ޓެރަރިޒަމް

މައްކާގައި ހަމަލާންދޭން ރޭވީ ސައުދީގެ ހަތަރު މީހުން

މިދިޔަ ބުރާސްފަތި ދުވަހު މައްކާއަށް ހަމަލާންދޭން ރާވަމުން ދަނިކޮށް މައްކާގެ ރަށް ބޭރުން މަރާލީ، ސައުދި އަރަބިއްޔާގެ ހަތަރު މީހުން ކަމަށް އެ ގައުމުން ބުނެފި އެވެ.

ސައުދީގެ އިންޓީރިއާ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ބުރާސްފަތި ދުވަހު މަރާލި ހަތަރު މީހުންނަކީ ސައުދީ އަރަބިއްޔާގެ ހަތަރު މީހުން ކަމަށާއި އެމީހުންނަކީ ހައްދުފަހަނައަޅާފައިވާ ފިކުރުގެ ހަތަރު މީހުން ކަމަށެވެ. ބަޔާނުގައި ބުރާސްފަތި ދުވަހު މަރާލި ސައުދީ ސެކިއުރިޓީ އޮފިސަރުގެ ނަން ވެސް ވަނީ އާންމުކޮށްފަ އެވެ. އެ އޮފިސަރަށް ހަމަލާދިން މީހުން އަތުލައިގަނެވިފައެއް ނުވެ އެވެ.

ސެކިއުރިޓީ އޮފިސަރު މަރާލާފައިވަނީ، ހަމަލާއެއް ދޭން ރާވަމުންދާކަމުގެ މައުލޫމާތު ލިބި، އެ ގައުމުގެ ފުލުހުން އޮޕަރޭޝަން ހިންގަމުން ދަނިކޮށެވެ. މި އޮޕަރޭޝަނުގައި ހަތަރު މީހުން މަރާލާފައިވާއިރު ހަތަރު މީހުންގެ ތެރެއިން ދެ މީހުން މަރުވެފައިވަނީ ފުލުހުން ދިން ބަޑީގެ ހަމަލާއެއްގަ އެވެ. އަނެއް ދެ މީހުން މަރުވީ ގައިގާ ހަރުކޮށްފައިހުރި ބޮމެއް ގޮއްވާލާ އަމިއްލައަށެވެ. މި ހަތަރު މީހުންނަކީ ފުލުހުންގެ ވޯންޓެޑް ލިސްޓްގައި ތިބި ހަތަރު މީހުންނެވެ.

މީގެއިތުރުން މައްކާއަށް ހަމަލާއެއް ދޭން ރާވަމުން ދިޔަ ދެ މީހުން ޖިއްދާއިން ވެސް ބުރާސްފަތި ދުވަހު ވަނީ ހައްޔަރުކޮށްފަ އެވެ. ސައުދީ ފުލުހުން ބުރާސްފަތި ދުވަހު ހިންގި އޮޕަރޭޝަނުގައި ބައެއް ހަތިޔާރާއި ގޮވާތަކެތި ވެސް ވަނީ އަތުލައިގެންފަ އެވެ.