ގިނަ އަހަރުތަކަކަށްފަހު އުތުރު ކޮރެއާގެ ވެރިކަންކުރާ ޕާޓީގެ ކޮންގްރެސް ބާއްވައިފި އެވެ. އެ ގައުމުގައި ޕާޓީގެ ކޮންގްރެސް މި ބޭއްވީ 40 އަހަރަށްފަހު އެވެ.
ވޯކާސް ޕާޓީގެ ކޮންގްރެސްއަށް ގައުމުގެ އެކި ސަރަހައްދުތަކުން އެތައް ހާސް މަންދޫބުންނެއް ބައިވެރިވެފައިވެ އެވެ. މި ކޮންގްރެސް ކަވާކުރުމަށް 130 ފޮރިން ނޫސްވެރިންނަށް ދައުވަތު އަރުވާފައިވެ އެވެ. ނަމަވެސް ކޮންގްރެސް ހިނގަމުން ދިޔަ މާލަމަށް ނޫސްވެރިން ވަނުމުގެ ހުއްދަ ދީފައެއް ނުވެ އެވެ. ނޫސްވެރިންނަށް ތިބެން ޖެހުނީ 200 މީޓަރު ދުރުގަ އެވެ.
ކޮންގްރެސްގައި ވާހަކަ ދައްކަވަމުން ޕާޓީގެ ލީޑަރު އަދި އެ ގައުމުގެ ރައީސް ކިމް ޖޮން އުން ވިދާޅުވީ، އުތުރު ކޮރެއާ ވަނީ ބޮޑެތި ކާމިޔާބީތަކެއް ހާސިލުކޮށްފައި ކަމަށެވެ. އެގޮތުން ހައިޑްރޮޖެން ބޮން އުތުރު ކޮރެއާ ޓެސްޓްކޮށްފައިވާތީ އެކަމާ މަރުހަބާ ދަންނަވާފައިވެ އެވެ. އަދި ނިކުލިއާ ހަތިޔާރު އުފެއްދުމުގައި ހޯދަމުންދާ ކުރިއެރުންތަކާމެދު ފަހުރުވެރިވާ ކަމަށްވެސް ވިދާޅުވި އެވެ.
އުތުރު ކޮރެއާއިން އިތުރު ނިއުކްލިއާ ޓެސްޓެއް ކުރަން އުޅޭ ކަމުގެ ހަބަރުތައް ފެތުރިފައިވާއިރު އިއްޔެ ކިމް ވަނީ އެފަދަ އިޝާރާތެއް ވެސް ކުރައްވާފަ އެވެ.
ދެހާސް އެގާރަވަނަ އަހަރުގެ ޑިސެމްބަރު މަހު ކިމްގެ ބައްޕާފުޅު އަވަހާރަވުމާ ގުޅިގެން ވެރިކަމާ ކިމް ހަވާލުވެވަޑައިގެންނެވި ފަހުން އުތުރު ކޮރެއާއިން ވަނީ ދެ ނިއުކްލިއާ ޓެސްޓެއް ކޮށްފަ އެވެ. އަދި ދެ ސްޕޭސް ރޮކެޓެއް ވެސް ވަނީ ކާމިޔާބުކަމާއެކު ލޯންޗްކޮށްފަ އެވެ.