ވިޔަފާރި

އެސްޓީއޯއިން ކުޑަކުދިންނަށް ހާއްސަ ދެ އުފެއްދުމެއް ބާޒާރަށް ނެރެފި

ކުޑަކުދިންގެ ދުވަސް ފާހަގަކުރަން ސްކޫލްތަކުންނާއި ސަރުކާރު ބައެއް މުއައްސަސާތަކުން ތަފާތު ގިނަ ކަންތައްތަކެއް ދަނީ ކުރަމުންނެވެ. އެސްޓީއޯ އިންވެސް މިވަނީ ކުޑަކުދިންގެ ދުވަސް ފާހަގަކުރަން ހާއްސަ ކަމެއް ކޮށްފަ އެވެ. އެސްޓީއޯ އިން މިވަނީ ކުޑަކުދިންގެ ދުވަހާ ގުޅިގެން ހާއްސަ ދެ އުފެއްދުމެއް ބާޒާރަށް ނެރެފަ އެވެ.

މި އުފެއްދުންތަކާ ބެހޭގޮތުން މައުލޫމަތު ދެމުން އެސްޓީއޯގެ ބްރޭންޑް އޮފިސާ އަބުދުﷲ ހުޒާމް ވިދާޅުވީ މިއަދު އިފްތިތާހް ކުރި ދެ އުފެއްދުމަކީ އަލް ސަބާހް ބްރޭންޑުގެ ކިރު ޕެކެޓްގެ އިތުރުން ނަބާޓީ އެވެ. އަލް ސަބާހްގެ ތިން ފްލޭވާއެއްގެ ކިރު ޕެކެޓް ތައާރަފްކޮށްފަ އެވެ. ދުބާއީގެ މި ބްރޭންޑުގެ ޖޫސް ޕެކެޓު މީގެކުރިން އެސްޓީއޯ އިން ވަނީ ލޯންޗުކޮށްފަ އެވެ.

އިންޑޮނޭޝިއާގެ އުފެއްދުމެއް ކަމަށްވާ ނަބާޓީގެ ޗީޒް އަދި ޗޮކްލެޓް ފްލޭވާގެ ރޯލްސް އާއި ވެފާ ހިމެނޭނެ ކަމަށް ހުޒާމް ވިދާޅުވި އެވެ. މި ބްރޭންޑުގެ 12 އުފެއްދުން މިއަދު ވަނީ ބާޒާރަށް ނެރެފަ އެވެ.

ކުޑަކުދިންގެ ދުވަސް ފާހަގަކުރަން އެސްޓީއޯ އިން ވަނީ ކުޑަކުދިންގެ ހަވީރެއް ބާއްވަންވެސް ނިންމާފަ އެވެ. މި ހަވީރު އަންނަ ހުކުރު ދުވަހު ހަވީރު ހަތަރަކުން ހަޔަކަށް އެސްޓީއޯގެ ޓްރޭޑް ސެންޓަރުގެ ގޯތި ތެރޭގައި ކުރިއަށް ގެންދާނެ ކަމަށާއި މި ހަވީރުގައި އެލް ސަބާހް އަދި ނަބާޓީ ބްރޭންޑުގެ އުފެއްދުންތައް ރަހަ ބަލައިލުމުގެ ފުރުސަތު ލިބޭނެ ކަމަށް ހުޒާމް ވިދާޅުވި އެވެ.

އެކި ކަހަލަ ތަފާތު ކުޅިވަރުތަކާއި މައުލޫމާތުތައް ދިނުން ވެސް މި ހަވީރުގައި އޮންނާނެ ކަމަށް ހުޒާމް ވިދާޅުވި އެވެ. މި ހަވީރުގައި ބައިވެރިވުމުގެ ފުރުސަތު އާންމުކޮށް ވަނީ ހުޅުވާލާފަ އެވެ. މި ހަވީރުގައި ބައިވެރިވާ ކޮންމެ ކުއްޖަކަށް ހާއްސަ އިނާމެއް ލިބޭނެ އެވެ.

ކުޑަކުދިންގެ ދުވަސް ފާހަގަކުރަން މިއަދުވެސް އެސްޓީއޯ އިން ދަނީ ހާއްސަ ޕްރޮމޯޝަނެއް ކުރިއަށް ގެންދަމުންނެވެ. އެގޮތުން 100 ރުފިޔާއިން މަތިން ކުރާ ކޮންމެ ވިޔަފާރިއަކަށް އަލް ސަބާހްގެ ދެ ޕެކެޓް ރަހަ ބަލައިލުމުގެ ފުރުސަތު ލިބޭއިރު 200 އަށްވުރެ މަތިން ކުރާ ކޮންމެ ވިޔަފާރިއަކަށް ނަބާޓީ ބްރޭންޑްގެ ޗީޒް ވެފާ ޕެކެޓެއް ލިބޭނެ ކަމަށް ހުޒާމް ވިދާޅުވި އެވެ.