"މަ ބޭނުމީ މަގޭ ފިރިމީހާގެ ގައިގައި * ބޮޑު ލިސްޓެއް* މި ސިފަތައް ހުންނަން. އޭރަށް އުފާވެރި ލައިފެއް ލިބޭނީ،" މިއީ ފުރާވަރަށް އަރައިގެން އައީއްސުރެ އަންހެން ކުދިން ސިކުނޑިތެރޭ ގެންގުޅޭ ހިޔާލީ މީހެކެވެ. މީހަކާ އިންނަންދެން ހިޔާލީ މި މީހާ ހިތުތެރޭ ގެންގުޅެ އެވެ. އެކަމަކު ހަގީގަތުގައި ހަޔާތުގެ ބައިވެރިއަކަށް އަންނަ މީހާގެ ގައިގައި އެހުރިހާ ސިފައެއް ނުހުރެ އެވެ. މައްސަލަ ޖެހޭ ހިސާބަކީ މއީ އެވެ. އެއީ ހަމަ އެކަށީގެންވާ ގޮތެކެވެ. ހިޔާލުގައި ގެންގުޅޭނީ އެއްވެސް އުނި ސިފައެއް ނެތް "ޕާފެކްޓް" މީހެކެވެ. އެކަމަކު އެއްވެސް އިންސާނަކީ ޕާފެކްޓް މީހަކަށް ނުވެ އެވެ.
ފިރިހެން ކުދިންނަށްވެސް މި މައްސަލަ އާއި ކުރިމަތިވާ ފަހަރު އާދެ އެވެ. ހިތުތެރޭގައި ގެންގުޅޭ ހިޔާލީ އަންހެން ކުއްޖާގެ ގައިގައި ހުންނަ ހުރިހާ ސިފައެއް ކައިވެނިކުރާ އަންހެން ކުއްޖާގެ ގައިގައި ނުހުރުމެވެ. ގަބޫލުކުރަންވީ ކަމަކީ ކުރިންވެސް ބުނިހެން އެއްވެސް އިންސާނަކު ޕާފެކްޓް ނުވާނެ ކަމެވެ.
ޕާފެކްޓު ނޫނަސް މި ސިފަތައް ހުރެއްޖެޔާ އެއީ ހަމަ އެންމެ އެކަށީގެންވާ ފިރި އެކެވެ. ނުވަތަ އަންބެކެވެ.
އަންޑަސްޓޭންޑު ނުވާނަމަ ތިއޮތީ "ކެންސަރު" ޖެހިފައި
"ހަމަ އަސްލުވެސް ބިޒީ އީ އޭ އޮފީހުގައި، މިރޭ ނުދެވޭނެ ދުއްވާލާކަށް. ވަރަށް ގިނަ މަސައްކަތް އެބަހުރި، އެހެން ކުއްޖެއް ކައިރިއަށް ދާކަށް ނޫނޭ. ޓްރަސްޓް މީ. ޕްލީޒް" މިއީ ބައެއް ރައްޓެހިން އެމީހުންގެ ބައިވެރިންނާ ބައެއް ފަހަރު ޖެހޭ މައްސަލަ އެކެވެ. މިހެންވަނީ އިތުބާރު ނުކުރާތީ އެވެ. ވާން ޖެހޭ ވަރަށް އަންޑަސްޓޭޏްޑު ނުވާތީ އެވެ.
އިތުބާރަކީ ހުރިހާ ގުޅުމެއްގެވެސް ލޮނު ހެޔޮވަރުކޮށްދޭ އިންގްރީޑިއަންޓަށްވާއިރު އިތުބާރު ނެތިއްޖެނަމަ އެގުޅުމަކު މީރު ރަހައެއް ނުދޭނެ އެވެ. އެހެން ހުރިގާ އިންގްރީޑިއަންޓެއް އެންމެ އެކަށީގެންވާ ވަރަށް އެޅިއަސް އެއަކުން ކުރާނެ ފައިދާއެއް ނެތެވެ. އިތުބާރު ނުކުރާނަމަ އެގުޅުމަކަށް ކެންސަރު ނުޖެހި ނުދާނެ އެވެ. ކުރީކޮޅު ފަރުވާ ނުދެވިއްޖެނަމަ ފުރާނައަށް ގެއްލުންވާ މި ބައްޔަށް ގުޅުމުގައި ފަރުވާނުދެވިއްޖެ ނަމަ ނަތީޖާއަކަށް ވަނީ ދެ މީހުންގެ ގުޅުން ނިމުމަކަށް އައިސް ސަންދޯކަށްލާ ވަޅުލަން ޖެހުމެވެ.
"ވަރަށް އުޅެން ބޭނުންވި. އެކަމަކު ޓްރަސްޓް ނުކުރެވޭތީ ޑިވޯސްއަކަށް ދާން ޖެހުނީ. ކިރިޔާ އެންމެ މިނެޓެއް ލަސްވިއަސް އޭނަ ހިތް އޮންނަނީ ޝައްކުން ފުރިފައި. އެހެން ކިހިނެއް އުޅޭނީ ކިތަންމެ ލޯބިވިއަސް" އިތުބާރުގެ މައްސަލައިގައި ކައިވެނީގެ ގުޅުން ނިމުމަކަށް ގެނައި ޒުވާނަކު ވަހަކަ ދައްކަމުން ބުންޏެވެ.
ގަބޫލުކުރަންވީ ކަމަކީ ބައިވެރިޔާ އަށް ވަގުތު ދޭން ޖެހޭ ކަމެވެ. ވަޒީފާގައި ލަސްވިއަސް އެއީ ޝަކުވާ ކޮށް ޝައްކު ކުރަންވީ ކަމެއް ނޫނެވެ. ބައިވެރިޔާ މަސައްކަތް އެކުރަނީ ހަމަ ދެމީހުންގެ ދިރިއުޅުމައްޓަކައި ކަމެވެ.
ތި ގުޅުމުގައި މަދުވަނީ އިތުބާރާއި އަންޑަސްޓޭންޑެވެ. އެބައި ފުރިހަމަކޮށްލީމަ ދިރިއުޅުމުގެ ރީތިކަން ރަނގަޅަށް ފެންނާނެއެވެ. ބްލެކިން ވައިޓްކޮށް ހުރި މަންޒަރުތައް ގުދުރަތީ ކުލަތަކުން ފެވި ހިތަށް ހަމަޖެހުން ދޭނެ އެވެ.
ތެދު ހެދުމަށްވުރެ މޮޅު ގޮތެއް ނެތް
އޭނަ ހިތްހަމަ ނުޖެހޭ ކަމެއް ކުރެވުނީ ހެއްޔެވެ؟ މައްސަލަ ޖެހިދާނެތީ ނޫނީ ދެ މީހުން ވަކިވެދާނެތީ ހާސްވެ ކަންބޮޑުވާނެ ކަން އެނގެ އެވެ. އެކަމަކުވެސް ތެދު ހަދާށެވެ. ދޮގަކީ އަބަދު ސިއްރުވެފައި އޮންނާނެ އެއްޗެއް ނޫނެވެ. މިއީ އިތުބާރު ވަރުގަދަ ވުމަށް އެންމެ މުހިންމު އަސާސެވެ. ތެދުވެރިކަން ނެތިއްޖެނަމަ އިތުބާރެއް ނެތެވެ. ފަހުން ހަގީގަތް އެނގިއްޖެ ނަމަ ދެން އެޖެހުނީ ކަންތަކާއެވެ. ބައިވެރިޔާ ވަރަށް ހިންހަމަ ނުޖެހޭނެ އެވެ. އެންމެ ރަނގަޅު ގޮތަކީ ތެދަށް ބުނުމެވެ.
ދޮގު ހަދާ އޮޅުވާލައިފިނަމަ އެއޮއްހާ ދުވަހުން ބިލްޑު ކުރެވުނު އިތުބާރު މަދު ސިކުންތުކޮޅެއްގެ ތެރޭގައި ފުނޑު ފުނޑުވެ ބުރައިގެން ހިނގައިދާނެ އެވެ.
ވެއްޓިއްޖެ ނަމަ އެންމެ ކުރިން އައިސް އަތުގައި ހިފާނެ
މިދައްކަނީ މަގުމަތީގައި ހިނގާފަި ދަނިކޮށް ވެއްޓޭ ވާހަކައެއް ނޫނެވެ. މިއީ ފެއިލް ވެއްޖަނަމަވެސް އެންމެ ކައިރީގައި ހިތްވަރުދޭން ހުންނަ ހުރުމެވެ. ބައިވެރިޔާ ހަގީގަތުގައިވެސް ތިބާދެކެ ލޯބިވާނަ ވެއްޓުނީމަ ހޭން ހުންނާކީ ނޫނެވެ. ނޫނީ އެހެން މީހުންހެން ދުރުގައި މަންޒަރު ބަލަން ތިބެ ޖަޖު ކުރާނީކީ ނޫނެވެ. ދެރައެއް ލިބުނު ވަގުތު އެންމެ ކައިރީގައި ހުރެ "ކޮމްފޯޓް" ކޮށްދިންހެން އުފާވެރި ކަމެއް ލިބުމުން އެކަން ފާހަގަކުރަންވެސް އެންމެ ކައިރީގައި ހުންނާނެ އެވެ.
ދުވަސްކޮޅުކޮޅުން މޫޑަށް ތިއަންނަ ބަދަލުތައް އޭނަ ޓޮލަރޭޓް ކުރާނެ އެވެ. އެއްޗެއް ބުނި ހެއްޔެވެ؟ ދެރަވެގެން ރޯން ބޭނުންވި ކޮންމެ ފަހަރަކުވެސް ލިބުނީ އެ ކޮނޑުގައި ބޯ އަޅާލައިގެން ރުއިމުގެ ފުރުސަތެވެ. ބިރުގަނެ ހާސްވުމުންވެސް ލިބުނީ އެދެއަތުގެ ހިމާޔަތާއި ރައްކާތެރިކަމެވެ. މިއަށްވުރެ ރަނގަޅު ފިރިއެެއް ކޮބާ ހެއްޔެވެ؟
މި ހުރިހާ ކަމަކަށްފަހުވެސް އޭނާ ހުރީ ތިބާގެ ކައިރީގަ އެވެ. ދެއްކި ހުރިހާ ވާހަކައެއް ޝައުގުވެރިކަމާއެކު އަޑު އެހި އެވެ. ތިބާއަށް ރަނގަޅުގޮތް މިންވަރު ކޮށްދިނުން އެދި ދުއާކޮށް ތިބާގެ ކައިރީގަ އެވެ. ނާކާމިޔާބަކީ ކާމިޔާބުގެ ތަޅުދަނޑިކަން ރަނގަޅަށް ސިކުނޑިއަށް ވިސްނައިދިނީ އޭނާ އެވެ. ތިބާ ބޭނުންވި ގޮތަށް މިފަހަރުވެސް ޑިޒިޝަން ނަގަން އެންމެ އެދެވޭ އެއްބާރުލުން ދިނެވެ. އެތައް ދުވަހެއްވީ އިރުވެސް ފޫހިކަމެއް ނެތި އެވެ. އެކުގައި ހުރިހާ ވަގުތެއްހެން ހޭދަކޮށް ތި ހިތަށް ލިބިފައިވާ ޒަހަމްތަކުގައި ބޭސް އަޅައިދޭށެވެ. މިއަށްވުރެ އެކަށީގެންވާ އަންބެއް ނިކަން ހޯދަބަލާށެވެ.
ކުޑަކުދިން ދެކެ ލޯބިވުން
އަންހެން ކުއްޖެއްގެ ހިތް އަތުލަން މިއަށްވުރެ މޮޅުގޮތެއް ނެތެވެ. ކުޑަކުދިންނާ ގުޅޭ އެކުދިންދެެކެ ލޯބިވާ ފިރިހެނުންނަށް އަންހެނުން ފޯލްވާލެއް އަވަހެވެ. ދަރިން ލިބުނީމަ އެކުދިންނާއެކު ލޯބިވެތި ވަގުތުތަކެއް ހޭދަކުރާނަމަ ދުވަހަކުވެސް ވަކިވާ ކަހަލަ ވިސްނުމެއް އަންހެނުން ނުގެންގުޅޭޭނެ އެވެ. އެމީހުންގެ ހިތުގެ އެއް ފަޅި އަކީ ދަރިފުޅެވެ. އެދަރިފުޅު ލޯބިވާ ކޮންމެ އެއްޗެއް ދެކެ މަންމަ ލޯބިވާނެ އެވެ. އަދި އެދަރިފުޅު ދެކެ ލޯބިވާ ކޮންމެ މީހެއް ދެކެވެސް އެ މަންމަ އިންތިހާއަށް ލޯބިވެ އިހުތިރާމް ކުރާނެ އެވެ.
އެހެންވީމަ ދަރިއަކު ނުހޯދަން ތިގެންގުޅޭ ވިސްނުން ދޫކޮށްލާށެވެ. ނޫނީ ކިތަންމެ ލޯބިވިއަސް އަންހެނުން ދާނެ އެވެ.
ދެ މީހުންގެ ހޮބީޒް އެކައްޗަކަށް ވީ؟
" މަ އަސްލު ވަރަށް ފޫހިވާ ކަމެއް ވާހަކަ ކިއުމަކީ، އެކަމަކުވެސް ނޭނގެ، އޭނަ މާ ކުރާ ހިތްވާ ކަމެއްވީމަ މަވެސް އޭނަ އާއެކު ކިޔަން ފެށީ، މިހާރު އެބަ ލައިކްވޭ ކަންނޭ ވާހަކަ އާ"
މިހާރު ހުސްވަގުތުތަކުގައި ދެ މީހުން ކުރާ ކަންތައްތައް އެއް ކަމަކަށް ބަދަލުވީ ހެއްޔެވެ؟ ނޫނީ ކިތަންމް ކުރާ ހިތް ނުވިއަސް ތިބާ ކުރާ ހިތްވާ ކަމަކަށް ވާތީ އޭނާ އައިސް ބައިވެރިވަނީ އެވެ. އޭނާގެ އުފަލަށްވުރެ ތިބާގެ އުފާވެރިކަން އޭނާ އަށް މުހިންމު ހެއްޔެވެ؟ މިއީ އެކަމެއްް ކުރަންވެސް އޭނާއަށް ލިބޭ ހިތްވަރެކެވެ. މިހާރު އޭނާގެ ހޮބީއަކީ ތިބާ އުފާކުރުވުމެވެ. ތިބާއަށް ހަދިޔާ ދީ ތިބާގެ އުފާވެރިކަމަށް މަަސައްކަތް ކުރުމެވެ.
މި ސިފަތައް ބައިވެރިޔާގެ ކިބައިގައި އެބަހުރި ހެއްޔެވެ؟ އެހެންވިއްޔާ ތިއީ ޕާފެކްޓް ބައިވެރިއެކެވެ. އޭނަ ދޫކޮށް ނުލައްޗވެ. އެފަދަ ދެވަނަ އެއް ނުލިބޭނެ އެވެ.