ނަވާރަސަތޭކަ ނުވަދިހަ ހަތަރު ވަނަ އަހަރު މިސް ޔުނިވާސްގެ މަގާމު ހޯދާފައިވާ ބޮލީވުޑްގެ މަޝްހޫރު ބަތަލާ ސުޝްމީތާ ސެން އޭނާގެ ދެ ދަރިންނާއެކު ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަދެ އެވެ.
ސުޝްމީތާ އެޑޮޕްޓްކޮށްފައިވާ ދެކުދިން ކަމަށްވާ ރީނީ އާއި އަލީސާ އާއެކު ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އަންނަނީ ކޮން ރިސޯޓެއްގައި ކަމެއް ނޭނގެ އެވެ. މިހަބަރުތައް ގެނެސްދީފައިވާ ބޮލީވުޑްގެ ނޫސްތަކުގައިވަނީ ސުޝްމީތާ އޭނާގެ ދެކުދިންނާއެކު ޗުއްޓީ ހޭދަކުރަމުން އަންނަނީ އިންޑިއަން އޯޝަން އަށް ނިސްބަތްވާ ކޮންމެވެސް ގައުމެއްގައި ކަމެވެ.
ދެކުދިންނާއެކު ހޭދަކުރަމުން އަންނަ އުފާވެރި ޗުއްޓީގެ އަޕްޑޭޓްތައް ސުޝްމީތާ އަންނަނީ ސޯޝަލް މީޑިއާގައި ވެސް ހިއްސާކުރަމުންނެވެ. އެގޮތުން ސުޝްމީތާ ވަނީ އޭނާގެ ދެކުދިންނާއެކު ސްނޯކެލިން އަށާއި އަދި ސްކޫބާ ޑައިވިން އަށް ދިޔަ ވީޑިއޯތަކެއް ޓްވިޓާއާއި އިންސްޓަގްރާމަށް ލާފަ އެވެ. މި ފޮޓޯތަކާއި ވީޑިއޯތަކުން ސުޝްމީތާ ޗުއްޓީ ހޭދަކުރަމުން ދަނީ ރާއްޖޭގައިކަން އެނގެ އެވެ.
ސުޝްމީތާ އާންމުކޮށްފައިވާ ވީޑިއޯ ކްލިޕްތަކެއް އޭނާއާ އެކު ދޮށީ ދަރިފުޅު ރީނީ ޑައިވިންއަށް ދިޔައިރު، ފަސް އަހަރުގެ ހަނގު ދަރިފުޅު އަލީސާ އެމީހުންގެ މަތީގައި އިންސްޓަރަކާއެކު ސްނޯކަލް ކުރާތަން ފެނެ އެވެ. މިވީޑިއޯ އާންމުކުރަމުން ސުޝްމީތާ ވަނީ އޭނާ އާއި ރީނީ ޑައިވިންކުރާތަން ބަލަން ވެގެން އަލީސާ ސްނޯކަލްކުރަން އެއް ދުވަސްތެރޭގައި ދަސްކުރި ކަމަށާއި އެކަމާއި އެމީހުން ތިބި ރަށުގެ މީހުންވެސް ތިބީ ހައިރާންވެފައި ކަމަށެވެ.
މީގެއިތުރުންވެސް ރާއްޖޭގެ ގުދުރަތީ ރީތިކަމަށްވެސް ސުޝްމީތާ ވަނީ ތައުރީފުކޮށްފަ އެވެ. އެގޮތުން ސުޝްމީތާ ވަނީ މިހާތަނަށް އޭނާއަށް އެންމެ ހިތްގައިމު އިރުއަރާ މަންޒަރު ފެނުނީވެސް ރާއްޖެއިން ކަމަށް ބުނެފަ އެވެ.
ބެލެވޭ ގޮތުގައި ސުޝްމީތާ ޗުއްޓީ ހޭދަކުރުމަށް ރާއްޖެ އައިސްފައިވަނީ މީގެ ފަސް ވަރަކަށް ދުވަސްކުރިންނެވެ.