ދުނިޔެ

ބަހެއްގައި ހުޅުޖަހައި ބަޔަކު މަރާލުމުގެ ދައުވާ ހާލިދާ ޒިޔާގެ މައްޗަށް ކޮށްފި

ބަޔަކު ނިދާފައި ތިބި ބަހެއްގައި ހުޅުޖަހައި ހަތް މީހަކު މަރާލުމުގެ ތުހުމަތުގައި ބަންގްލާދޭޝްގެ އިދިކޮޅު ލީޑަރު ހާލިދާ ޒިޔާގެ މައްޗަށް ދައުވާކޮށްފި އެވެ.

ފުލުހުން ބުނީ މިދިޔަ އަންގާރަ ދުވަހުގެ ރޭ ޗައޫދަގަރަމްގައި ހުޅުޖަހާފައި ވަނީ ގިނަ އަދަދެއްގެ ބަޔަކު ނިދާފައި ތިިބި ބަހެއްގައި ކަމަށާއި އެ މީހުންގެ ތެރެއިން ހަތް މީހަކު މަރުވެފައިވާ ކަމަށެވެ. މި ހާދިސާއާ ގުޅިގެން ބަންގްލާދޭޝް ނެޝަނަލް ޕާޓީ (ބީއެންޕީ) ގެ ލީޑަރު ހާލިދާގެ މައްޗަށް ދައުވާކޮށްފައި ވާއިރު އިތުރު 55 މީހެއްގެ މައްޗަށް ވެސް މި މައްސަލާގައި ދައުވާ ކޮށްފައިވެ އެވެ.

މި ބަހުގައި ހުޅުޖެހީ މުޒާހަރާކުރާ މީހުން ބަންދުކޮށްފައި އޮތް މަގަކުން ދާން ފެށުމުންނެވެ. ބަންދުކޮށްފައިވާ މަގަކުން ވެހިކަލެއް ދާން ޖެހިއްޖެ ނަމަ މުޒާހަރާއާ ހެދި އެ ވެހިކަލެއް ދަނީ ސަލާމަތީ ބާރުތަކުގެ ބެލުމުގެ ދަށުންނެވެ. ނަމަވެސް ހުޅުޖެހި ވެހިކަލަށް ސަލާމަތީ ބާރުތަކުން އެހީވެފައެއް ނުވެ އެވެ.