ވެސްޓްހޭމްގެ ސަޕޯޓަރުން މެންޗެސްޓާ ޔުނައިޓެޑުގެ ކޯޗު ލުއިސް ވެންހާލަށް ހަމަލާދީފި އެވެ.
ނެދަލޭންޑްސްގެ ކުރީގެ ކޯޗަށް ހަމަލާދިނީ ވެސްޓްހޭމްގެ އަޕްޓޮމް ޕާކުގައި ކުޅެން އޮތް މެޗަށް ދަނޑަށް ދިޔަމަގުމަތީގައި ދަނޑު ކައިރީގައި ތިބި ސަޕޯޓަރުންނެވެ. އެމީހުން އެއްލި ފުޅިއަކުން ޖެހި ތަޅައިގެންދިޔައީ ބަހުގައި ވެންހާލް އިށީދެގެންއިން އިންދިމާ ބިއްލޫރިގަނޑެވެ. ނަމަވެސް ކޯޗަށް އަނިޔާއެއްނުވެ އެވެ.
"ވެންހާލް ބުނީ ފޮޓޯތަކުން މަންޒަރު ވަރަށް ސާފުވާނެ ކަމަށާއި މެޗު ހުއްޓުވަން ވެސް ސަޕޯޓަރުން މަސައްކަތްކުރާނެ ކަމަށް،" ލަފާކުރާ ކަމަށެވެ.
އިނގިރޭސި އަދި މެންޗެސްޓާ ޔުނައިޓެޑުގެ ކެޕްޓަން ވޭން ރޫނީ ބުނީ ކޯޗަށް ހަަމަލާދިނީ ސަޕޯޓަރުން ފުޅި އުކައިގެން ކަމަށާއި މިއީ ވެސްޓްހޭމް ވެސް ހިތާމަކުރާނެ އަމަލެއް ކަމަށެވެ. ސަޕޯޓަރުން ވަނީ ކޯޗުގެ އިތުރުން ކީޕަރު ޑޭވިޑް ޑެހެޔާއާ ދިމާއަށް ވެސް ފުޅިއުކައިފަ އެވެ.
މި މައްސަލަ އިނގިރޭސި އެފްއޭ އާއި އިނގިރޭސިވިލާތުގެ ފުލުހުން ތަހުގީގު ކުރަމުންދާއިރު ވެސްޓްހޭމްގެ ޗެއާމަން ވަނީ މެންޗެސްޓާ ޔުނައިޓެޑް ކުށްވެރިކޮށްފަ އެވެ.
ޗެއާމަން ޑޭވިޑް ސުއްލިވަން ބުނީ ވެސްޓްހޭމް އެހެން ދަނޑަކަށް ބަލަދުމުގެ ކުރިން އަޕްޓޮން ޕާކުގެ ތާރީހުގައި ވެސް ކުޅޭ އެންމެ ފަހު މެޗަށް މެންޗެސްޓާ ޔުނައިޑެޓުން ދަނޑަށް އަންނަންޖެހޭ ގަޑިއަށް ހާޒިރުނުވާ ކަމަށާއި ހަވީރު ހަތަރެއްގެ ފަހުން މަގުމަތި ބާރުބޮޑުވާނެކަން އެމީހުންނަށް އެނގެން ޖެހޭ ކަމަށެވެ.
"އަހަންނަކަށް ނޭނގެ އެމީހުން ހަތަރެއްޖެހިއިރު މިތަނުގައި (ސްޓޭޑިއަމުގައި) ނެތީ ކީއްވެކަމެއް. އެމީހުން އައީ ލަހުން. މަގުމަތި ބާރުބޮޑުވާނެ މިގަޑީގައި. ކޯޗު ހުރީ މަގުމަތީގައި. މީހުންތިބި ކޯޗު ވަށައިގެން. އެމީހުން ކޯޗަށް ހަމަލާނުދޭ،" ޗެއާމަން ބުންޏެވެ.
މި ހާދިސާގައި ފުލުހުންގެ މީހަކަށް އަނިޔާވި އެވެ.
މެޗު ކަވަރުކުރަން ގޮސްހުރި ބީބީސީގެ ރިޕޯޓަރު ވެސް ބުނެފައިވަނީ މެންޗެސްޠާ ޔުނައިޓެޑް އައީ ގަޑިޖެހިގެން ކަމަށެވެ. އަދި މި ސީޒަނުގައި ޓޮޓެންހަމް މެޗަށް ވެސް ޔުނައިޓެޑް ދިޔައީ ލަހުންކަން އޭނާ ފާހަގަކޮށްފައިވެ އެވެ. އޭނާ ބުނީ މެންޗެސްޓާ ޔުނައިޓެޑް ދަނޑަށްއައިއިރު މަގުމަތީގައި ތޮއްޖެހިފައިތިބީ ވެސްޓްހޭމްގެ ސަޕޯޓަރުން ކަމަށާއި ޔުނައިޓެޑްގެ ބަސް ދަނޑާ ގާތްކުރުމުން ފުރަތަމަ ފުޅިއުކަން ފެށީ ކަމަށެވެ.