އަށާރަ އަހަރުން ދަށުގެ ކުޑަކުދިންގެ ނަމުގައި އެކައުންޓް ހުޅުވައި، ފައިސާ ރައްކާކުރެވޭ "ކިޑްސް ސޭވާ އެކައުންޓް" ހިދުމަތް ގައުމީ ބޭންކް، ބޭންކް އޮފް މޯލްޑިވްސްއިން ތައާރަފްކޮށްފި އެވެ.
ކުޑަކުދިންގެ ނަންމަތީގައި ހުޅުވާ އެކައުންޓްތަކުގައި ފައިސާ ރައްކާކުރުމުގެ ހިދުމަތް މީގެ ކުރިންވެސް ބީ އެމްއެލްއިން ދެއެވެ. ނަމަވެސް އެ ހިދުމަތަކީ އާންމު އެކައުންޓް ހުޅުވާ އުސޫލުން ފައިސާވެސް ބޭނުން ވަގުތެއްގައި ނެގޭ ގޮތަށް ހުންނަ މައިނާ އެކައުންޓްތަކެކެވެ. ކިޑްސް ސޭވާ އެކައުންޓްގެ ހިދުމަތަކީ ވަކި ޕްރޮޑަކްޓެކެވެ. މި ބާވަތުގެ އެކައުންޓްތަކާއި މައިނާ އެކައުންޓާއި ހުރި ތަފާތަކީ، ކިޑްސް ސޭވާ އެކައުންޓް އިން ނަގާ އިންޓްރެސްޓް ރޭޓް ދަށްވުމާއި، ކުއްޖާއަށް އަށާރަ އަހަރުވުމުން އިތުރު ޕްރޮސީޖާ އަކާ ނުލައި އޮޓޮމެޓިކުން ކުއްޖާއަށް އެކައުންޓްގެ ޕްރައިވެސީ ލިބޭ ގޮތް ވުމެވެ. މީގެ އިތުރުން އެކައުންޓުން ބެލެނިވެރިޔާ އަށް ފައިސާ ނެގޭނީ މަހަކު އެއްފަހަރަށެވެ. ކާޑެއް ނުވަތަ ޗެކްފޮތެއް މި އެކައުންޓްތަކަށް ދޫ ނުކުރާނެ އެވެ.
ބީއެމްއެލުން ބުނީ، ކިޑްސް ސޭވާ އެކައުންޓް ދިވެހި ރުފިޔާއާއި ޑޮލަރުންވެސް ހުޅުވޭނެ ކަމަށެވެ. އެކައުންޓް ހުޅުވުމަށް މަދުވެގެން 100ރ. ނުވަތަ 10 ޑޮލަރު ޖަމާކުރަންޖެހޭ ކަމަށެވެ. ދިވެހި ރުފިޔާ އެކައުންޓަކަށް އިންޓްރެސްޓެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ ދެ ޕަސެންޓެވެ. ޑޮލަރު 1.5 ޕަސެންޓެވެ.
ބީއެމްއެލުން ބުނީ، އެކައުންޓް ހުޅުވުމަށްފަހު ބެލެނިވެރިންނަށް އެފަރާތުގެ ބޭންކް އެކައުންޓުން ކުއްޖާގެ އެކައުންޓަށް ވަކި ވަރަކަށް ފައިސާ ޖަމާކުރުމަށް ސްޓޭންޑިން އޯޑާއެއް ހަމަޖެއްސޭނެ އިންތިޒާމްވެސް ހަމަޖެހިފައިވާ ކަމަށެވެ. އެގޮތަށް ބެލެނިވެރިންގެ އެކައުންޓުން ދަރިފުޅުގެ އެކައުންޓަށް ގަވާއިދުން ކޮންމެ މަހަކު ޓްރާންސްފާކުރާ ފައިސާއަށް އެއްވެސް ފީއެއް ނުނަގާނެ ކަމަށެވެ.
ހަމައެކަނި ބީއެމްއެލްގެ މައި ބްރާންޗުން ފޯރުކޮށްދޭ މި ހިދުމަތް ހޯދޭނީ ބެންކަށް ގުޅައިގެން އެޕޮއިންޓްމަންޓެއް ނަގައިގެންނެވެ. މިއަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް، އެ އަހަރެއްގައި ކިޑްސް ސޭވާ އެކައުންޓް ހުޅުވާ ފަރާތްތަކުގެ މެދުގައި ބޭއްވޭ އަހަރީ ލަކީޑްރޯއެއް އޮންނާނެ ކަމަށް ވެސް ބީއެމްއެލުން ބުންޏެވެ.