ރާއްޖެ ކުޅިވަރު

ޕޮއިންޓަކާއެކު ނިއު އޭއެފްސީ ކަޕް ނިންމާލައިފި

ޕިލިޕީންސްގެ ކާޔާ އެފްސީއާ އެކު 0-0އިން އެއްވަރުކޮށް ލިބުނު ޕޮއިންޓާއެކު ނިއުރޭޑިއަންޓް އޭއެފްސީ ކަޕް ފުޓްބޯޅަ މުބާރާތް ނިންމާލައިފި އެވެ.

މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ކުޅުނު ހަ މެޗުން ނިއު އަށް ލިބުނީ ތިން ޕޮއިންޓެވެ.

ކޯޗު ބަލްގޭރިޔާގެ ޔޮރްދާން ސްޓޮައިކޯފް އިވަނޯފް ބުނީ މިނަތީޖާއާމެދު އޭނާ ހިތްހަމަޖެހޭ ކަމަށެވެ.

"މިއަދު ލިބުނު ޕޮއިންޓާމެދު އަހަރެން ހިތްހަމަޖެހޭ. މި ޓީމަކީ ވަރަށް ޒުވާން ޓީމެއް. ގްރޫޕް ސްޓޭޖުން އަހަރުމެން ކެޓި ނަމަވެސް އަހަރެން ހިތްހަމަޖެހޭ ނަތީޖާތަކާމެދު،" 2005 ވަނަ އަހަރުގެ މުބާރާތުގެ ސެމީ ފައިނަލަށް ނިއު ގެންގޮސްދިން ކޯޗު ބުންޏެވެ.

ނިއު ހިމެނުނު ގްރޫޕް އެފްއިން ދެ ވަނަ ބުރަސް ދިޔައީ ކާޔާ އެފްސީ އާއި ގްރޫޕްގެ އެއްވަނަ ހޯދި ހޮންކޮންގެ ކިޗީ އެވެ. ނިއުއާއެކު ކަޓައިގެންދިޔަ އަނެއް ޓީމަކީ ސިންގަޕޫރުގެ ބެލަސްޓިއާ ހަލްސާ އެވެ. ކިޗީ އަށް 13 ޕޮއިންޓް ލިބިފައިވާއިރު ކާޔާ އަށް ލިބިފައިވަނީ 10 ޕޮއިންޓެވެ. ބެލަސްޓިއާ އަށް ހަތް ޕޮއިންޓް އަދި ނިއު އަށް ތިން ޕޮއިންޓެވެ.