ސްޓާ ޕްލަސް އިން ދައްކަމުން އަންނަ ސީރީޒް "ސާތް ނިބާނާ ސާތިޔާ" އަކީ 2010 ވަނަ އަހަރުން ފެށިގެން ވަރަށް ކާމިޔާބު ކަމާ އެކު ދައްކަމުން އަންނަ، ގިނަ ބައެއްގެ މެދުގައި މަގުބޫލު ޝޯ އެކެވެ.
ވޭތުވެދިޔަ ހަ އަހަރުން ފެށިގެން ދައްކަމުން އަންނަ މި ޑްރާމާގައި ކުރީގެ ބައެއް ތަރިން ވަކިވެ، އާމޫނުތަކެއް ވެސް ވަނީ ޝޯގައި ތައާރަފުވެގެން ގޮސްފަ އެވެ. އަނެއްކާވެސް މިޝޯގެ ވާހަކަ އަހަރެއް ކުރިއަށް ގެންދިޔުމަށް ޝޯ އުފައްދާ ފަރާތުން ނިންމުމާއި ގުޅިގެން މިޑްރާމާގެ އެންމެ މުހިންމު މޫނުތައް ވަނީ ޝޯއާ ވަކިވާން ނިންމާފަ އެވެ.
މިހާރު މިޝޯގެ ލީޑްރޯލުން ފެނިގެންދާ ގޯޕީ އާއި އެހެމް ވަނީ ޝޯ ލީޕް އަކަށް ދިއުމުން، އެމީހުން މާމަ އާއި ކާފައިންގެ ރޯލު ކުޅެން ޖެހުމުން ޝޯއިން ވަކިވާން ނިންމާފަ އެވެ. މީގެއިތުރުންވެސް "ސާތް ނިބާނާ ސާތިޔާ" ފެށުނީއްސުރެން ޖިގަރްގެ ރޯލު ކުޅެމުން އައި އެކްޓަރު ވެސް ވަނީ ޝޯއިން ވަކިވާން ނިންމާފަ އެވެ.
މިޝޯގައި އެހެމްގެ ރޯލުން ފެނިގެންދާ މުހައްމަދު ނިޒާމުއްދީން ވަނީ އޭނާ ޝޯއިން ވަކިވާކަން ޔަގީންކޮށްދީފަ އެވެ. އެގޮތުން އޭނާ ވަނީ މިހާރު މިޝޯގައި އޭނާއަށް ވުރެން ދެތިން އަހަރެއް ހަނގު އެކްޓަރުންގެ ބައްޕައެއްގެ ރޯލު ކުޅޭތާ މިހާރު އަހަރަކަށް ވުރެން ގިނަ ދުވަސްވެފައިވާ ކަމަށާއި ދެން އެއަށް ވުރެން މުސްކުޅި މީހެއްގެ ރޯލު ނުކުޅެވޭނެ ކަމަށް ބުނެފަ އެވެ. މިހާރު މިޝޯ އުފައްދާ ފަރާތާއި އޭނާއާ އެއްބަސްވުމަކަށް އާދެވި ވަނީ އޭނާ ކުޅެމުން އައި ކެރެކްޓާ މަރާލަން ނިންމާފަ އެވެ.
ލީޕްއަކަށް ދާން ނިންމުމުން ގިނަ ތަރިންނެއް ޝޯއިން ވަކިވި ނަމަވެސް ބައެއް ތަރިން ޝޯގައި މަޑުކުރާނެ ކަމަށްވެ އެވެ.