ބޮލީވުޑް

"ދޫމް ރީލޯޑަޑް" ގައި ސަލްމާން އާއި ރަންވީރު؟

May 11, 2016
1

ޔާޝް ރާޖް ފިލްމްސްގެ "ދޫމް" ސިލްސިލާގެ ހަތަރު ވަނަ ފިލްމު "ދޫމް ރީލޯޑަޑް" އުފެއްދުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ އެވެ.

"ދޫމް" ސިލްސިލާގެ ތިންވަނަ ފިލްމަށް ބޮޑު ތަރުހީބެއް ލިބިގެން ގޮސްފައިވާއިރު، ހަތަރު ވަނަ ފިލްމު ސިނަމާތަކާ ހަމައަށް އަންނަ އިރަކަށް ބެލުންތެރިން ތިބީ އިންތިޒާރު ކުރާށެވެ.

މި ސިލްސިލާގެ ހަތަރު ވަނަ ފިލްމު "ދޫމް ރީލޯޑެޑް" އަންނަކަން މިދިޔަ ޑިސެމްބަރުގައި ޔާޝް ރާޖްއިން އިއުލާން ކުރަމުން ވަނީ މިހާތަނަށް ނިކުތް މި ސިލްސިލާގެ ތިން ފިލްމަށް ވުރެން އެ ފިލްމުގެ މާފުރިހަމަ ވާނެ ކަމަށް ބުނެފަ އެވެ.

ފިލްމު އިއުލާންކުރި ހިސާބުން ފިލްމުގެ ލީޑް ތަރިންނަކީ ކޮން ބައެއް ކަމާމެދު އެކި ގޮތްގޮތަށް ވަނީ ވާހަކަ ދެކެވިފަ އެވެ. ބޮލީވުޑްގެ އެންމެފަހުގެ ހަބަރުތައް ބުނާ ގޮތުން ސުޕަސްޓާ ސަލްމާން ޚާން އާއި ޒުވާން އެކްޓަރު ރަންވީރު ސިންގް މި ފްލްމުގެ މުހިންމު ރޯލުން ފެނިގެންދާނެ އެވެ. އެގޮތުން ސަލްމާން ފެނިގެންދާނީ ނުބައިބައި ރޯލުން ކަމަށްވެ އެވެ. އަދި ރަންވީރު ފެނިގެންދާނީ ބަތަލެއްގެ ގޮތުގަ އެވެ.

ބުނެވޭ ގޮތުގައި ފިލްމުގެ ޕްރޮޑިއުސަރު އަދިތްޔަ ޗޯޕްޅާ ބޭނުންވަނީ މި ފިލްމު ވީހާވެސް ބޮޑަށް ޒުވާންނުންނާއި ގުޅޭގޮތަށް އުފައްދާށެވެ. އެގޮތުން ޒުވާނުންގެ މެދުގައި މަގުބޫލު ދެތަރިން ހިމަނަން ނިންމުމަކީ އަދިތްޔަގެ ނިންމުމެކެވެ.

މި ދެތަރިން މިފިލްމަށް އަދި އާނބަސް ނުދިން ކަމުގައި ވިޔަސް ދެތަރިންނަށް ވެސް ފިލްމުގެ ރޯލު ހުށަހަޅާފައިވާ ކަމަށްވެ އެވެ.

މިފަހުން ސަލްމާން ވަނީ ނުބައިބައި ރޯލެއް ހުށަހަޅައިފިނަމަ އޭނާވެސް ކުޅެން ބޭނުންވާ ކަމަށް ބުނެފަ އެވެ. އަދި ޔާޝް ރާޖް އާއި "ދޫމް ރީލޯޑަޑް" ކުޅުމާއި ގުޅޭގޮތުން ސަލްމާން ވާހަކަދައްކަމުން އަންނަނީ "ދޫމް 3" އާމިރާ ޚާން ކުޅެދިން ގޮތަށް ފިލްމަށް ލިބޭ އާމްދަނީން ވަކި ބައެއް އޭނާއަށް ލިބޭ ގޮތަށެވެ.

ސަލްމާން އާއި ރަންވީރަކީ ވެސް ޔާޝް ރާޖް އާއި ވަރަށް ގާތް ދެތަރިންނެވެ. މިހާރު ސަލްމާން ކުޅެމުން އަންނަ "ސުލްތާން" އަކީ ވެސް ޔާޝް ރާޖް ފިލްމަކެވެ. އަދި ޔާޝް ރާޖަށް ސަލްމާން ކުޅެދިން ފުރަތަމަ ފިލްމަކީ 2012 އަހަރު ނިކުތް ބްލޮކްބާސްޓާ ފިލްމު "އޭކް ތަ ޓައިގާ" އެވެ. ރަންވީރު ބޮލީވުޑަށް ތައާރަފުވެފައިވަނީ ވެސް ޔާޝް ރާޖްގެ "ބޭންޑް ބާޖާ ބާރަތް" އިންނެވެ. އަދި އޭނާ މިހާރު ކުޅެމުން އަންނަ "ބޭފިކްރޭ" އަކީ އަދިތްޔަ ޑައިރެކްޓްކުރާ ފިލްމެކެވެ.

ވިޖޭ ކްރިޝްނަ އަޗާރިޔާ ޑައިރެކްޓްކުރާ "ދޫމް ރީލޯޑަޑް" ގެ ޝޫޓިން ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ކުރީކޮޅު އެވެ.