ކައިފް އެއްވެސް އެއްޗެއް ނުބުނެ އިސްޖަހާލިއެވެ. އެވާހަކަ ދައްކަން އޭނާ ބޭނުންނުވާފަދައެވެ. ކައިފްއާއި ޝައިލީންގެ ހަރަކާތްތައް ދެކެން އެމީހުންނާ ތަންކޮޅެއް ދުރުގައި ހަނާން ހުއްޓެވެ. އޭނާގެ ދެލޮލުގައިވަނީ އިންތިހާ ދަރަޖައިގެ ރުޅިވެރިކަމެވެ.
"ކިހިނެތްވީ؟ ކުރަން ނުވާކަހަލަ ސުވާލެއްތަ މިކުރެވުނީ؟" ޝައިލީން ލޮލުގެ ހިމަކޮޅުން ކައިފްގެ މޫނަށް ބަލާލަމުން ބުނެލިއެވެ.
"ނޫނޭ. އެއީ... ހަމަ ރައްޓެއްސެއް" ކައިފް އެހެންބުނެލަމުން ޝައިލީންއަށް ބަލާލުމަށްފަހު ހިނިތުންވެލިއެވެ. ޝައިލީންވެސް އިތުރަށް އެކަމާގުޅޭ ގޮތުން އެއްޗެއް އޮޅުންފިލުވާކަށް މަސައްކަތެއް ނުކުރެއެވެ.
"ދެން ދަނީ.. މިހާރު މާލަސްވެސް ވެއްޖެ" ޝައިލީން އެހެން ބުނެލުމަށްފަހު ކުރިމަތީގައި ހުރިގެއަށް ވަންނަން ހިނގައިގަތެވެ. ޝައިލީން ގޭތެރެއަށް ވަންނަންދެން ކައިފް އޭނާއަށް ބަލަހައްޓައިގެންއިނެވެ. އަދިވެސް އޭނަ އެވިސްނަނީ މީގެ ކުރިން ޝައިލީން ފެނިފައިވަނީ ކޮންތާކުންކަމާމެދުގައެވެ.
ގަޑިން ރޭގަނޑު އެކެއްޖެހުމާ ކައިރިވަނީއެވެ. ޒަހުރާމެންނާއި ގޭގެ އެހެންމީހުން ގެއަށް ނުއަންނާތީ، މުޅިގޭތެރޭގައި ވަނީ ފަޅުކަމެވެ. ޝައިލީން އެމީހުން ނިދަންހަމަޖެހިފައިވާ ބޮޑު ކޮޓަރިއަށް ވަދެ، އެނދުގައި އޮށޯވެލަމުން ދެލޯމަރާލައިފިއެވެ.
*******
"ދެން ތި ދެލޯ ހުޅުވާލަބަލަ ..!... ނުފައިބަންތަ ތިއިނީ؟"
ދެލޯމަރައި ބާރުކޮށްލައިގެން އިނދެ ވެހެމުންދިޔަ ވާރެއާ ތެމިފޯވެފައި އިން ޝައިލީންގެ ގައިގައި ކޮށްޓާލަމުން އަރީން ބުނެލިއެވެ. އެއާއެކު ހަމަ ކުއްލިއަކަށް ސައިކަލުން ފޭބުމަށްފަހު ޝައިލީން ގެއާދިމާއަށް ހިނގައިގަތެވެ. ކުޑަ ތަންކޮޅަކަށް ދިއުމަށްފަހު ފަސް އެނބުރި ބަލައިލި އިރު އަރީން ފެންނާކަށްނެތެވެ. މިގޮތް ނޭނގޭ ޒުވާނާ ފަހަތުން ނައްޓުވާލެވުނީތީ ހިތްހަމަޖެހުމުގެ ނޭވާއެއްލަމުން ޝައިލީން ކުރިމަށްޗަށް އެނބުރިލިއެވެ.
"މަންމާ...!" ޝައިލީން ބިރުން ތެޅިގަތްވަރު ފެނުމުން އަރީން ގާތަށް ހިނިއައެވެ.
"ކީކޭ ބުނާނީ؟... ކަމެއްވާއިރަށް މަންމައަށް ދޯ ގޮވަނީ؟!... މިވެސް މަށަށް ދީފަތަ ތިދަނީ؟" އަތުގައިއޮތް އިއަރރިންގ ޝައިލީންއާ ދިމާއަށް ދިއްކޮށްލަމުން އަރީންބުނެލިއެވެ. އަރީން އަތުން އިއަރރިންގް ޖަހައިގަންނަމުން ގެއާދިމާއަށް ޝައިލީން ދުއްވައިގަތެވެ.
ވަކި ހިސާބަކަށް ދިއުމަށްފަހު ޝައިލީންގެ ޚިޔާލު ބަދަލުވިއެވެ. އޭނާގެ ގެއަށް ވަނުމުގެ ބަދަލުގައި ގެއާޖެހިގެން ދެތިންގެ ދޫކޮށްފައި އިން ހިމަ ގޯޅިތެރެއަށް ވަދެނިވާވެލަމުން ޝައިލީން ނިކަން ސިއްރުން އަރީން އެތަނުގައި ހުރިތޯ ބަލައިލިއެވެ. އެއިރުވެސް ވެހެމުން ދިޔަ ވާރޭގެ ތެރޭގައި ޝައިލީން ދިޔަ ދިމާއަށް ބަލަހައްޓައިގެން އަރީން ހުއްޓެވެ.
*******
"ދެން ދާން އުޅޭ... މީހަކަށް ފެނިދާނެ!"
ކޮޓަރިން ބޭރުން މީހަކު ވައިއަޑުން ވާހަކަ ދައްކާއަޑަށް ޝައިލީން އެނދުން ތެދުވެ އެނދުގައި އިށީންދެލިއެވެ. ގަޑިއަށް ބަލާލިއިރު ދޭއްޖެހުމަކާ ގާތްވަނީއެވެ. އެކޮޓަރިން ބޭރުގައި އޮންނަނީ ކާބޯތަކެތި އަޅާ ބާވަތްތަކުގެ ގަސްތަކުން ފުރިފައިވާ ކުޑަވަރެއްގެ ދަނޑެކެވެ. ރޭގަނޑު ގަޑީގައި ގަސްތައް ފެންނަނީ ނާމާންކޮށެވެ. ޖެހިލުންވެ ހުރެވެސް ޝައިލީން ކުޑަކޮށް ދޮރު ހުޅުވާލައިފިއެވެ.
އެވަގުތު، އަނދިރީގެ ތެރެއިން ދެމީހަކު ދުވެފައި ދިޔަ މަންޒަރު ޝައިލީންއަށްފެނުނެވެ. އަނދިރިކަމުން އެއީ ކޮންބައެއްކަން ވަކިކުރަން އެނގޭވަރެއް ނުވިއެވެ. ކޮޓަރީގެ މައިދޮރު ހުޅުވާލުމަށްފަހު ޒަހުރާ ކޮޓަރިއަށް ވަނީ އެވަގުތުއެވެ. އޭގެ މިނިޓެއްވަރު ފަހުން އިފާޝާގެ ފަހަތުން އައިސް ޖަނާހުވެސް އެކޮޓަރީގެ ދޮރު ކުރިމަތީގައި ހުއްޓިލިއެވެ. އިފާޝާހުރީ ފޫހިވެފައިކަން އޭނާގެ މޫނުމަތީގެ ކުލަވަރުން ދޭހަކޮށްދެއެވެ. ޖަނާހު އެމީހުން ތިބޭތަނަށް އައުމަށް އޭނާ ނުރުހެނީއެވެ.
"ޝައި ހިނގާބަލަ ބޭރަށްދާން..." ޖަނާހު އެދުނެވެ.
"ބޮސް... އަޅުގަނޑު މިރޭ އަސްލު އެއްވެސް ތަނަކަށް ދާހިތްނުވެފަ މިހުރީ،" އާދޭހުގެ ނަޒަރަކުން ޖަނާހުއަށް ބަލާލަމުން ޝައިލީން ބުނެލިއެވެ. "އެންމެ ރަނގަޅޭ" ބުނާކަހަލަގޮތަކަށް ބޯޖަހާލަމުން ޖަނާހު ނުކުމެގެން ދިޔައީއެވެ.
ފަތިހު 5:30 ވީއިރު އިރުމަތީ ފަރާތަށް ޖަމާވަމުންދިޔަ ރަތާ އޮރެންޖުގެ ކުލަތަކާއެކު، ދޫނިސޫފާސޫފިވެސް އެސޮރުމެންގެ ތަންމަތިތައް ދޫކޮށް ދުވާލުގެ މަސައްކަތަށް ފަށައިގަތެވެ.
އެކުޑަމަގުތަކުގައި ކައިފް ދުވަމުން ދިޔައިރު، ހަރުފުރާގެ މީހުން މަގުތަކުގައި ހޭލަމޭލަވާން ފަށައިފިއެވެ.
އޭނާގެ ދުޅަހެޔޮ ކަސްރަތީ ހަށިގަނޑު އެގޮތުގައި ދެމެހެއްޓުމަށް ކަސްރަތުކުރުމަކީ އޭނާގެ އާދައެކެވެ. އެއީ ދުނިޔޭގެ ކޮންމެހިސާބެއްގައި ހުރިނަމަވެސް އޭނާގެ ކިބައިންވަކިނުކުރެވޭނެ އާދައެކެވެ. އޭނާގެ ދިގު އިސްކޮޅާގުޅޭ ރޫފަ އޭނާއަށް ލިބިފައިވަނީވެސް ހަށިގަނޑަށް އޭނާދޭ ސަމާލުކަމުގެ ބޮޑުކަމުންނެވެ. ހަށިގަނޑުގެ ދުޅަހެޔޮކަމަށްޓަކައި ހޭދަކުރި ވަގުތުކޮޅަށްފަހު ދުވުން ނިންމާލުމަށްފަހު ކައިފްގޮސް ގެއަށްވަނެވެ.
އެވަގުތު ކަޅު ކޮފީތަށްޓެއް ހިފައިގެން ބޭރަށް ނުކުތް އެގޭ ދައްތަ، ކައިފް އަތަށް އެކޮފީތަށި ދިނުމަށްފަހު އެތެރެއަށް ވަދެގެން ހިނގައްޖެއެވެ. ކޮފީތަށި ހިފައިގެން ކައިފް ގޮސް އިށީނދެލީ ގޭގެވަށައިގެން ލެވިފައިވާ ވަށާފާރުގެ އެތެރޭގައި ބަހައްޓާލާފައިއިން ޖޯލިފައްޗެއްގައެވެ.
"ރޭގަ އޭނާއާއެކު ކީއްކުރީ؟"
ކައިފްގެ ކުރިމަތީގައި ހުރީ ހަނާންއެވެ. އޭނާގެ ބުޅި އިސްތަށިގަނޑު ހޭވި ފުފިފައިވާއިރު، އެދެލޮލުގައި އަދިވެސްވަނީ ނިދީގެ އަސަރެވެ. ލައިގެންހުރީ ފައިގެ ފަލަމަސްގަނޑުގެ މެދަކާ ހަމައަށް އަރާ ކުރު ސޯޓުކޮޅަކާއި ހުދުކުލައިގެ ގަޔަށްދޫ ތުނި ޓީޝާޓްކޮޅެކެވެ. ހުޅުވާލެވިފައިވާ ގޭގެ ބޭރުދޮރާށި ހުރަސްކޮށްދާ ކޮންމެ މީހެއްގެ ލޯ އެދޮރު ހުރަސްކޮށް ހަނާންއަށް އަމާޒުވަމުންދިޔަކަން ކައިފްއަށް ފާހަގަ ކުރެވުނެވެ.
"ކާކުހޭ އެއީ؟" ކައިފް ބޯންއިން ކޮފީތަށި ޖަހައިގަންނަމުން ހަރުކަށިކަމާއެކު ހަނާންބުނެލިއެވެ.
"އެއީ ކޮންމެ މީހަކަށްވިޔަސް އެއީ ހަނާންއާ ބެހޭ ކަމެއްނޫން!! ތިއީކާކު މަ ކުރާކަންކަން ބަލަން" ކައިފް ގާތަށްވެސް ރުޅިއައެވެ.
"ރަނގަޅު... މަ މީ ކައިފްގެ އަނބިމިހާއެއްނޫން އަދި... އެކަމަކު ވަރަށް އަވަހަށް އަންބަކަށްވާން ހުރިމީހާ!އެކަން އެގޮތަށް ނުވެއްޖިއްޔާ އެނގެއެއްނުވާނެގޮތް" ހަނާނުގެ އިންޒާރާއެކު ކައިފް ހިނމޭންވިއެވެ.
********
މެންދުރުގެ ވަގުތެވެ. އޭޑީކޭހޮސްޕިޓަލްގެ އައިސީޔޫ ކައިރީގައި މީހުންގަނޑު ފުނިޖެހިފައިވެއެވެ.
ޝިރުމީނާގެ ލޮލުން އޮހޮރުނު ކަރުނަތައް ކޯތާފަތްމަތީ ހިކިފައި ހުއްޓެވެ. ފަންސާސްއަހަރުން މައްޗަށް ގޮސްފައިވިޔަސް ލާފައިވާ އަގުބޮޑު ފޮތީގެ ހެދުމާއި، ކަރުގައާއި ހަތަރެސްފައިގައި އަޅާފުރާފައިވާ ރަނުގެ ގަހަނާއިން އޭނާ ހީވަނީ ރަންގަހެއް ހެންނެވެ. ޢުމުރާ ނުބައްދަލު ޒުވާންކަމެއް އެމޫނުގައިވެއެވެ.
ދެލޯކައިރި ދުޅަވެ ކޯތާފަތަށް ފެތުރިފައިވާ ޖަންބުކުލައިން ގިނައިރުތަކެއްވަންދެން ރޮއިފައި ހުރިކަން އެނގޭހާވެއެވެ. ކުއްލިއަކަށްކަމެއް ހަނދާންވިހެން އަތުގައި އަޅުވާލާފައި އިން ކުޑަދަބަހުން ފޯނެއްނަގައި ނަންބަރަކަށް ގުޅާލައިފިއެވެ.
*********
"މަންމާ....."
********
އަންހެންކުއްޖާގޮސް ގެއްލެންދެން ވާރޭތެރޭގައި ކައިފް އަންހެންކުއްޖާއަށް ބަލަންހުއްޓެވެ. ކުޑަ ކުޑަ އޮޅުވާލުމެއް އޮޅުވާލެވުނީތީވެސް އޭނާ ހުރީ މޮޔަ ހީވެފައެވެ. ބޯވާރޭގެ ތެރެއިން ހިތްއެދޭވަރަށް އެމޫނަށް ނުބެލުނަސް އެފަދަ ދަނޑިވަޅަކަށް އޭނާ އިންތިޒާރުކުރިއެވެ. އެމޫނު ހިތުގައި ބިންވަޅުކަނޑާނަގަން އޭނާ ބޭނުންވިއެވެ. ބިރުގަންނަ ކޮންމެ ފަހަރަކު މަންމަގެ ޙިމާޔަތަށް އެދޭފަދައިން އެއަންހެން ކުއްޖާ އޭނާގެ ޙިމާޔަތަށް އެދޭނެ ދުވަހެއް ދެކެން އޭނާ ބޭނުންވިއެވެ.
އެއަންހެންކުއްޖާ ފެނޭތޯ އެގޭދޮށަށް އޭނާ ދާންފެށިއެވެ. އެ ވިއްސާރަ ރެއަށްފަހު އެކުއްޖާ ދިޔައީ ކޮންތަނަކަށް ކަމެއްވެސް ނޭނގެއެވެ. ދެއަހަރު ދުވަހު އެގޭދޮށުގައި މުގޯލި އެޅިއިރުވެސް އެއަންހެންކުއްޖާގެ ހިލަމެއްނުވިއެވެ. ފެނުނު ހުވަފެނެއްފަދައިން އަންހެންކުއްޖާ ގެއްލިގެންދިޔައީ އެރީތި މޫނުވެސް ރަނގަޅަށް ދަސްނުވަނީހެނެވެ.
***********
ކައިފްގެ ފޯން ރިންގުވީއެވަގުތުއެވެ. ޝައިލީން އެހުރިގިތަށް ގުޑިވެސް ނުލާހުއްޓެވެ. ކައިފް މަޑުމަޑުންގޮސް ވަރަށްހުށިޔާރުކާމއެކު ކުރަފީގެ ނަރަވާގައި ހިވާ ބޭރަށް އޭތި އެއްލާލައިފިއެވެ.
މަގުމަތީގައި ތިބިއަންހެނުންތައް ހަޅޭއްލަވަމުން އައިސް ގޭތެރެއަށްވަނެވެ. އެގޭތެރެއަށްވަދެ އަތްދޮވެލުމަށްފަހު ދެވަނަ ފަހަރަށް ރިންގުވި ފޯނުނަގައި އޭނާ ކަންފަތުގައި ޖަހާލިއެވެ.
"ހަލޯ.."
"ދަރިފުޅާ ކީއްވެތަ ފޯނުނުނަގަނީ. ތިރަށަށް ރޭންޖް ނުލިބެނީތަ؟" ޝިރުމީނާގެ ރާގުގައިވަނީ ހާސްކަމެވެ.
"ކިހިނެތްވީ މަންމާ" ޝިރުމީނާގެ އަޑުގައިވާ މާޔޫސީކަން އިހުސާސްކުރެވުމުން ކައިފް އެހިއެވެ.
"ދަރިފުޅާ... މިއުޅޭނީ... މިއުޅޭނީ ބައްޕަ ހާޓް އެޓޭކް އެއް ޖެހިގެން..." އެހެން ބުނެވުމާއެކު ޝިރުމީނާއަށް ރޮއިގަނެވުނެވެ. ކައިފްއާއި އޭނާގެ ބައްޕަ ޤާދިރުއާ ދެމެދު އުފެދިފައިވާ ނުތަނަވަސް ކަމާއެކުވެސް، ބައްޕަގެ އެޙާލަތާމެދު ކައިފްދެރަވިއެވެ.
ދަތުރު ކުރުކޮށްލުމަށްފަހު އެދުވަހު ހަވީރު އެރަށުން ފުރަންއޮތް ބޯޓުން ހަނާންއާއެކު ކައިފް މާލެދާންފުރިއެވެ. މާލޭގެ ބަނދަރަށް ބޯޓުގާތްކޮށްލުމާއެކު ހަނާނަށް ބެލުމެއްނެތި ބަނދަރާކައިރިން ޕާކިން އޭރިއާއެއްގައި ޕާކްކޮށްފައިއިން އޭނާގެ ސައިކަލަށް އަރައި އޭޑީކޭ ހޮސްޕިޓަލާ ދިމާއަށް ދުއްވާލިއެވެ. ކައިފްއަށް ދެވުނުއިރު ޤާދިރު ޕްރައިވެޓް ރޫމަކަށް ބަދަލުކުރުމުގެ ކަންކަން ކުރުމުގައި ޝިރުމީނާ އުޅެއެވެ.
"ދަރިފުޅާ.. ތިއާދެވުނީ ދޯ.. ބައްޕަ މިހާރު ސްޓޭބަލް" ކައިފްގެ ބޮލުގައި ފިރުމާލަމުން ޝިރުމީނާ ބުނެލިއެވެ.
"ކޮބާ ހަނާން..؟" އެވަގުތު އެތަނުގައި ހުރި ޤާދިރުގެ އެކުވެރި، އަދި އޭނާގެ ވިޔަފާރީގެ ބައިވެރިޔާ ޖަމީލް އެހިއެވެ.
"އަޅުގަނޑު މިހުރީ ބައްޕާ." އެވަގުތު އެތަނަށް ވަދެގެންއައި ހަނާންބުނެލިއެވެ. އެއާއެކު ހިތް ހަމަނުޖެހިފައި އޭނާ ކައިފްއަށް ބަލާލިއެވެ.
ދެބަފައިންގެ ދުޝްމަން ޚިޔާލާތުގައި ޖެހި ފިތިފައި ހުންނަންޖެހެނީ ޝިރުމީނާއަށެވެ. އެދެމެދުގައި ޞުލްޙައިގެ ހުދު ދިދަ އުފުލުވަން އޭނާ ނުކުރަނީ ކޮންކަމެއްހެއްޔެވެ؟ އެހުރިހާ ކަމެއް ދަނީ ފަނުފުލުންނެވެ. މުއްސަނދިކަމާ ދިމާއަށް ދަތުރުކުރަން ބައްޕަ އިޚްތިޔާރުކުރި ގޮތް ކައިފްއަކަށް ކަމަކު ނުދިޔައެވެ. ބައްޕަކުރި ހުރިހާ ނުބައިކަމެއް ފޮރުވަން ދަމާލެވޭ ފަރުދާއެއް ކަމުގައި އޭނާ ހެދީތީއެވެ.
ބައްޕަ އިޚްތިޔާރުކުރި މަގުގެ ގޮތުން، ދެރަލިބުނު ބަޔަކު ތިބީތީވެސްމެއެވެ. ހުރިހާ ޤުރުބާނީއެއްވާންޖެހުނީ އޭނާއަށެވެ. ލޯބިނުވާމީހަކާއެކު މަޖުބޫރުވެގެން ހުރެ ކައިވެންޏަކާ ހަމައަށް ދާންޖެހުމަކީ ކާކު އެދޭނެކަމެއްހެއްޔެވެ؟ ހުރިހާ ކަމަކަށް އޭނާ ކެތްކުރަނީ މަންމައަށްޓަކައެވެ. އެހެން އެއްވެސް އަންހެނަކަށް ނުދެވޭނެހާ ޤަދަރާއި ލޯބި މަންމައަށްޓަކައި ތާޒާކަމާއެކު އެހިތުގައި ވާތީއެވެ.
ޝިރުމީނާއާ އެކުގޮސް ޤާދިރު ބާއްވާފައި އޮތްތަނަށް ކައިފް ވަނެވެ. ކައިފް ވަންތަންފެނި މަޑުމަޑުން ޤާދިރުގެ ދެއަތް ކައިފް އާދިމާއަށް ދިއްކޮށްލައިފިއެވެ. ކައިފްގޮސް މަޑުމަޑުން ޤާދިރުގެ އަތްތިލާގައި ހިފާލަމުން އިސްޖަހާލިއެވެ. ބައްޕަދެކެ އޭނާފޫހިވިޔަސް ބައްޕަ ނެތް ދުވަހެއް ދެކޭކަށް އޭނާ ނޭދެއެވެ.
"ދަރިފު..ޅާ. ބަ..ބައްޕަ މަރުވުމުގެ ކުރިން ދަރިފުޅު ކައިރިން ކަމަކު އެދެން ބޭނުން..."
އުނދަގުލާއެކު ޤާދިރު އެހެން ބުނެލުމާއެކު ކައިފްއަށް އިސް އުފުލާލެވުނެވެ. (ނުނިމޭ)