ލައިފްސްޓައިލް

ހިކެން އަދި ކަސްރަތު ކުރާކަށް ނުޖެހޭ!

ހިކެން ބޭނުންވާ ކަންނެތް މީހުންތައް ކޮބާ ހެއްޔެވެ؟ އެމީހުންނަށް މިއޮތީ ވަރަށް އުފާވެރި ހަބަރެކެވެ. އަބަދުވެސް މި އިވެނީ ހިކެން ބޭނުމިއްޔާ ކަސްރަތު ކުރާށޭ ކިޔާ އަޑެވެ. މޮޅެތި ޑައިޓުތަކާ އެކީގައިވެސް އޮންނަނީ ކަސްރަތު ކުރާށޭ އެވެ. މިއޮތީ އެވާހަކަތަކަށް ނިމުން އައިސްފަ އެވެ. ހިކޭކަށް ކޮންމެހެން ކަސްރަތު ކުރާކަށް ނުޖެހެ އެވެ.

ހަށިގަނޑުގެ ބަރުދަން ލުއިވަނީ ހަށިގަނޑުގައި ހުންނަ ކެލޮރީތައް އަންދާލުމުގެ ސަބަބުންނެވެ. މިކަމަށް އެންމެ ގިނަ މީހުން ކުރާ ކަމަކީ ކަސްރަތު ކުރުމެވެ. އެކަމަކު ސަބަބުތަކާ ހުރެ ކަސްރަތު ނުކުރެވޭ މީހުންނަށްވެސް ކޮންމެސް ގޮތެއް އޮންނަންވާނެތާ އެވެ. ސިއްހީ ހާލަތު ތަން ނުދޭތީ ނުވަތަ ބިޒީ ވުމުގެ ސަބަބުންނެވެ. އަދި ހާއްސަކޮށް ކަންނެތް މީހުންނަށެވެ.

ކަސްރަތު ނުކޮށް ހިކެން ބޭނުން ނަމަ މިޖެހެނީ ޑައިޓެއް ނަގާށެވެ. އާންމުކޮށް ހިކެން ބޭނުންކުރާ ޑައިޓުތަކާ މި ޑައިޓު ތަފާތުވާނެ އެވެ. ހަމަ އެކަނި ގެންނަންވީ ކުޑަ ކުޑަ ބަދަލެކެވެ. އެކަމަކު ނަތީޖާ ބޮޑުވާނެ އެވެ.

އަބަދުވެސް ކާލަ ކާލާ ހުންނަންވީ

މިހެން ބުނީމަ ހައިރާންވާނެ ކަމެއް ނެތެވެ. މި ދައްކަނީ އިރު އިރު ކޮޅާ ބޮޑު ބަތް ތައްޓެއް ނުވަތަ އެފަދަ އެއްޗެއް ވާހަކައެއް ނޫނެވެ. އަނގަ ފޫހި ފިލުވާލަން އަބަދުވެސް ކޮންމެވެސް އެއްޗެއް ކާލާ ވާހަކަ އެވެ. ޗުއިންގަމް ކަހަލަ އެއްޗެއް ރަނގަޅުވާނެ އެވެ. އޭރުން އަބަދުވެސް ސިކުނޑިއަށް ބަނޑުހައި ހޫނުކަން އިހުސާސްވާ މިންވަރު ކުޑަކޮށްދޭނެ އެވެ. އެހެން ވީމަ ކައިގެން އަބަދުވެސް ޗުއިންގަމް ކާށެވެ. ބަނޑުހައިވާލެއް އިހުސާސް ކުރެވޭލެއް ލަސްވާނެ އެވެ. އެހެންވީމަ ކާ މިންވަރު މަދުވާނެ އެވެ. ބަރުދަން ލުއިވާނެ އެވެ.

ޕްރޮޓީން ހުންނަ ކާނާ އަކީވެސް މިކަހަލަ އެއްޗެއްސެވެ. ގިނަ އަދަދަކަށް ޕްރޮޓީން ހިމެނޭ އެއްޗެހި ކާ ނަމަ އަބަދުވެސް ބަނޑު ފުރިފައި ހުންނަ ކަހަލަ އިހުސާސެއް ކުރެވޭނެ އެވެ. މިއީ ހޯމޯނަށް އަންނަ ބަދަލަކުން ދިމާވާ ކަމެއް ކަމަށް ސައިންސްވެރިން ބުނެ އެވެ. އެގޮތުން ބިހަކީ އެންމެ ރަނގަޅު އެކައްޗެވެ. ހެނދުނުގެ ނާސްތާއަށް ބިސް ބޭނުންކުރަން ޑޮކްޓަރުންވެސް އިލްތިމާސް ކުރެ އެވެ. މަސް، ޔޯގަޓް، ކުކުޅު ވެސް މީގެ ތެރޭގައި ހިމެނެ އެވެ.

ކާން ތިގެން ގުޅެނީ މާ ބޮޑެތި ތަށިތަކެއް

މި ވާހަކަ އަކީ ފަހަރުގައި ގިނަ މީހުންނަށް ނިކަން ހެއްވާ ވާހަކައަކަށްވެސް ވެދާނެ އެވެ. އެކަމަކު އިންސާނީ ތަބީއަތު ހުންނަ ގޮތުން އެއް ފަހަރު ތައްޓަށް އަޅައިގެން ކެއުމަކީ ގިނަ މީހުންގެ އާދަ އެކެވެ. އެހެން ވީމަ ތަށި ބޮޑުވި ވަރަކަށް ގިނައިން ތައްޓަށް އެޅޭނެ އެވެ. ސިއްހީ މާހިރުން ލަފާ ދެނީ ތަށި މާބޮޑު ނޫނަސް ތައްޓަށް ކާ އެއްޗެހި އެޅުމުން ގިނައިން ހުންނަ ކަމަށް ދައްކާ ކަހަލަ ތަށި ބޭނުން ކުރުމަށެވެ.

ކާ އިރު އެހެން ކަންތައްތަކަށް ސަމާލުކަން ނުދިނުމަކީ ވަރަށް މުހިންމު ކަމެކެވެ. އެއީ ނޭނގި ނަމަވެސް ގިނައިން ކެއުމަށް މަގުފަހި ކުރުވާ ކަމަކަށް އެކަންވާތީ އެވެ. ކާ ގަޑީގައި ޓީވީ ބެލުން ނުވަތަ ފޯނާ ކުޅުން ފަދަ ކަންކަމާ ދުރުވުމަކީ ވަރަށް ބޮޑަށް އިސްކަން ދޭން ޖެހޭ ކަމެކެވެ. އެހެން ނޫނީ ފައިދާއެއް ނުކުރާނެ އެވެ.

ލުއި ކާނާ އާ ދިމާލަށް ބަލައިލައިގެންވެސް ނުވާނެ

މިއީ ކަށީގައި ހިފާފައި ހުންނަ ކަމެކެވެ. އާންމުކޮށް ކާ ވަގުތު ނޫން ވަގުތުތަކުގައި ބަނޑުހައި ހޫނުކަން ފިލުވަނީ ލުއި ކާނާ އަކުންނެވެ. ބަނޑުހައި ނުވިއަސް ފޫހި ފިލުވާލަންވެސް ކެވެނީ ކޮންމެސް ކަހަލަ ލުއި ކާނާ އެކެވެ. އަނެއްކާ މިއީ ގިނައިން ކޭ ވަރަކަށް ކާ ހިތްވާ އެއްޗެކެވެ. ހަށިގަނޑަށް އެއިން އެއްވެސް ރާހަތެއް ނުކުރާއިރު އެއީ ހަމައެކަނި ބަރުދަން އިތުރުކޮށް މީހާ ފަލަކޮށްލާ އެއްޗެކެވެ. ފްރިޖާއި ކަބަޑުތަކުގައި ފުނި ވަރަކަށް ޖަހާފައި ތިހުރި ލުއި ކާނާތައް އުކާލާފައި މޭވާ އާއި ތަރުކަރީން ފުރާލާށެވެ. އެއޮތީ ހުސް ފައިދާ އެވެ. މީރު ރަހަތަކެވެ.

ހަމައެކަނި މިވަރަކުން އަދި ނުވާނެ އެވެ. ތި ބޯ އެނާޖީ ޑްރިންކުތަކަށްވެސް "ނޯ" ބުނާށެވެ. އެ ހަމަ ބޭކާރު އެއްޗެކެވެ. އެއިން އެލިބޭ ވަގުތީ ހަކަތައަށްވުރެ މޭވާ އެއްގެ ޖޫސް ތައްޓެއް ބުއީމަ އެލިބޭ ހަކަތަ މާ ގިނައިރު ހުރެ އެވެ. އަދި އަސަރުކުރާ މިންވަރުވެސް ބޮޑުވެ އެވެ.

މިހުރިހާ ކަމެއް ކުރާއިރު އަދި އެންމެ މުހިންމު ކަންތައް އޮތީ އެވެ. ފެން ބުއިމެވެ. ކަސްރަތު ނުކޮށް ހިކެން އުޅޭއިރު ވަރަށް ގިނައިން ފެން ބޯން ޖެހޭނެ އެވެ. އެހެން ވީމަ ކޮންމެ ގަޑިއަކު ކެއުމުގެ ކުރިން ފެން ތައްޓެއް ބޯލާށެވެ. ގިނައިން ފެން ބުއިމަކީވެސް ބަނޑުފުރޭ ކަމަކަށް ވާތީ އެވެ. އޭރުން ކެވޭ މިންވަރު މަދުވާނެ އެވެ.