވެނީ. ޝަލަބީގެ ޓީމަށް ބުނަން ބޭނުންވަނީ ޝަލަބީ އަކީ ވަރަށް ޓެލެންޓެޑް ކުއްޖެކޭ ވަރަށް ގިނަ ބައެއްގެ ލޯބި ލިބިފައި ހުރި ކުއްޖެކޭ. އެހެންވީމަ އެ ޓެލެންޓް ދުއްވާ ނުލާށޭ އެކަހަލަ ކޫސަނިކަންތައް ކޮށްގެން. ވަރަށް ސްޓުޕިޓް ކަމެއް އެއީ. އެކަހަލަ ކަންތައް ކޮށްގެން ނުވާނެ އަސްލު، ޝަލަބީ އަށް ދެވޭ ވަރަށް ބޮޑު ދެރައެއް އެއީ. ޝަލަބީ އަށް ދެވޭ ވަރަށް ބޮޑު ދެރައެއް އެއީ."

"ވަރަށް ހިތާމަކުރަން އެކަހަލަ ކަންތަކާ ހެދި."

މޯލްޑިވިއަން އައިޑޮލްގެ ފައިދާ އޭގެ ވިނާ އަށް ކިހާ ވަރަކަށް ކުރާނެ ކަމަށް ގަބޫލުކުރަނީ؟ އަދި ވަކިން ހާއްސަކޮށް ރާއްޖޭގެ މިއުޒިކްގެ ދާއިރާ އަށް އައިޑޮލްގެ ޕްލެޓްފޯމް މުހިންމުވާ މިންވަރު އަހަރެމެންނަށް ކިޔައިދީބަލަ؟

"ކޮންމެ ގޮތެއްވިޔަސް މިދިޔަ ދެ އަހަރު މި ދާއިރާ އޮތީ މަރުވެފައި. ޑެޑް. ހުސް ޕޮލިޓިކް މި ލިބެނީ ކޮންމެ އެއްޗެއް ހުޅުވާލިޔަސް. އެހެންވީމަ ވަރަށް ގިނަ މިއުޒީޝަނުން އުފާކުރޭ މީތި އައީމަ. އެއީ މިވެސް ޓެލެންޓް. މިއީ ލަވަކިޔަން ބޭނުންވެފައި ތިބި ކުދިންނަށް ހުޅުވުނު ރަނުގެ ފުރުސަތެއް. ފައިދާކުރާނީ ރަނގަޅު ގޮތުގައި އުޅެގެން. އެންމެ ފުރަތަމަ ވެސް ޑިސިޕްލިންއާ އެކު ނުކުންނަންވީ."

އައިޑޮލް ނިމިގެން ދިޔައިރު އިއްބެ އަށް ނިންމަން އެންމެ އުނދަގޫވި ނިންމުމަކީ ކޮބާ؟ އަދި ޝޯގެ ތެރެއިން ކުރިމަތިވި އެންމެ ބޮޑު ޗެލެންޖަކީ ކޮބާ؟

"އެންމެ ބޮޑު ޗެލެންޖަކީ ޓޮޕް ފައިވް. އެރޭގެ ޕާފޯމެންސްތައް ހުރިހާ ކުދިންގެ ވެސް އާދަޔާހިލާފަށް ތަފާތު. ޓޮޕް ފައިވްގައި ވީގޮތަކީ ކޮށްފަ ހުރި ކޮމެންޓްތައް ފްރިމެންޓަލް މީޑިއާ އިން ވެސް ބަލާފަ ހުރީ. ދެން ޖަޖުންނަށް ވެސް ފާހަގަކުރެވިފައި ހުރީ އޯވަރޯލްކޮށް އެކައްޗެއް. ދެން ފްރިމެންޓަލް މީޑިއާ އިން ވެސް އެދުނީ ނޯ އެލިމިނޭޝަން ބޭނުންކުރަން."

"އަސްލު ކޮންމެހެން އެ ބާރު ބޭނުންކުރާކަށް ނޫން ދިޔައީކީ. އެކަމަކު އެލިމިނޭޝަނާ ހަމަ އަށް ދިޔައީމަ ބޭނުންވީ ނޯ އެލިމިނޭޝަން."

ތޭރަވާ އަކީ އިއްބެގެ ވަރަށް ބޮޑު ރަހުމަތްތެރިއެއް. ތޭރަވާ އަކީ އައިޑޮލްގެ ވޮއިސް ކޯޗް ވެސްމެ. ބައެއް މީހުން ބުނި އައިޑޮލްގައި ބައެއް ކުދިންނަށް އެ ކދުިންގެ އަސްލު ފެންވަރު ނުދެއްކުނީ ތޭރަވާ އެކަނި ކޯޗަކަށް ހުރުމުންނޭ. ތޭރަވާގެ ގާބިލުކަމާއި މެދު ބުނާނީ ކީކޭ، އެކުވެރިއެއް އަދި އާޓިސްޓެއްގެ ގޮތުގައި؟

"އިއްބެ ގަބޫލެއް ނުކުރަން އެ ފާޑުކިޔުންތަކެއް. އެކަމަކު ތޭރަ އަށް ވެސް ފާޑުކިޔުން އަމާޒުވި. އެކަމަކު އެއީ ވެލިއުއެއް ހުރި ވާހަކަތަކެއް ނޫން. މި ޝޯ ރާވާލާފައި އޮންނަ ގޮތުން އެއްވެސް މީހަކަށް މާ ގިނަ ވަގުތެއް ނުލިބޭ. އެންމެން އުޅެން ޖެހެނީ އަވަސް އަރުވާލައިގެން. މުޅި ޓީމު ވެސް ކުދިން ވެސް އުޅެނީ ރަޝްގައި. އެއީ ކުޑަ ވަގުތުކޮޅެއް މި ލިބެނީ."

"އެހެންވީމަ އެއްވެސް އެއްޗެއް އެނގިގެނެއް ނޫން ތޭރައޭ ކިޔާފައި މީހުން ސޯޝަލް މީޑިއާގައި ވެސް އެކީ އެއްޗެއްކީ."

މިސާލަކަށް ބުނެވިދާނެތަ ޖަޖުންގެ ބާރުގެ ބޭނުންކޮށްގެން އެއްވެސް ކުއްޖަކު ޝޯއިން ކަޓުވާލިއޭ؟ ބައެއް މީހުން ބުނޭ މުއައްޒިން ކަޓުވާލީ ޖަޖުން ގަސްތުގައޭ. ކިހާ ވަރެއްގެ ހަގީގަތެއް؟

"ޖަޖުންނަށް ބާރެއް އޮވޭ. އޯޑިއެންސަށް ވެސް އޮވޭ. ކޮންމެ ގޮތެއްވިޔަސް ޖަޖުން ވިސްނާނީ މުޅި ޝޯ އަށް. ޖަޖުން ވިސްނާކަށް ނުޖެހޭނެ ބެލުންތެރިން ކިޔާ އެއްޗަކަށް. ބެލުން މިވެނި މީހަކު ނަގާށޭ ބުންޏަސް، ބެލުންތެރިންނަކަށް ނޭނގޭނެ. އެކަމަކު ބެލުންތެރިންނަށް އެބައޮތް ވޯޓް ދެވެން. ޖަޖިން ޕެނަލްގައި އަޅުގަނޑުމެން އަބަދުވެސް މަސައްކަތްކޮށްފައި ހުންނާނީ ކްރިއޭޓިވިޓީ ހުންނަ ކުއްޖާ އަށް ފުރުސަތު ހޯދައިދޭން."

މޯލްޑިވިއަން އައިޑޮލްއާ އެކު ކުރެވުނު އެންމެ ސަޅި ތަޖުރިބާ އަހަރެމެންނަށް ކިޔައިދީ ބަލަ؟ ހަނދާނުން ފޮހެލަން ބޭނުން ނުވާ ކަމެއް؟

"ހަނދާނުން ފޮހެލަން އެންމެ އުނދަގޫވާނީ، ތިހިރީ މޯލްޑިވިއަން އައިޑޮލް އަށް ހޮވިފައޭ ބުނި ދުވަސް. ހީވިކަހަލަ އެއީ މި ހުރިހާ ދުވަހު ކުރި މަސައްކަތުގެ އެވޯޑެކޭ. އޭގެ އަގު ލިބުނު ކަހަލަ."

  • ފޮޓޯގްރެފީ: މިލްޒީރޯ ނިޝާން
  • ސްޓައިލިސްޓް: ނޯނި
  • މޭކަޕް އެންޑް ހެއާ: ރިޒް
  • ވޯޑްރޯބް: ޗެޕްސް ރިޒާވްޑް
  • ވީޑިއޯ އަދި އެޑިޓިން: އަހުމަދު ޝުރާއު
  • ޕްރޮޑަކްޝަން މެނޭޖަރު: އަހުމަދު ނާއިފް