ދުނިޔެ

މުގާބޭ އެންމެ ފަހުން ވެއްޓިއްޖެ، އެކަމަކު ސިޑިން!

ރޮބަޓް މުގާބޭގެ ވެރިކަން ވައްޓާލަން ކިތަންމެ ބަޔަކު އުޅުނަސް 27 އަހަރު ވެގެން ދިޔައިރު ވެސް އެކަންވާ ގޮތެއް ނުވި އެވެ. އެކަމަކު މުގާބޭ އެންމެފަހުން ވެއްޓިވަޑައިގެންފި އެވެ. އެއީ ސިޑިއަކުންނެވެ.

މުގާބޭ އިއްޔެ ސިޑިން ވެއްޓުނީ އެފްރިކަން ޔުނިއަންގެ ޗެއާމަން ކަމަށް މުބާގޭ އިންތިހާބު ކުރި ބައްދަލުވުމަށް ފަހު ގައުމަށް ވަޑައިގެން އެއާޕޯޓްގައި ސަޕޯޓަރުންނާ ވާހަކަ ދެއްކެވުމަށް ފަހު ވަޑައިގަންނަވަނިކޮށެވެ.

ޒިމްބާބްވޭގެ ވެރިކަމުގައި 1987 ވަނަ އަހަރުން ފެށިގެން ހުންނަވާ، އުމުރުން 90 އަހަރުގެ މުގާބޭ ވެއްޓުނީ ސިޑިއަކުން ފައިބައިވަޑައިގަންނަވަނިކޮށް، އެއް ހަރުފަތުގައި ފައި ނޭޅުއްވި އަނެއް ހަރުފަތުގައި ފައި އެޅުއްވުމުންނެވެ. އުމުރުން ކިތަންމެ ގިނަ ދުވަސް ވެފައި ހުރި ނަމަވެސް ހަމަވެއްޓިވަޑައިގަތުމާ އެކު މުގާބޭ ނިކަން އަވަހަށް ތެދުވެ ވަޑައިގެންނެވި އެވެ. ހަށިގަނޑުގެ އާރާއި ބާރު ހުސްވެފައިވާ ކަމަކަށް ނުފެނެ އެވެ.

ކުލަ ގަދަކޮށް ބޭއްވި ރަސްމިއްޔާތު ކަވަރު ކުރުމަށް ހާޒިރުވެ ތިބި ނޫސްވެރިންގެ އެތައް ބަޔަކު ވަނީ މުގާބޭ ވެއްޓުުނުތަން ފޮޓޯ ނަގައިފަ އެވެ. އެކަމަކު ބައެއް ނޫސްވެރިން ވަނީ މުގާބޭގެ ސެކިއުރިޓީން އައިސް ފޮޓޯތައް ޑިލީޓް ކުރުމަށް މަޖުބޫރު ކުރި ކަމަށް ބުނެފަ އެވެ. އެކަމަކު ފޮޓޯތައް މި ވަނީ އާންމުވެފަ އެވެ.

މުގާބޭ ވެއްޓުމުގެ ކުރިން ސަޕޯޓަރުންނާ މުހާތަބު ކުރައްވަމުން ވިދާޅުވީ އެފްރިކަން ޔުނިއަންގައި ޒިމްބާބްވޭގެ ދަރަޖަ އުފުލިގެން ދިޔުމާ ގުޅިގެން އެފްރިކާގެ އެއްވެސް ގައުމަކުން ޝަކުވާ ނުކުރާ ކަމަށެވެ. ނަމަވެސް އެކަމަށް އެހެން ގައުމުތަކުން ވަނީ ވަަރަށް ބޮޑަށް ފާޑު ކިޔައިފަ އެވެ.