މަރުވުމުން ކުނި ނުވާ ގޮތް ހަދައި ހިއްކާފައި އިން ހާމުދުރެއް މިދިޔަ ހަފުތާގައި މޮންގޯލިއާ އިން ފެނިފައި ވާއިރު އެ ހާމުދުރު މަރުވެފައި އިން ކަމަށް ގަބޫލުކުރަން ބުދު ދީނުގެ މީހުން ދަނީ އިންކާރު ކުރަމުންނެވެ. ބުޑިސްޓުން ދަނީ އެ ހާމުދުރު ނަގައި "އިހާނެތި" ގޮތްތައް ހަދަމުން ދާތީ އެކަމާ ދެކޮޅަށް ވާހަކަ ދައްކަމުންނެވެ.
ބުޑިސްޓުން ދެ ފައި ވަށްކޮށްގެން (ލޮޓަސް ޕޮޒިޝަން) ގައި އަޅުކަމަށް އިންނަ ގޮތަށް އިނދެ މަރުވެފައި ވަނިކޮށް ފެނުނު ހާމުދުރުގެ ގައިގައި އިނީ ބަރަކި ހަން އޮޅައިފަ އެވެ. ބުޑިސްޓުންގެ އިސް މީހުން ބުނަމުން ދަނީ އެ ހާމުދުރު އެ އިނީ ވަރަށް ހާއްސަ "މެޑިޓޭޝަން" އެއްގައި ކަމަށާއި މަރުވެފައި ނޫން ކަމަށެވެ.
މި ހާމުދުރު ފެނުނު މީހާ ރަސްމީ ފަރާތްތަކަށް އެކަން ނާންގައި ވިއްކާލަން އުޅެނިކޮށް މިހާރު ވަނީ މޮންގޯލިއާގެ ނެޝަނަލް ސެންޓަ އޮފް ފޮރެންސިކް އެކްސްޕަޓީޒް އަށް ގެންގޮސްފަ އެވެ. ސައިންސްވެރިން ދަނީ ޒަމާންތަކެއް ވަންދެން އެ ހަށިގަނޑު ސަލާމަތުން އޮތީ ކީއްވެތޯ ބަލަމުންނެވެ. ބެލެވޭ ގޮތުގައި އެއީ މޮންގޯލިއާ އަކީ ފިނި ތަނަކަށް ވުމުން ވެފައިވާ ގޮތެކެވެ.
ބުޑިސްޓު ޓިބެޓްގެ ރޫހީ ލީޑަރު ދަލާއި ލާމާގެ ޑޮކްޓަރެއް ކަމަށްވާ ޑރ.ބެރީ ކޭޒިންއާ ހަވާލާދީ ސައިބީރިއަން ޓައިމްސްގައި ބުނެފައި ވަނީ އެ ހާމުދުރު އެ އިނީ ވަަރަށް މަދުން ނޫނީ ނުކުރާ މެޑިޓޭޝަނެއް ކަމަށްވާ "ޓުކްޑަމް" ގައި ކަމަށެވެ. އަދި މި މެޑިޓޭޝަން ހަދާ މީހާ އަށް އެގޮތުގައި އިނދެވިއްޖެ ނަމަ ވާނީ "ބުއްދާ" އަށް ކަމަށް ވެސް ބުނެފައިވެ އެވެ.
ބުޑިސްޓުން ބުނަމުން ދަނީ މި ހާމުދުރަކީ މީގެ ކުރިން މެޑިޓޭޝަންގައި އިންދާ މަރުވި ހާމުދުރެއް ކަމަށްވާ ލާމާ ދާޝީ ދޮރްޒޯގެ އެދުރު ކަމަށެވެ. ދޮރްޒޯ ވެސް މިގޮތަށް އިނދެ މަރުވެ ހިކިފައި ވަނިކޮށް ފެނުނު ފަހުން މިހާރު ވަނީ ފައްޅިއަށް ގެންގޮސް އެއަށް އަޅުކަން ކުރަން ފަށައިފަ އެވެ. – ބީބީސީ