ޑެންގީ

އަންހެން މީހާ މަރުވީ ޑެންގީ ޖެހިގެންކަން ކަށަވަރެއް ނޫން: ހެލްތު

ޑެންގި ހުންޖެހިގެން އިއްޔެ މަރުވި ކަމަށް ބެލެވޭ ގދ. ފަރެސްމާތޮޑާ އަންހެންމީހާ މަރުވީ ޑެންގިހުން ޖެހިގެންކަން މިނިސްޓްރީއަށް ކަށަވަރު ނުވާތީ އެމައްސަލަ ހެލްތު މިނިސްޓްރީން ދިރާސާކުރަން ފަށައިފި އެވެ.

މީގެ ދެ ދުވަސްކުރިން ގދ. ފަރެސްމާތޮޑާއިން އިތުރު ފަރުވާއަށް އެ އަތޮޅު ތިނަދޫ އަބްދުއްސަމަދް ރީޖަނަލް ހޮސްޕިޓަލް އަށް ގެންދިޔަ މަގުމަތީގައި އަންހެންމީހާ މަރުވެފައިވަނީ ޑެންގި ހުމަށް ޑައިގްނޯސް ވެފައިވަނިކޮށް ކަމަށް ތިނަދޫ ހޮސްޕިޓަލުން ވަނީ ބުނެފަ އެވެ. ނަމަވެސް ހެލްތު މިނިސްޓްރީން ބުނީ އަންހެންމީހާ ޑޮކްޓަރަށް ދެއްކުމުން ޑެންގީއަށް ޑައިގްނޮސްވި ކަމުގެ ރިޕޯޓެއް ލިބިފައި ނެތުމުން އެކަންވީގޮތް ދެނެގަތުމަށް އެ މައްސަލަ ބަލަމުންދާ ކަމަށެވެ.

ދުވަސްކޮޅަކަށްފަހު އަނެއްކާވެސް ރާއްޖޭގައި ކަންބޮޑުވާ މިންވަރަށް ޑެންގީ ޖެހިގެން މީހުން ރިޕޯޓްކުރަން ފަށާފައިވާ ކަމަށް ވިދާޅުވަމުން ހެލްތު މިނިސްޓްރީގެ ތަރުޖަމާން ތަސްލީމާ އުސްމާން ވިދާޅުވީ، ޑެންގީ ކޭސް އެއްގައި މިއަހަރުގެ މިހާތަނަށް މީހަކު ވަރަށް ބޮޑަށް ސީރިއަސްވި މައްސަލައެއް ފެންމަތި ނުވަނީސް ޑެންޖީ ޖެހިގެން އަންހެނަކު މަރުވިކަމުގެ މައުލޫމާތު ލިބުމުން އެކަން ބަލަން ފަށާފައިވާ ކަމަށެވެ.

"އަޅުގަނޑުމެންނަށް މައުލޫމާތު ލިބިފައި އޮތީ އެ އަންހެންމީހާ ޑޮކްޓަރަށް ދެއްކުމުން އެހެން ބައްޔަކަށް ޑައިގްނޮސްކުރި ކަމަށް. އެހެންވީމަ ހެލްތުން މި ބަލަނީ އެކަން ވެފަ އޮތް ގޮތެއް، އޯޕީޑީ މަރުހަލާގައި ހެދި ޓެސްޓުތަކާއި އެ ހުރިހާ ކަމެއް ބެލުމަށްފަހު އެ އަންހެންމީހާ މަރުވީ ޑެންގީ ޖެހިގެންކަން ކަށަވަރުކޮށް މިނިސްޓްރީން ބުނަން އެނގޭނީ،" ތަސްލީމާ ވިދާޅުވި އެވެ.

ތިނަދޫ އަބްދުއްސަމަދް ހޮސްޕިޓަލުން އަވަސް އަށް މައުލޫމާތު ދެއްވި އޮފިޝަލަކު ވިދާޅުވީ، އަންހެންމީހާ އެންމެ ފުރަތަމަ ފަރެސްމާތޮޑަ ހޮސްޕިޓަލަށް ޑޮކްޓަރަށް ދެއްކުމުން ޑެންގީއަށް ޑައިގްނޯސް ނުވާ ކަމަށެވެ. ނަމަވެސް އޭނާ އެޑްމިޓް ކުރުމަށްފަހު ހެދި ޓެސްޓްތަކުން ޑެންގީ އަށް ޑައިގްނޮސް ވި ކަމަށާއި ތިނަދުއަށް އިތުރުފަރުވާއަށް ފޮނުވުމުގެ ކަންކަން ހަމަޖެއްސީ ޑެންގީއަށް ޑައިގްނޮސް ވެފައިވާކަން އެ ހޮސްޕިޓަލަށް ރިޕޯޓްކުރުމަށްފަހު ކަމަށެވެ.

"ތިނަދޫއަށް އިތުރު ފަރުވާއަށް ގެންނަން ހުރިހާ ކަމެއް ނިމި، ގެނައުމުގެ މަގުމަތީގައި ވަނިކޮށް އަންހެންމީހާ މަރުވީ. ތިނަދޫ ހޮސްޕިޓަލަށް ފަރެސްމާތޮޑާ ހޮސްޕިޓަލުން އެންގި އަންހެންމީހާ ޑެންގީ އަށް ޑައިގްނޮސްވި ކަމަށް،" އޮފިޝަލު ވިދާޅުވި އެވެ.

ހެލްތު މިނިސްޓްރީން ބުނީ ޑެންގީ ޖެހިގެން މީހުން ރިޕޯޓްކުރާ މިންވަރު އަނެއްކާވެސް ކަންބޮޑުވާ މިންވަރަސް އިތުރުވާން ފަށާފައިވާ ކަމަށެވެ. އެހެންކަމުން ބައްޔަށް ރައްކާތެރިވެގެން ތިބުމަށް އިލްތިމާސްކުރާ ކަމަށެވެ.

ޑެންގީ އިތުރުވާން ފެށުމާއެކު ހެލްތު މިނިސްޓްރީން ވަނީ ރާއްޖޭގެ އެކި ހިސާބުތަކުގައި މަދިރި ކޮންޓްރޯލް ކުރުމަށް ސާފުކުރުމުގެ ޕްރޮގްރާމްތަކެއް ހިންގަން މީގެ ހަފްތާއެއް ކުރިން މަސައްކަތް ފަށާފައެވެ. އެ މަސައްކަތް މިހާރުވެސް އެކި ރަށްރަށުގައި ކުރިއަށްގެންދާ ކަމަށް ހެލްތުން ވަނީ ބުނެފަ އެވެ.