ބޮލީވުޑް

"ސުލްތާން"ގެ ޝޫޓިން އަނުޝްކާ ނިންމާލައިފި

May 9, 2016

ސުޕަސްޓާ ސަލްމާން ޚާނާއެކު އަނުޝްކާ ޝަރްމާ ކުޅެމުން އައި ފިލްމު "ސުލްތާން" ގެ ޝޫޓިން ނިންމާލާއިފި އެވެ.

ފެބްރުއަރީ މަހުން ފެށިގެން އަނުޝްކާ ކުޅެމުން އައި މިފިލްމަކީ އޭނާގެ ފިލްމީ ކެރިއަރުގައި ކުޅުނު އެންމެ އުނދަގޫ އެއް ފިލްމެވެ. މިފިލްމުގައި އަނުޝްކާ ކުޅެފައިވަނީ ރެސްލިންތަޅާ މީހެއްގެ ރޯލުކަމުން، އެރޯލަށް ފިޓްވުމުގެ ގޮތުން ވަނީ ގިނަ ޓްރެއިނިންތަކެއް ވެސް ހަދާފަ އެވެ.

ދިއްލީގެ އިތުރުން ހަރްޔާނާ އާއި ޕަންޖާބުގައި ޝޫޓްކޮށްފައިވާ މިފިލްމުގެ އެންމެގެ ފަހުގެ މަންޒަރުތައް އަނުޝްކާ ނަގާފައިވަނީ ޕަންޖާބުގަ އެވެ.

އަނުޝްކާ ކުޑަދޮރަކުން ބޭރުބަލަން އިންނަ ފޮޓޯއެއް އިންސްޓްގަރާމަށް ލަމުން ވަނީ އިއްޔެ އަކީ ޕަންޖާބުގައި ޝޫޓްކުރަމުން "ސުލްތާން" ގެ ޝޫޓިންގެ ފަހުދުވަސް ކަމަށާއި މިއަދުން ފެށިގެން އޭނާ ދެވަނަ އަށް ޕްރޮޑިއުސްކުރާ ފިލްމު "ޕިލައުރީ"ގެ ޝޫޓިން ފަށާނެ ކަމަށް ބުނެފަ އެވެ.

މިދިޔަ އަހަރު ނިކުތް "އެންއެޗް10" އާއެކު އަނުޝްކާ ފިލްމު ޕްރޮޑިއުސްކުރަން ފަށާފައިވާއިރު، "ޕިލައުރީ" އަކީ އަނުޝްކާ ޕްރޮޑިއުސްކުރާ ދެވަނަ ފިލްމެވެ. ފުރަތަމަ ފިލްމެކޭ އެއްގޮތަށް މިފިލްމުގެވެސް ބަތަލާގެ ރޯލުން އަނުޝްކާ ފެނިގެންދާނެ އެވެ. އޭނާއާ އެކު ބަތަލުގެ ރޯލުން ފެނިގެންދަނީ ޕަންޖާބީ އެކްޓަރު ދިލްޖިތް ދޮސަންޖް އެވެ.

"ސުލްތާން" އަކީ އަނުޝްކާ ސަލްމާން އާއެކު ކުޅޭ ފުރަތަމަ ފިލްމެވެ. އަލީ އައްބާސް ޒަފަރު ޑައިރެކްޓްކޮށް، ޔާޝް ރާޖްސް ފިލްމްސްއިން ޕްރޮޑިއުސްކުރާ މިފިލްމު ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ކުޑަ އީދުގަ އެވެ.