އާސެނަލްގެ ފޯވްޑް ޑެނީ ވެލްބެކްގެ ކަކުލަށް އަނިޔާވެ ޔުރޯ ފުޓްބޯޅަ މުބާރާތުގައި ކުޅެވޭނެކަމާމެދު ސުވާލު އުފެދުނުއިރު ލިވަޕޫލްގެ ކެޕްޓަން ޖޯޑަން ހެންޑަސަން އެ މުބާރާތަށް ފިޓްވާނެ ކަމަށް އެ ޓީމުން ބުނެފި އެވެ.
ލިވަޕޫލްގެ ކޯޗު ޔާޖެން ކްލޮޕް ބުނީ އޭނާގެ ކެޕްޓަން މި މަހުގެ 18 ވަނަ ދުވަހު ކުޅޭ ޔޫރޮޕާ ލީގުގެ ފައިނަލުގައި ސެވިއްޔާއާ ދެކޮޅަށް ކުޅޭނެ ކަމަށެވެ. އަދި އެ މެޗުގެ ކުރިން އިނގިރޭސި ޕްރެމިއާ ލީގުގައި ލިވަޕޫލް ކުޅޭ ފަހު މެޗުގައި ވެސް ހެންޑަސަން ކުޅެފާނެ ކަމަށެވެ.
"އަހަރެން ދެކެފިން އޭނާގެ ހަރަކާތްތައް. އޭނާ އަންނަނީ ފިޓްވަމުން. މިއީ މި ކުލަބަށާއި އިންގްލޭންޑަށް ވެސް އުފާވެރި ހަބަރެއް،" ކްލޮޕް ބުންޏެވެ.
ހެންޑަސަން އަށް ކުޅެވޭނެކަމުގެ އުއްމީދުއާވިއިރު ވެލްބެކަށް މުބާރާތުގައި ކުޅެވޭނެ ކަމާމެދު ވަރަށް ބޮޑަށް ވަނީ ޝައްކުވެފަ އެވެ. އޭނާ އަށް އަނިޔާވީ ރޭ އިނގިރޭސި ލީގުގައި އާސެނަލް އާއި މެންޗެސްޓާ ސިޓީ 2-2އިން އެއްވަރުވި މެޗުގަ އެވެ.
"އެންމެ ފުރަތަމަ އަހަރެން ހީކުރީ މެނިސްކަސް ހަލާުވީ ކަމަށް. އަހަރުމެން ވަރަށް މަސައްކަތް ކުރިން އޭނާ ދަނޑުމަތީގައި ބަހައްޓަން. އެއީ ވަރަށް އަޒުމްވަރުގަދަ ކުއްޖެއެް. އެކަމަކު އޭނާ އަމިއްލަ އަށް ބުނީ ނުކުޅެވޭނެކަން. އެހެންވެ ބަދަލުކުރީ. މެޗުގެ ހާފް ޓައިމްގައި އަހަރެން އޭނާ ދެކުނިން. ވަރަށް ދެރަވެފައިހުރީ،" އާސެނަލްގެ ކޯޗު އާސެން ވެންގާ ބުންޏެވެ.
"މީގައި އޮތް އުފާވެރި ހަބަރަކީ އޭނާ އަށް އަދި ޔޫރޯގައި ނުކުޅެވޭނެކަން ކަށަވަރުނުވުން. ފަހަރުގައި އޭނާ އަށް ކުޅެވިދާނެ. އަދި ނުކުޅެވިވެސްދާނެ. އެކަން އެނގޭނީ އަހަރުމެން ރަނގަޅަށް ޓެސްޓްތައް ހަދައި ބެލުމުން،" ވެންގާ ބުންޏެވެ.
އިނގިރޭސި ގައުމީ ކޯޗު ރޯއި ހޮޖްސަން ވަނީ އިންޖަރީގައި ހުރި ކުޅުންތެރިއަކު އަދި މުބާރާތަށް މުޅިން ފިޓްވާނެ ކަމުގެ ޔަގީންކަން ނެތް ކުޅުންތެރިއަކު ޓީމަށް ނުނަގާނެ ކަމަށް ވަރަށް ކުރިން ބުނެފަ އެވެ. ހޮޖްސަން ދަނީ މާދަމާނޫން އަނެއް ދުވަހު މުބާރާތަށްދާ އިނގިރޭސި ޓީމު ފައިނަލް ކުރުމަށް މަސައްކަތް ކުރަމުންނެވެ.
މިހާތަނަށް މުބާރާތުގައި ނުކުޅޭނެކަން ޔަގީންވެފައިވާ ކުޅުންތެރިންގެ ތެރޭގައި އެންޑީ ކެރޯލް އާއި އޮކްސްލޭޑް ޗެމްބަލައިން ހިމެނެ އެވެ. ނަމަވެސް އާސެނަލްގެ ޖެކް ވިލްޝެއާ ފިޓްވާނެ ކަމާމެދު ޝައްކެވެ.
ޔޫރޯގައި އިނގިރޭސިން ހިމެެނެނީ ވޭލްސް އާއި ރަޝިޔާ އަދި ސްލޮވާކިޔާއާ އެއްގްރޫޕެއްގަ އެވެ.