ސަލްމާން ހާން

ސަލްމާން ކައިރިން "ރައީސް" ސަލާމަތްވެ، ރިތިކްއާ ކުރިމަތިލާން ތައްޔާރަށް!

May 7, 2016

ސުޕަސްޓާ ޝާހްރުކް ޚާންގެ "ރައީސް" އާއި ސަލްމާން ޚާންގެ "ސުލްތާން" ކުޑަ އީދާ ދިމާކޮށް އެއް ދުވަހެއްގައި ރިލީޒްކުރުމަށް ހަމަޖެހިފައި އޮތުމަށްފަހު، "ރައީސް" ރިލީޒްކުރާ ދުވަސް އަންނަ އަހަރަށް މިވަނީ ފަސްކޮށްފަ އެވެ.

އަންނަ ޖެނުއަރީ މަހުގެ 26 ވަނަ ދުވަހު މިފިލްމު ރިލީޒްކުރާ ގޮތަށް ލަސްކޮށްފައިވާއިރު، މިފިލްމާއެކު ރިތިކް ރޯޝަންގެ "ކާބިލް" ވެސް ރިލީޒްކުރާނެ އެވެ. ކުރިމަތިލުމަކަށް ނުދާން ނިންމައި "ރައީސް" ރިލީޒްކުރުން ލަސްކުރި ނަމަވެސް އަނެއްކާވެސް މިފިލްމު މިވަނީ ކުރިމަތިލުމަކަށް ގޮސްފަ އެވެ.

ސަންޖޭ ގުޕްތާ ޑައިރެކްޓްކޮށް، ރާކޭޝް ރޯޝަން ޕްރޮޑިއުސްކުރާ "ކާބިލް" އަންނަ ޖެނުއަރީ 26 ވަނަ ދުވަހު ރިލީޒްކުރާކަން ފިލްމު އުފައްދާ ފަރާތުން ވަނީ މިފެބްރުއަރީ މަހުގެ ތެރޭގައި އިއުލާންކޮށްފަ އެވެ. "ރައީސް" "ކާބިލް" އާއި އެއްދުވަހެއްގައި ރިލީޒްކުރަން ނިންމުމުގެ ކުރިން ދެފިލްމުގެ ވެރިން ވަނީ އެކުގައި މަޝްވަރާވެސް ކޮށްފަ އެވެ.

އަދި ޝާހްރުކް ވަނީ ރިތިކްއާ ބައްދަލުކޮށް "ކާބިލް" ރިލީޒްކުރާ ދުވަސް އެހެން ދުވަހަކަށް ބަދަލުކުރުމަށް އެދިފަ އެވެ. ރިތިކް ވަނީ ޝާހްރުކް ކުރެން އެކަމާ ގުޅޭގޮތުން އޭނާގެ ބައްޕަ އާއި ސަންޖޭއާ ވާހަކަދެއްކުމަށް އެދިފަ އެވެ. ޝާހްރުކް ރާކޭޝް ކުރެން އެފިލްމު ރިލީޒްކުރާ ދުވަސް އެހެން ދުވަހަކަށް ފަސްކުރަން އެދި ގުޅުމުން ވަނީ އެމީހުންގެ ފިލްމު ރިލީޒްކުރާ ދުވަސް ބަދަލުކުރަން އިންކާރުކޮށްފަ އެވެ.

މިދެފިލްމު އެއް ދުވަހެއްގައި ރިލީޒްކުރުމާއި ގުޅޭގޮތުން ވާހަކަދައްކަމުން ރާކޭޝް ވަނީ އެހެން ބައެއްގެ ފިލްމެއް އެދުވަހު ރިލީޒްކުރުމާއި ނުކުރުން އެއީ އެމީހުންގެ މައްސަަލައެއް ނޫންކަމަށާއި އޭނާގެ ފިލްމު އެދުވަހުގައި ރިލީޒްކުރާނެ ކަމަށެވެ.

"ރައީސް" ރިލީޒްކުރުން ލަސްކުރިކަން ހާމަކުރަމުން ފިލްމުގެ ދެޕްރޮޑިއުސަރުން ކަމަށްވާ ފަރްހާން އަހްތަރާއި ރިތޭޝް ސިދްވާނީ ނެރުނު ސްޓޭޓްމަންޓެއްގައިވަނީ "ރައީސް" އަކީ ގިނަބަޔަކު އިންތިޒާރުކުރަމުން އައި ފިލްމަކަށް ވެފައި އެފަދަ ފިލްމެއް ރިލީޒްކުރާ ދުވަސް ލަސްކުރުމަކީ ފަސޭހަކަމެއް ނޫންކަމަށް ބުނެފަ އެވެ. އަދި މިފަދަ ބޮޑު ފިލްމެއް ރިލީޒްކުރަން ޖެހޭނީ އެފިލްމަކަށް ބެލުންތެރިންގެ ސަމާލުކަން އެންމެ ބޮޑަށް ލިބޭނެ ފަދަ ގޮތަކަށް ކަމަށް ގަބޫލުކުރާ ކަމަށް ބުނެފަ އެވެ.