ބޮލީވުޑް

އަންކިތާއާ ރުޅިވެ ސުޝާންތް، ކްރީތީއާ ގުޅުން ބަދަހިކުރަނީ

May 9, 2016

އަބަދުވެސް އާފިލްމެއް ރިލީޒްވުމުގެ މަގުމަތީގައި އުޅޭއިރު އެންމެ ގަދަޔަށް ދެކެވޭ ވާހަކައަކީ އެފިލްމެއްގައި އުޅޭ ލީޑްދެތަރިންގެ ދެމެދުގައި އޮންނަ ގާތްގުޅުމުގެ ވާހަކަ އެވެ.

މިދިޔަ ހަފްތާގެ ތެރޭގައި ބޮލީވުޑްގެ މަޝްހޫރު ތަރި ސުޝާންތް ސިންގް ރާޖްޕުތް ވަނީ ހައަހަރުވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުނު ލޯބިވެރިޔާ، ޓީވީ ތަރި އަންކިތާ ލޯކަންޑޭ އާއި ރުޅިވިކަމަށް ބުނެފަ އެވެ.

މިދެތަރިން ރުޅިވިކަން ސުޝާންތް ޔަގީންކޮށްދިނުމުގެ ކުރިންވެސް ދެމީހުންގެ ދެމެދުގައި މައްސަލަ ޖެހިގެން އުޅޭކަމުގެ އަޑުތައް އަރާފައިވާތާ ގިނަ ދުވަސްތަކެއް ވެއްޖެ އެވެ. އަންކިތާއާ ސުޝާންތްއާ ދެމެދު މައްސަލަޖެހުނު ފަހުން ސުޝާންތް އާއި އޭނާގެ ކޯސްޓާރު ކްރީތީ ސަނޮންއާ ގާތްގުޅުމެއް އުފެދިފައިވާ ކަމުގެ ވާހަކަތަކެއް އަންނަނީ ދެކެވެމުންނެވެ.

ސުޝާންތް އާއި ކީރްތީ އެކުގައި ކުޅެމުން އަންނަ "ރާބްތާ" ގެ ޝޫޓިން ފެށިފަހުން މިދެތަރިންގެ ދެމެދުގައި ގާތްގުޅުމެއް އުފެދި، ޝޫޓިންގެ ތެރޭގައިވެސް އެކުގައި ގިނަ ވަގުތު ހޭދަކުރާ ކަމަށްވެ އެވެ. މިދެމީހުންގެ އިންސްޓަގްރާމަށްލާ ފޮޓޯތަކުންވެސް އެކަކު އަނެކަކާ އެކު މަޖާ ވަގުތުތަކެއް ހޭދަކުރަމުން އަންނަ ކަން އެނގެ އެވެ.

ބައެއް ބޮލީވުޑްގެ ހަބަރުތައް ގެނެސްދޭ ވެބްސައިޓްތަކުގައިވާ ގޮތުން ކްރީތީ ވަނީ އޭނާގެ ބައެއް އެކުވެރިން ކައިރި މިވަގުތު އޭނާ އުޅެނީ ވަރަށް އުފާވެރިކޮށް ކަމަށް ބުނެފަ އެވެ.

އަންކިތާއާ ރުޅިވިކަން ޔަގީންކޮށްދެމުން ކުރި ޓްވީޓެއްގައި ސުޝާންތް ވަނީ އޭނާ އަންކިތާއާ ލޯބީގެ ގޮތުން ގުޅިގެން އުޅެމުން އެހެން އަންހެނުންނާ ގުޅުން ބާއްވާ ކަމަށް ދައްކާ ވާހަތަކުގެވެސް އެއްވެސް ހަގީގަތެއް ނެތް ބުނެފަ އެވެ.

ސުޝާންތް އާއި އަންކިތާ ދިމާވީ ޒީޓީވީއިން ދައްކަން ފެށި "ޕަވިތްރަ ރިޝްތާ" ކުޅުނު ދުވަސްވަރު އެވެ. މިދެތަރިން ރުޅިވެފައި ވަނީ މިއަހަރުގެ ފަހުކޮޅު ކައިވެނި ކުރަން ނިންމާފައިވާ ކަމަށް ބުނެފައި ވަނިކޮށެވެ.