ހަބަރު

އިބްތިހާލްގެ މައްސަލަޔާ ގުޅޭ ލިޔުންތައް ލިބިއްޖެ، ކޮމިޓީ މާދަމާ ބާއްވަނީ

މަންމަ އަނިޔާކޮށް މަރާލި ކަމަށް ތުހުމަތު ކުރެވޭ މުހައްމަދު އިބްތިހާލްގެ މައްސަލައާ ގުޅުން ހުރި ލިޔެކިޔުންތައް މިހާރު ލިބިފައިވާ ކަމަށާއި މާދަމާގެ ކޮމިޓީގެ ބައްދަލުވުމެއް ބާއްވާނެ ކަމަށް، އެ މައްސަލަ ބަލާ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން ބުނެފި އެވެ.

އައްޑޫ، މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ހުށަހެޅުއްވި އެ މައްސަލައިގައި މިދިޔަ ހޯމަ ދުވަހު ބޭއްވި ބައްދަލުވުމުގައި ނިންމާފައި ވަނީ އެ މައްސަލައާ ގުޅޭ ލިޔެކިޔުންތައް ދައުލަތުގެ މުއައްސަސާތަކުން ހޯދުމަށް ފަހު މައުލޫމާތު ސާފު ކުރުމަށް ކަމާ ގުޅޭ އިދާރާތަކުން ކޮމިޓީއަށް ހާޒިރުކުރުމަށެވެ.

އެ ކޮމިޓީގެ މެންބަރަކު މިއަދު ވިދާޅުވީ ހޯދަން އެދުނު ލިޔެކިޔުންތައް މިއަދުގެ ވަގުތެއްގައި ލިބިފައިވާ ކަމަށެވެ. އަދި އެ ލިޔުންތައް ދިރާސާކޮށް މައްސަލަ އިތުރަށް ކުރިއަށް ގެންދާނެ ގޮތެއް ބެލުމަށް މާދަމާ ޖަލްސާއެއް ބާއްވާނެ ކަމަށެވެ. އަދި އެ މައްސަލަ އަވަހަށް ނިންމުމަށް އިސްކަން ދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ފުލުހުން ވެސް މިހާރު އަންނަނީ އެ މައްސަލަ ހިނގައިދިޔަ ގޮތް ބަލަމުންނެވެ. އިބްތިހާލްގެ މަންމަ އޭނާއަށް އަނިޔާ ކުރާ މައްސަލަ މީގެ ކުރިން ވެސް ޖެންޑާއަށް ހުށަހެޅި ނަމަވެސް އެކަމަށް އެކަށީގެންވާ ފިޔަވަޅެއް އަޅާފައި ނުވާ ކަމަށް ބައެއް ފަރާތްތަކުން އަންނަނީ ތުހުމަތު ކުރަމުންނެވެ. ނަމަވެސް ޖެންޑާ މިނިސްޓްރީން ބުނަނީ އެއީ ދޮގެއް ކަމަށެވެ.

އިބްތިހާލު މަރުވެފައި ވަނީ އޭނާގެ މަންމަ ކުރި އަނިޔާތަކުން ކަމަށް ވަނީ ތުހުމަތުކޮށްފަ އެވެ. އަދި އެ މައްސަލައިގައި އޭނާގެ މަންމަ ހައްޔަރުކޮށް ފުލުހުން އަންނަނީ މައްސަލަ ބަލަމުންނެވެ. އަދި އެ މައްސަލައިގައި ޒިންމާވާ ފަރާތްތަކާ ދޭތެރޭ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.