ނޫސްވެރިން

ހައްޔަރުކުރި ނޫސްވެރިންނަށް ދައުވާ ނުކުރަން ނިންމައިފި

މިދިޔަ އޭޕްރީލް މަހު ކުރީކޮޅު ނޫސްވެރިން ކުރި އިހުތިޖާޖުގައި ހައްޔަރުކުރި ނޫސްވެރިންނަށް ދައުވާ ނުކުރަން ނިންމައިފި އެވެ. ރައީސް އޮފީސް ކުރިމަތީ ކުރި އިހުތިޖާޖުގައި 16 ނޫސްވެރިޔަކު ހައްޔަރުކުރި އެވެ.

ނޫސްވެރިންގެ މައްސަލަ ޕީޖީއަށް ނުފޮނުވަން ފުލުހުން ނިންމާފައިވާއިރު، އެގޮތަށް ނިންމީ ނޫސްވެރިންނަށް ނަސޭހަތް ދިނުމަށްފަހު އެވެ.

ހަވީރު ނޫހާއި މިނިވަން ނޫހުގެ ނޫސްވެރިން އިސް ނަގައިގެން ފެށި އެ އިހުތިޖާޖުގައި ރާއްޖޭގެ މީޑިއާގެ ގިނަ ނޫސްވެރިން ބައިވެރިވެ އެވެ.

އެ އިހުތިޖާޖަކީ ނޫސްވެރިންނަށް ކުރިމަތިވެފައިވާ ނުތަނަވަސްކަމާއި ގެއްލެމުންދާ ހައްގުތައް ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް އަޑުއުފުލާ ކުރި އިހުތިޖާޖެކެވެ. އިހުތިޖާޖު ފުރަތަމަ ފެށީ މީޑިއާ ކައުންސިލް ކުރިމަތިންނެވެ. އަދި އެއަށް ފަހު ނޫސްވެރިން ޝުއޫރުފާޅު ކުރަމުން ގޮސް މަޖީދީ މަގުން އަލިކިލެގެފާނު މަގުން މުލިއާގެ ކައިރިން ގޮސް ނޫސްވެރިން ވަނީ ރައީސް އޮފީސް ކުރިމައްޗަށް އެއްވެ ޝުއޫރުފާޅު ކޮށްފަ އެވެ.

ރައީސް އޮފީސް ކައިރިއަށް ނޫސްވެރިން އެއްވުމުން އެ ސަރަހައްދުން ނޫސްވެރިން ފޮނުވާލުމަށް ފުލުހުން ވަނީ ބާރުގެ ބޭނުންކޮށްފަ އެވެ. އެގޮތުން ޕެޕާ ސްޕްރޭ ޖަހާ ނޫސްވެރިން ފަހަތަށް ޖައްސާފައިވާއިރު ސިފައިން ވެސް ވަނީ ނޫސްވެރިން ފަހަތަށް ޖެއްސުމުގެ އޮޕަރޭޝަންގައި ހަރަކާތްތެރިވެފަ އެވެ.