ވިޔަފާރި

މާލެއާ އެއްއަގެއްގައި ހުޅުމާލެއިން ތެޔޮ ލިބޭނެ ގޮތް ހަނދާނަން: ޝަހީރު

  • ގޭސް ފޯރުކޮށްދޭ ސެންޓަރުތަކެއް އަތޮޅުތަކުގައި ހަދަނީ
  • ހުޅުމާލޭގައި ގޭސް ސްޓޯ ކުރާވަރު އިތުރުކުރާނެ
  • ތެޔޮ ޝެޑެއް ހެދުމުގެ މަސައްކަތް ވެސް ކުރިއަށްދޭ

މިއަހަރު ނިމުމުގެ ކުރިން، މާލެ އެކޭ އެއް އަގެއްގައި ހުޅުމާލެއިން ޕެޓްރޯލް އާއި ޑީސަލް ލިބޭނެ ކަމަށް އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަހީރު ވިދާޅުވެއްޖެ އެވެ.

ހުޅުމާލޭގައި މޯލްޑިވްސް ގޭސްގެ ޑިސްޓްރިބިއުޝަން ސެންޓަރެއް ހުޅުވަން މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޝަހީރު ވިދާޅުވީ ހުޅުމާލޭގައި ހަދާ ތެޔޮ ޝެޑްގެ މަސައްކަތް މިއަހަރު ނިމިމުގެ ކުރިން ނިންމާލެވޭނެ ކަމަށެވެ. އަދި އެކަމުގެ ސަބަބުން ޕެޓްރޯލާއި ޑީސަލް މާލޭ އެކޭ އެއް އަގެއްގައި ހުޅުމާލެއިން ލިބޭނެ އިންތިޒާމް ހަމަޖެއްސޭނެ ކަމަށް ވެސް ޝަހީރު ވިދާޅުވި އެވެ.

ހުޅުމާލޭގައި ޕެޓްރޯލެއް ޝެޑެއް ހުޅުވައި ހިދުމަތް ދެވޭނެ އިންތިޒާމް ހަމަޖެއްސުމަށް އެސްޓީއޯ އިން މިހާރު އަންނަނީ މަސައްކަތް ކުރަމުންނެވެ. ޝަހީރު ވިދާޅުވީ ގޭސް ފިލިން ސްޓޭޝަނެއް ހުޅުމާލޭގައި ހެދުމަށް ވެސް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެކަމުގެ ސަބަބުން ގޭސް ފޯރުކޮށްދޭން ފަސޭހަތަކެއް ވާނެ ކަމަށް ވިދާޅުވި އެވެ. އަދި ގޭހުގެ ރަނގަޅު ސްޓޮކެއް ގާއިމް ކުރެވޭނެ ކަމަށް ވެސް ވިދާޅުވި އެވެ.

"މިއަހަރު ނިމުމުގެ ކުރިން މާލެ އެކޭ އެއް އަގެއްގައި ޑީސަލް އަދި ޕެޓްރޯލް ހުޅުމާލެއިން ލިބެން ހުންނާނެ. އެ އިންތިޒާމްތައް އަޅުގަނޑުމެންނަށް ހަމަޖެއްސޭނެ،" ޝަހީރު ވިދާޅުވި އެވެ.

މާލެއަށް ބޭނުންވާ ގޭސް ސްޓޯކޮށް ޑިސްޓްރިބިއުޓް ކުރުމުގެ މަސައްކަތްވެސް ފުޅާކުރުމުގެ މަޝްރޫއެއް ރާވާފައިވާ ކަމަށްވެސް ޝަހީރު ވިދާޅުވި އެވެ. މިހާރު ގޭސް އުފައްދަމުން އަންނަނީ ތިލަފުށީގައި ކަމަށް ވުމުން، މާލެއަށް ގެންނަނީ ވަރަށް މަދު ދުވަސްކޮޅަކަށް ފުދޭ ވަރުގެ ސްޓޮކެކެވެ. ޝަހީރު ވިދާޅުވީ މާލޭގައި ގޭސް ރައްކާކޮށްފައި ބެހެއްޓޭނެ ސްޓޯރޭޖް ބޮޑުކުރުމަށް ވެސް ރާވާފައިވާ ކަމަށެވެ. އަދި އެކަމުގެ ސަބަބުން ހިދުމަތް ރަނގަޅު ވެގެންދާނެ ކަން ފާހަގަ ކުރެއްވި އެވެ. މީގެ އިތުރުން އަތޮޅު ތެރޭގައި އެކި ރަށްރަށަށް ވެސް ގޭސް ފޯރުކޮށް ދިނުމަށް އަތޮޅުގެ އެކި ރަށްރަށުގައި ޑިސްޓްރިބިއުޝަން ސެންޓަރުތައް އިތުރު ކުރުމަށް ނިންމާފައިވާ ކަން ވެސް ޝަހީރު ފާހަގަ ކުރެއްވި އެވެ.

"މާލޭގެ އިތުރުން އަތޮޅުތެރޭގައިވެސް ގޭސް ސްޓޯކޮށް ޑިސްޓްރިބިއުޓް ކުރުމުގެ މަސައްކަތްވެސް އިތުރަށް ފުޅާކުރަން ރާވާފައިވަނީ." ޝަހީރު ވިދާޅުވި އެވެ.