ބޮލީވުޑް

ބިޕާޝާ އާއި ކަރަންގެ އެންމެ ލޯބި ވަގުތުތައް ރާއްޖޭގައި

May 10, 2016
1

މިދިޔަ މަހުގެ 30 ވަނަ ދުވަހު ކައިވެނިކުރި ބޮލީވުޑްގެ މަޝްހޫރު ދެތަރިން ކަމަށްވާ ބިޕާޝާ ބާސޫ އާއި ކަރަން ސިންގް ގްރޯވަރު، އެދެމީހުންގެ ހަނީމޫން ހޭދަކުރުމަށް އައިސްފައިވަނީ ދެމީހުންވެސް އެންމެ ގަޔާވާ މަންޒިލް ކަމަށްވާ ދިވެހިރާއްޖެ އަށެވެ.

ހޮނިހިރު ދުވަހު ރާއްޖެ އައި ބިޕާޝާ އާއި ކަރަން ހަނީމޫން ހޭދަކުރަމުން އަންނަނީ ރާއްޖޭގެ ރިސޯޓެއް ކަމަށްވާ ޖުމެއިރާ ވިއްޓާވެލި ގަ އެވެ.

ހަނީމޫންގައި ކަރަން އާއެކު އުފާވެރި ވަގުތެއް ހޭދަކުރަމުން އަންނަކަން މަދުން ނަމަވެސް ބިޕާޝާ އާންމުކުރާ ފޮޓޯތަކުން އެނގެ އެވެ. ބިޕާޝާ އާއި ކަރަން ހަނީމޫން ހޭދަކުރަމުން އަންނަ ޖުމައިރާ ވިއްޓާވެލިން މިދެތަރިންނަށް އެރަށަށް މަރުހަބާ ކިޔާފައިވަނީ ރީތީ ކޭކަކުންނެވެ. އެކޭކުގައި ވަނީ ބިޕާޝާ އާއި ކަރަންގެ ކައިވެނީގެ ރަސްމިއްޔާތުގެ ތެރެއިން ނަގާފައިވާ ފޮޓޯ އަކާއި އެކަކު އެރަށަށް މަރުހަބާ ކިޔާކަމުގެ މެސެޖް ލިޔެފަ އެވެ.

މިކޭކުގެ ފޮޓޯއެއް އިންސްޓަގްރާމްގައި ޝެއާކުރަމުން ބިޕާޝާ ވަނީ މިއީ އެދެމީހުންނަށް ކީ އެންމެ ހޫނު މަރުހަބާ ކަމަށާއި އެކަމަށް ޖުމެއިރާ ވިއްޓާވެލި އަށް ޝުކުރު އަދާކުރާ ކަމަށް ބުނެފަ އެވެ.

މިދެތަރިންގެ ގާތްފަރާތަކުން ބުނެފައިވާ ކަމަށް ނޫސްތަކުގައިވާ ގޮތުން ބިޕާޝާ އާއި ކަރަން ކައިވެނީގެ ރަސްމިއްޔާތު ނިމުނު ފަހުން ފިލްމު އިންޑަސްޓްރީގެ ފަރާތްތަކަށް ކައިވެނީގެ އުފަލުގައި ޕާޓީ ދިނުމާއި އާއިލާ އާއި ގާތްއެކުވެރިންނަށް ކައިވެނީގެ ޕާޓީ އާއި ކެއުން ދިނުމުގައި އުޅެފައިވަނީ ވަރަށް ބުރަކޮށެވެ. އެގޮތުން ހަފްތާއެއްގެ ޗުއްޓީއެއް ހޭދަކޮށްލުމަށް ރާއްޖެ އައުމަށް ދެތަރިންވެސް ނިންމީ ދެމީހުންނަކީ ވެސް މޫދަށް ވަރަށް ފޯރިހުންނަ މީހުންނަށް ވުމުންނެވެ.

ބެލެވޭ ގޮތުގައި ހަނީމޫން ނިންމާލުމަށްފަހު ބިޕާޝާ އާއި ކަރަން ރާއްޖެއިން ފުރުމަށް ހަމަޖެހިފައިވަނީ މިމަހުގެ 13 ވަނަ ދުވަހު އެވެ.

ބިޕާޝާ އާއި ކަރަން ދިމާވެފައިވަނީ މިދިޔަ އަހަރު ކުރީކޮޅު ނިކުތް "އެލޯން" ކުޅުނު ދުވަސްވަރު އެވެ. އޭގެފަހުން ދެތަރިންގެ ދެމެދުގައި ގާތްގުޅުމެއް އުފެދި ލޯބީގެ ގޮތުން ގުޅިގެން އުޅުނު ނަމަވެސް ކައިވެނިކުރާކަން އިއުލާންކުރަން ދެން ލޯބީގެ ގޮތުން ގުޅިގެން އުޅުނު ކަމަށް މިދެތަރިން އެއްބަސްވެފައެއް ނުވެ އެވެ.

މިދިޔަ އަހަރު މިނިވަން 50 ފާހަގަކުރުމަށް ބޭއްވި ވިޒިޓް މޯލްޑިވްސް އިޔާގެ މިއުޒިކް ޝޯގައި ބައިވެރިވުމަށް ކަރަން އާއި ބިޕާޝާ ވަނީ ރާއްޖެ އައިސްފަ އެވެ. އަދި އެދަތުރުގައި ބިޕާޝާ އާއި ކަރަންގެ އިތުރުން ބައެއް އެކުވެރިން ވަނީ ފޯ ސީޒަންސް ކުޑަހުރާގައި ވެސް އުފާވެރި ޗުއްޓީއެއް ހޭދަކޮށްފަ އެވެ. އެދަތުރުގައި ބިޕާޝާ ވަނީ އަބަދުވެސް ރާއްޖެ އަންނަ ބޭނުންވާ ކަމަށް ބުނެފަ އެވެ.