ބޮލީވުޑް

ސޯނަމް ވެސް ހޮލީވުޑް ފިލްމެއް ލިބޭތޯ މަސައްކަތް ކުރަނީ

May 9, 2016
1

މަޝްހޫރު ދެބަތަލާއިން ކަމަށްވާ ޕްރިޔަންކާ ޗޯޕްޅާ އާއި ދިޕިކާ ޕަދުކޯން އަށްފަހު ހޮލީވުޑްގެ ފިލްމު ކުޅުމުގެ ޝައުގުވެރިކަން އޮތް ކަމަށް ސޯނަމް ކަޕޫރު ބުނެފި އެވެ.

ބޮލީވުޑްގެ ނޫހަކަށް ދިން އިންޓައުއެއްގައި ސޯނަމް ވަނީ ހޮލީވުޑްގެ ފިލްމުތަކަކަށް މިހާރު އޮޑިޝަން ދީފައިވާ ކަމަށާއި ނަމަވެސް އަދި މިހާތަނަށް ކުޅެން އެކަށީގެންވާ މޮޅު ފިލްމަކުން ފުރުސަތު ނުލިބޭ ކަމަށް ބުނެފަ އެވެ.

"އަހަރެން މިއަންނަނީ ހޮލީވުޑް ފިލްމަކުން ފުރުސަތު ލިބޭތީ ފިލްމުތަކަށް އޮޑިޝަންވެސް ދެމުން. އަދި އެއްވެސް ފިލްމަކުން ފުރުސަތު ނުލިބުނު ނަަމަވެސް އަހަރެން އުންމީދު ގެއްލުވައެއް ނުލަން. އެކަމަށް ވަގުތު ނަގާނެކަން އިނގޭ" ސޯނަމް ބުނެފައިވެ އެވެ.

މިއަހަރުގެ ފެބްރުއަރީ މަހު ނިކުތް "ނީރްޖާ" އަށްފަހު ބޮލީވުޑްގެ ފިލްމެއް ކުޅެން ވެސް ސޯނަމް ސޮއިކޮށްފައިނުވާއިރު، ބޮލީވުޑްގެ ވެސް ރަނގަޅު ފިލްމަކުން ހުށަހެޅުމެއް ލިބެން ދެން މަޑުކޮށްގެން ހުރީ ކަމަށް ސޯނަމް ވަނީ ބުނެފަ އެވެ.

އެހެން ތަރިންނާއި ހިލާފަށް ބޮލީވުޑްގެ މަޝްހޫރު ތަރިންގެ ދަރިން ދެފިލްމުގެ ދޭތެރޭގައި ބޮޑު ބްރޭކެއް ނެގުމަކީ ފަސޭހަކަމެއް ތޯ އެހުމުން ސޯނަމް ވަނީ ރަނގަޅޔ ފިލްމަކުން ހުށަހެޅުން ލިބޭތޯ މަޑުކުރުމަކީ ވަރަށް ހިތްވަރު ހުރެގެން ނޫނީ ނުކުރެވޭނެ ކަމެއް ކަމަށެވެ. އަދި އޭނާ އަކީ ބައްޕަ އަނިލް ކަޕޫރު އަތުން ލާރި ހޯދައިގެން އަމިއްލަ ކަންތައްތައް ކުރާ މީހެއް ނޫން ކަމަށް ވެސް ބުނެފަ އެވެ.

"އަނިލް ކަޕޫރަކީ އަހަރެންގެ ބައްޕަ އަށް ވީމަ މީހުން ވަރަށް އިހްތިރާމްކުރޭ. އެހެންނެކޭ ކިޔާފަ އަހަރެން ބައްޕަ އަތުން ބިލްތައް ދައްކަން ލާރިއެއް ނުޙޯދަން" ސޯނަމް ބުނެފައިވެ އެވެ.

މިމަހުގެ 11 ވަނަ ދުވަހުން 22 ވަނަ ދުވަހަށް ޕެރިސްގައި ކުރިއަށްދާ 69ވަނަ ކޭންސް ފިލްމު ފެސްޓިވަލްގެ ރެޑް ކާޕެޓްގައި ސޯނަމް ހިނގާނެ އެވެ. މީގެއިތުރުންވެސް މިމަހުގެ އެއްވަނަ ދުވަހު ސޯނަމް ވަނީ އޭނާގެ ފޭނުންނާއި ވީހާވެސް ކައިރިން އޭނާގެ ކަންތައް ހިއްސާކުރުމަށް އެޕްލިކޭޝަނެއް ވެސް ނެރެފަ އެވެ.