ބޮލީވުޑް

ރަންބީރުގެ ފޮޓޯ ނެގުމުން ރުޅިގަދަވެ، ފޮޓޯގްރާފަރުގެ ފޯނު އަތުލައިފި

May 10, 2016
2

ބަތަލާ ކެޓްރީނާ ކައިފް އާއި ރަންބީރު ކަޕޫރު ރުޅިވިފަހުން ރަންބީރު އުޅެނީ މީޑިއާ އާ ވަރަށް ދުރުންނެވެ.

ހޮނިހިރު ދުވަހުގެ ރޭ ރަންބީރު ގާތްއެކުވެރިޔާ އަޔާން މުކަރްޖީގެ ގެއަށް ދަނިކޮށް ފްރީލޭންސް ފޮޓޯގްރާފަރެއް ވަނީ ރަންބީރު ފަސްފަހަތުން އޭނާގެ ފޮޓޯ ނަގަމުން އެގެއާ ހަމައަށް ގޮސްފަ އެވެ. މިކަމާ ރުޅިގަދަވެގެން ރަންބިރު ވަނީ ކާރު މަޑުކުރުމަށްފަހު ފައިބައިގެން ގޮސް ފޮޓޯގްރާފަރުގެ ފޯނު އޭނާއާ ހަވާލުކުރުމަށް އެދިފަ އެވެ. މިކަމަށް ފޮޓޯގްރާފަރު އިންކާރު ކުރުމުން އިންތިހާއަށް ރުޅިގަދަވެފައިވާ ރަންބީރު ވަނީ އޭނާގެ ފޯނު އަތުލައިގެން އަޔާންގެ ގެއަށް ވަދެފަ އެވެ.

ރަންބީރު ފޯނު އަތުލުމުން ފޮޓޯގްރާފަރު ވަނީ އޭނާ މަސައްކަތްކުރާ ކުންފުނީގެ ބޮޑު މީހާއަށް ގުޅައި، ރަންބީރުގެ ފޮޓޯ ނެގުމުން ރުޅިގަދަވެ އޭނާ ފޯނު ގެންދިޔަ ކަމަށް ބުނެފަ އެވެ. މިހެން ބުނުމުން އޭނާގެ ވެރިމީހާ ފޮޓޯގްރާފަރުގެ ފޯނަށް ގުޅަން ފެށުމުން ރަންބީރު ވަނީ ފޯނު ނިއްވާލާފަ އެވެ. ދެން ރަންބީރުގެ ފޯނަށް ގުޅަން ފެށުމުން ކޯލަށް ވެސް ޖަވާބު ދީފައިނުވާއިރު، ޓެކްސްޓް މެސެޖެއް ކުރުމުން ޖަވާބު ދީފައެއް ނުވެ އެވެ. ނަމަވެސް އެރޭ ގާތްގަނޑަކަށް 1:30 ހާއިރު ރަންބީރު ވަނީ އެމީހާއަށް ގުޅައި އޭނަގެ ފަސްފަހަތުން އަންނަހާ ތަނަކަށް ޕަޕަރާޒީންނާއި ނޫސްވެރިން އައުމަކީ ވަރަށް ހިތްހަމަނުޖެހޭ ކަމެއް ކަމަށް ބުނެފަ އެވެ.

އަދި ފޮޓޯގްރާފަރުގެ ވެރިމީހާ ވަނީ ރަންބީރު ކުރެން އޭނާގެ ފޮޓޯގްރާފަރު އަދާކުރަމުން އައީ އޭނާގެ މަސައްކަތް ކަމަށާއި އޭނާ ރަންބީރުގެ ފޮޓޯ ނުނެގިނަމަ އެހެން ފޮޓޯގްރާފަރަކު ރަންބީރުގެ ފަސްފަހަތުން ގޮސް ފޮޓޯ ނަގާނެ ކަމަށް ބުނެފަ އެވެ. ރަންބީރާއި އެމީހާ ދެމެދު ވަރަށް ގިނަ ވާހަކަދެކެވި، ރަންބީރަށް ވިސްނަ ދެވޭތޯ މަސައްކަތްކުރި ނަމަވެސް އޭނާ ވަނީ އިތުރަށް އޭނާ ފަހަތުން އައިސް ފޮޓޯ ނަގަން މަސައްކަތް ކޮށްފިނަމަ ފުލުހަށް މައްސަލަ ހުށަހަޅާނެ ކަމަށް ބުނެފަ އެވެ.

އެންމެފަހުން ރަންބީރު ގޮތްދޫނުކުރާނެ ކަން އެނގުމުން އޭނާގެ ކިބައިން މާފަށް އެދި އެފަދަ ކަމެއް ތަކުރާރު ނުވާނެ ކަމަށް ވައުދު ވުމުން ވަނީ ފޯނު އަނބުރާ ދޭން އެއްބަސްވެފަ އެވެ. އަދި ވަނީ ފޯނު ބަލާ އެރޭ ފަތިހު ހަތަރެއް ޖަހާއިރަށް ރަންބީރު ދިރިއުޅޭ ގެ ކައިރިއަށް އައުމަށް އެދިފަ އެވެ.

މިފަހުން ކެޓްރީނާ ވަނީ އޭނާ ގެއެއް ހޯދުމަށް ނިކުމެ އުޅެނިކޮށް ޕަޕަރާޒީން އޭނާގެ ފަހަތުން ދާން ފެށުމުން ދެން އިތުރަށް އޭނާގެ ފަހަތުން އައިސްފިނަމަ ފުލުހުންނަށް މައްސަލަ ރިޕޯޓްކުރާނެ ކަމަށް ބުނެފަ އެވެ.