ރާއްޖެ ކުޅިވަރު

ކާޔާ އެފްސީން ނިއު ބަލިކުރަން ބޭނުން: ކޯޗު

އޭއެފްސީ ކަޕް ފުޓްބޯޅަ މުބާރާތުގެ ދެ ވަނަ ބުރަށް ދިއުމަށް މިއަދު ނިއުރޭޑިއަންޓް ބަލިކުރަން ބޭނުންވާ ކަމަށް ފިލިޕީންސްގެ ކާޔާ އެފްސީން ބުނެފި އެވެ.

ކޯޗު ޖޮއެލް ވިލަރީނީ ބުނީ އަމިއްލަ ގައުމުގައި ނިއު އަތުން އެންމެ ފަހު ވަގުތު 1-0އިން މޮޅުވީ ނަސީބު ރަނގަޅުވުމުން ކަމަށެވެ.

"އަހަރުމެންގެ ފުރަތަމަ މެޗު ވަރަށް ރަނގަޅަށް ބަލާފައި މި މެޗަށް ވަރަށް ރަނގަޅަށް ތައްޔާރުވެއްޖައިން. އެމެޗުން ނިއުރޭޑިއަންޓް އަތުން އަހަރުމެން މޮޅުވީ ނަސީބު ރަނގަޅުކަމުން. އެހެންވީމާ އަހަރުމެން ވަރަށް ފަރުވާތެރިވާންޖެހޭނެ މި މެޗުގައި. މިއީ އަހަރުމެންނަށް ވަރަށް މުހިންމު މެޗެއް. ކޮންމެހެން ވެސް މޮޅުވާންޖެހޭ މެޗެއް ދެ ވަނަ ބުރަށް ދާން،" ކޯޗު ބުންޏެވެ.

މެޗާ ބެހޭގޮތުން ނިއުގެ ކޯޗު ބަލްގޭރިޔާގެ ޔޮރްދާން ސްޓޮއިކޯފް އިވަނޯފް ބުނީ އޭނާގެ ޓީމު މުބާރާތުން ކަޓާފައިވީ ނަމަވެސް މޮޅުވާން ބޭނުން ކަމަށެވެ.

"ހުރިހާ ޕްރެޝަރެއް އޮތީ އެމީހުންނަށް. އަހަރުމެން ފުރަތަމަ މެޗުގައި ވަރަށް ރަނގަޅަށް ކުުޅުނިން. އަހަރުމެންގެ ދަނޑުގައި އެމީހުން އަތުން މޮޅުނުވާންވީ ސަބަބެއްނެތް،" ކޯޗު ބުންޏެވެ.

މި މެޗަށް ނުކުންނައިރު ނިއު ނޫނީ ގްރޫޕް އެފްގެ ތިން ޓީމަށް ވެސް ދެ ވަނަ ބުރުގެ ފުރުސަތު އެބައޮތެވެ. އެއްވަނާގައިވަނީ 10 ޕޮއިންޓާއެކު ހޮންކޮންގެ ކިޗީ އެވެ. ދެ ވަނާގައިވަނީ ކާޔާ އެވެ. އެ ޓީމަށް ނުވަ ޕޮއިންޓް ލިބިފައިވާއިރު ތިން ވަނާގައި ހަތް ޕޮއިންޓާއެކު ވަނީ ސިންގަޕޫރުގެ ބެލަސްޓިއާ ހަލްސާ އެވެ. ނިއު އަށް ލިބިފައިވަނީ ދެ ޕޮއިންޓެވެ.

އޭއެފްސީ ކަޕުގައި ރާއްޖޭގެ މާޒިޔާ މާދަމާ ކުޅޭނީ ކުޅޭނީ މިޔަންމާގެ ޔަންގޮން ޔުނައިޓެޑާ އެވެ. މާޒިޔާ އަށް ދެ ވަނަ ބުރުގެ ފުރުސަތު އެބައޮތެވެ.