ލ. ގަން

ލ. ގަމުގައި އެޅި ނަރުދަމާ ނިޒާމް އިފްތިތާހުކޮށްފި

ލ. ގަމުގައި އެޅި ނަރުދަމާގެ ނިޒާމް ރައީސް އަބްދުﷲ ޔާމީން އިފްތިތާހުކޮށްދެއްވައިފި އެވެ.

ނަރުދަމާގެ ނިޒާމް ރައީސް އިފްތިތާހުކޮށްދެއްވީ، މިއަދު އެކަމަށްޓަކައި ގަމުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ.

ގަމުގައި އެޅި ނަރުދަމާގެ ނިޒާމަކީ 88.5 މިލިއަން ރުފިޔާ ހަރަދުކޮށްގެން އަޅާފައިވާ ނަރުދަމާގެ ނިޒާމެކެވެ. މި މަޝްރޫއު ކުރިއަށް ގެންދިޔައީ އެޖޯންސް ފްރާންސް ޑިވެލޮޕްމަންޓް (އޭއެފްޑީ)ގެ ހިލޭ އެހީ އާއި ސަރުކާރުގެ ބަޖެޓުން ހަރަދުކޮށްގެންނެވެ.

މި މަޝްރޫއުގެ ދަށުން ނުވަ ޕަމްޕް ސްޓޭޝަން ވަނީ ގާއިމުކޮށްފަ އެވެ. އަދި 23 ކިލޯމީޓަރުގެ ނަރުދަމާ ވިޔުގައެއް ވަނީ ގާއިމުކޮށްފަ އެވެ. އޭގެ އިތުރަށް ދެ ސީ އައުޓްފޯލެއް އަޅައި 548 މޭންހޯލް ވަނީ މި މަޝްރޫއުގެ ދަށުން ގަމުގައި ގާއިމުކޮށްފަ އެވެ.

މި މަޝްރޫއުގެ މަސައްކަތްކޮށްފައިވަނީ މާލޭ ވޯޓާ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) އެވެ. މަސައްކަތް ހަވާލުކޮށްފަިއވަނީ 2014 ވަނަ އަހަރު އެވެ.