ރެއާލް މެޑްރިޑުން ޝައުގުވެރިވާ ކީޕަރު ތިބައޫ ކޯޓުއާ ވިއްކާލާނީ 65 މިލިއަން ޕައުންޑަށް ކަމަށް ޗެލްސީން ބުނެފި އެވެ.
ރެއާލް މެޑްރިޑުން އޭނާ އަށް ޝައުގުވެރިވާން ފެށީ އެ ޓީމުން އެންމެ ބޭނުންވާ ކީޕަރު މެންޗެސްޓާ ޔުނައިޓެޑުގެ ސްޕޭން ކީޕަރު ޑޭވިޑް ޑެހެޔާ ނުލިބޭނެކަމަށް ބެލެވޭތީ އެވެ.
ބެލްޖިއަމްގެ ގައުމީ ކީޕަރު އަލުން ޗެލްސީއާ ގުޅުނުތާ ދެ އަހަރު ފަހުން އޭނާ ވިއްކާލަން ޗެލްސީން ވިސްނަން ފެށީ ކުޅުންތެރިޔާ ވެސް ޗެލްސީން ދިއުމަށް ވިސްނަން ފެށުމުންނެވެ. އުމުރުން މިހާރު 23 އަހަރުގެ ކީޕަރަކީ އަންނަ ސީޒަނުގައި ޗެލްސީއާ ހަވާލުވާ އިޓަލީގެ މިހާރުގެ ގައުމީ ކޯޗު އެންޓޯނިއޯ ކޮންޓޭގެ ލިސްޓުގައި ނުހިމެނޭ ކުޅުންތެރިއެއްކަމަށްވެ އެވެ.
ރެއާލް މެޑްރިޑުން ކޯޓުއާ އަށް ޝައުގުވެރިވާއިރު އޭނާ އަކީ ޗެލްސީ އަށް އައުމުގެ ކުރިން ސްޕޭނުގެ އެތްލެޓިކޯ މެޑްރިޑުގައި ތިން އަހަރަށް ވަރަށް މޮޅަށް ކުޅުނު ކީޕަރެކެވެ. ނަމަވެސް ޗެލްސީ އަށް ބަދަލުވުމަށްފަހު ގޯލްކީޕަރު ޓްރޭނަރާ އޭނާއާ ވަނީ މައްސަލަޖެހިފަ އެވެ.
މަތިން ކުޅޭ ބޯޅަތަކަށް ވަރަށް މޮޅު ކޯޓުއާ އަށް މިސީޒަނުގެ ކުރީކޮޅު ކަކުލަށް ލިބުނު އަނިޔާގެ ސަބަބުން މާރަނގަޅު ކުޅުމެއް އޭގެ ފަހުން ދެއްކިފައެއްނުވެ އެވެ.