ހަބަރު

އެފްބީ ސްޓޭޓަސް އަކާހެދި ހަ ދަރިވަރަކަށް ސަސްޕެންޝަނެއް!

ފޭސްބުކްގައި ޖެހި ސްޓޭޓަސްއަކާ ގުޅިގެން ސަބަބުން ގދ. އަތޮޅު ތައުލީމީ މަރުކަޒުގެ ހަ ދަރިވަރަކު ސަސްޕެންޑް ކުރުމަށް ފަހު ސަސްޕެޝަނުން ވީއްލައިފި އެވެ. އެކުދިން ސަސްޕެޝަން އުވާލާފައި ވަނީ މި ވާހަކަ ވަރަށް ބޮޑަށް ފެތުރި ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ. ސަސްޕެންޑް ކުރި ކަމަށް ވަނީ އިއްޔެ އެވެ.

އަވަސް އަށް އެނގިފައިވާ ގޮތުގައި ފޭސްބުކް ސްޓެޓަސްއާ ގުޅިގެން ގދ. ތިނަދޫގައި ހުންނަ އަތޮޅު ތައުލީމީ މަރުކަޒުގެ ހަ ދަރިވަރަކަށް ފިޔަވަޅު އެޅި އެވެ. ސަސްޕެންޑް ކުރީ އެ މަރުކަޒުގެ ގްރޭޑް 9 ގެ ދަރިވަރަކާއި ގްރޭޑް 10 ގެ ފަސް ދަރިވަރަކަށެވެ. އެ ހުރިހާ ދަރިވަރުންނަކީ ވެސް ފިރިހެން ކުދިންނެވެ.

އެނގިފައިވާ ގޮތުގައި ފޭސްބުކް ގައި ސްޓޭޓަސްއެއް ލިޔުނީ މީގެ ތެރެއިން ގްރޭޑް 10 ގެ ދަރިވަރެވެ. އަނެއް ފަސް ދަރިވަރުންނަކީ ސްޓޭޓަސް އަށް ކޮމެންޓް ކުރި ދަރިވަރުންނެވެ. މީގެ އިތުރުން މި ސްޓޭޓަސް އަށް ކޮމެންޓްކުރި އިތުރު ދަރިވަރުންތަކަކަށް ތައުލީމީ މަރުކަޒުން ވަނީ ނަސޭހަތް ވެސް ދީފަ އެވެ.

މައްސަލަ ޖެހުނު ސްޓޭޓަސް ގައި އޮންނަނީ "ސެލިއުޓް ކުރުމަކީ ހަރާންކަމެއް ކަމަށް" ޓީޗަރު ވިދާޅުވި ކަމަށެވެ. އެނގިފައިވާ ގޮތުގައި އެ ދަރިވަރު މި ސްޓޭޓަސްޖެހީ ޓީޗަރަކު ދެއްކެވި ވާހަކައަކާ މެދު އުފެދުނު ހިޔާލު ތަފާތުވުމެއްގެ ތެރޭގަ އެވެ.

ދަރިވަރުންގެ ސަސްޕެންޝަން މިއަދު ހަވީރު އުވާލި ކަމަށް ވަނީ އެޑިއުކޭޝަނުން އަންގައިގެން ކަމަށް ވެއެވެ. ނަމަވެސް އެޑިއުކޭޝަން މިނިސްޓްރީގެ މީޑިއާ އޮފިޝަލަކު މިރޭ ވިދާޅުވީ އެ މައްސަލައާ ގުޅިގެން ދަރިވަރުން ސަސްޕެންޑްކުރުން ފަދަ ފިޔަވަޅެއް މިނިސްޓްރީން އަޅާފައިނުވާ ކަމަށެވެ. އަދި ތައުލީމީ މަރުކަޒުގެ ޕްރިންސިޕަލް ޒީމާ އަބްދުﷲ ގެ ބަހެއް ނުލިބުނެވެ.

މި މައްސަލައާ ގުޅިގެން ސޯޝަލް މީޑިޔާގައި ގިނަ ބަޔަކު ދަނީ ފާޑުކިޔަމުންނެވެ.