ވެސްޓްހޭމް އަތުން މިރޭ 3-2އިން ބަލިވެ، ޕްރެމިއާ ލީގުގެ ހަތަރު ވަނާގައި ލީގު ނިންމާލުގެ ފުރުސަތު މެންޗެސްޓާ ޔުނައިޓެޑް ނަގާލައިފި އެވެ.
ވެސްޓްހޭމްގެ އަޕްޓޮން ޕާކް ބަންދުކުރުމުގެ ކުރިން އެ ދަނޑުގައި ތާރީހުގައި ކުޅެން އޮތް ފަހު މެޗުން ޔުނައިޓެޑް ބަލިވީ މެޗުގެ ފަހު 14 މިނިޓްގައި ބައިކޮޅަށް ވަން ލަނޑުތަކުންނެވެ. މެޗުގެ ފުރަތަމަ ލަނޑު 10 ވަނަ މިނިޓްގައި ދިއަފްރާ ސަކޯ ޖެހި ނަމަވެސް އެންތަނީ މާޝިއަލް ވަނި ފަހަތުން އަރައި ދެ ލަނޑު ޖަހައިގެން ޔުނައިިޓެޑަށް ލީޑު ހޯދާދީފަ އެވެ. ނަމަވެސް 76 ވަނަ މިނިޓްގައި މިޝާއީލް އެންޓޯނިއޯ އާއި 81 ވަނަ މިނިޓްގައި ވިންސްޓަން ރެއިޑް ޖެހި ދެ ގޯލުން ވެސްޓްހޭމް ވަނީ ޓޭބަލުގެ 62 ޕޮއިންޓާއެކު ޓޭބަލުގެ ހަަވަނާގައި ހިފަހައްޓާލައިފަ އެވެ. މި މެޗުން ބަލިވުމުން ޔުނައިޓެޑް ވަނީ ފަސް ވަނަ އަށް ވެއްޓިފަ އެވެ. އެމީހުންނަށް ލިބިފައިވަނީ 63 ޕޮއިންޓެވެ.
ސީޒަނުގައި ކޮންމެ ޓީމަކަށް ބާކީ މެޗެއް އޮތްއިރު ޔުނައިޓެޑް ބަލިވުމުން އެ ޓީމަށް ގަދަ ހަތަރެއްގައި ސީޒަން ނިންމަން މިހާރު އަމިއްލަ ބާރެއް ނެތެވެ. މިހާރު އެބާރު އޮތީ އިއްޔެނޫން އިހަށްރޭ އާސެނަލްއާ އެއްވަރުވި މެންޗެސްޓާ ސިޓީ އަށެވެ. އެ ޓީމަށް ވަނީ 65 ޕޮއިންޓް ލިބިފަ އެވެ.
މި މެޗަށް ޔުނައިޓެޑްދިޔައީ ގަޑިޖެހިގެންނެވެ. އަދި ދަނޑާ ގާތްކުރުމުން ވެސްޓްހޭމްގެ ސަޕޯޓަރުން ވަނީ ޔުނައިޓެޑުގެ ބަހަށް ފުޅިއުކައިފަ އެވެ. މީގެ ތެރެއިން ފުޅިއަކުން ޖެހި ތަޅައިގެންދިޔައީ ކޯޗު ލުއިސް ވެންހާލް އިށީދެގެން އިން ދިމާ ބިއްލޫރިގަނޑެވެ.
މި މައްސަލާގައި ވެސްޓްހޭމުން ވަނީ ޔުނައިޓެޑް ކުށްވެރިކޮށްފަ އެވެ. އެ ޓީމުގެ ޗެއާމަން ބުނީ ގަޑިއަށް ޔުނައިޓެޑް ހާޒިރުވިނަމަ އެފަދަ ކަމެއް ދިމާނުވާނެ ކަމަށާއި މަގުމަތި ބާރުބޮޑުވެފައި އޮއްވައި ދަނޑަށް ގަޑިޖެހިގެން އައުމުން ދިމާވި ކަމެއްގައި އެކުލަބުން ޒިންމާ ނުނަގާނެ ކަމަށެވެ.
މި މެޗުގައި ވެސްޓްހޭމްގެ ސަޕޯޓަރުން ޔުނައިޓެޑް ލަނޑު ޖަހައި ނަތީޖާ ހަމަހަަމަކުރި ވަގުތު ކީޕަރު ޑޭވިޑް ޑެހެޔާ އުފާފާޅު ކުރުން އޭނާއާ ދިމާލަށް ވެސް ފުޅިއުކައިފަ އެވެ.