ސަރުކާރުގެ ކޭޝް ފްލޯ ހަމަޖެއްސުމަށް މިދިޔަ މަހުގެ ނިޔަލަށް 12.7 ބިލިއަން ރުފިޔާގެ ޓީ-ބިލާއި 7.3 ބިލިއަން ރުފިޔާގެ ޓީ-ބޮންޑް ވިއްކާފައިވާ ކަމަށް މަރުކަޒީ ބޭންކުން ބުނެފި އެވެ.
ޕެންޝަން އޮފީހުން އިންތިޒާމުކޮށްގެން ކުރުނބާ މޯލްޑިވްސްގައި އިއްޔެ ބޭއްވި "މޯލްޑިވްސް ފައިނޭންސް ފޯރަމް 2016" ގައި ދިން ޕްރެޒެންޓޭޝަނެއްފައި ރާއްޖޭގެ މަރުކަޒީ ބޭންކް (އެމްއެމްއޭ) ގެ ފައިނޭންޝަލް ސެކްޓާ ޑިވްލޮޕްމަންޓު ޔުނިޓުގެ ސީނިއަ މެނޭޖަރު އަހުމަދު އިމާދު ވިދާޅުވީ ޓީ-ބިލް ޕެންޝަން ފަންޑަށް ވެސް ވިއްކާފައިވާ ކަމަށެވެ.
"ޓްރެޒަރީ ބޮންޑްސް ޕެންޝަނަށް ވިއްކާފައިވޭ. ދެ ކުންފުނިން ކޯޕަރޭޓް ބޮންޑްސް ވެސް ގަނެފައިވޭ،" އިމާދު ވިދާޅުވި އެވެ.
މި އަހަރުގެ ބަޖެޓާ ބެހޭ ގޮތުން ރައްޔިތުން މަޖިލީހަށް ޖަވާބުދާރީވަމުން ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު ވިދާޅުވެފައިވަނީ އަމިއްލަ ފަރާތްތަކާއި ބޭންކްތަކުން ޓީ-ބިލް ގަންނަ އަދަދު 22 ޕަސެންޓް އިތުރުވެފައިވާ ކަމަށެވެ.
ރާއްޖޭގެ ޓީ-ބިލްގެ މާކެޓުގައި އެންމެ ކުރީގައި އުޅޭ އަމިއްލަ ކުންފުންޏަކީ ރާއްޖޭގެ ޓޫރިޒަމްގެ އެންމެ ބޮޑު ކުންފުނި، ޗަމްޕާ ބްރަދާސް އެވެ. އެ ކުންފުނިން 221 މިލިއަން ރުފިޔާގެ ޓީ- ބިލް ގަނެފައިވާ ކަމަށް ފިނޭންސް މިނިސްޓަރު ވިދާޅުވި އެވެ.
އަދި ދެވަނަ އަށް އެންމެ ގިނައިން ޓީ-ބިލް ގަތް ކުންފުންޏަކީ ކްރައުން ކޮމްޕެނީ އެވެ. އެ ކުންފުނިން 16 މިލިއަން ރުފިޔާގެ ޓީ ބިލް ގަނެފައިވެ އެވެ. މީގެ އިތުރުން ޓީ- ބިލްގެ އެންމެ ބޮޑު ޕަސެންޓެއް ގަނެފައިވާ ދައުލަތުގެ މުއްސަސާއަކީ ޕެންޝަން އޮފީހެވެ. ޕެންޝަން ފަންޑުން 3.7 ބިލިއަން ރުފިޔާގެ ޓީ ބިލް ގަނެފައިވެ އެވެ. އަދި ދެން އެންމެ ގިނައިން ޓީ-ބިލް ގަނެފައިވަނީ ބޭންކް އޮފް މޯލްޑިވްސް އެވެ.
ސަރުކާރުން ވަނީ ޓީ- ބިލްގެ އިންޓްރެސްޓް ރޭޓް ދަށްކޮށްފަ އެވެ. އެގޮތުން ކުރިން ނުވަ ޕަސެންޓުގައި ހުރި ޓީ-ބިލްގެ އިންޓްރެސްޓް ރޭޓްވަނީ 3.5 ޕަސެންޓާއި 4.6 ޕަސެންޓަށް ދަށްކޮށްފަ އެވެ.