ފައިނޭންސް ފޯރަމް

ޕެންޝަން އޮފީހުގެ މޯލްޑިވްސް ފައިނޭންސް ފޯރަމް ފަށައިފި

ކުރުނބާ މޯލްޑިވްސްއިން: މުހައްމަދު އަފްރާހު

ޕެންޝަން އޮފީހުން އިންތިޒާމުކޮށްގެން ބާއްވާ މޯލްޑިވްސް ފައިނޭންސް ފޯރަމް މިއަދު ފަށައިފި އެވެ. ކުރުނބާ މޯލްޑިވްސްގައި ކުރިއަށްދާ މި ފޯރަމްގައި ރާއްޖޭގެ މާލީ ދާއިރާގައި ހަރަކާތްތެރިވާ ގިނަ ފަރާތްތަކުން ބައިވެރިވެ އެވެ.

މި ފޯރަމް ފައްޓަވައި ދެއްވުމުގެ ގޮތުން ވާހަކަ ދައްކަވަމުން ޕެންޝަން އޮފީހުގެ ޗެއާޕާސަން އާތިފާ އަލީ ވިދާޅުވީ ޕެންޝަން ފަންޑަކީ އިގްތިސާދުގައި މުހިންމު ދައުރެއް އަދާކުރާ ފައިނޭންޝަން ޕްރޮޑަކްޓެއް ކަމަށާއި، ޕެންޝަން ފަންޑުން އިންވެސްޓްކުރާގެ ތަފާތު ޕްރޮޑަކްޓްތައް ފަރުމާ ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

ޕެންޝަން އޮފީހުން ބާއްވާ ފައިނޭންސް ފޯމް ބާއްވަމުން އަންނަތާ ފަސް އަހަރު ވެއްޖެ އެވެ. މި އަހަރުގެ ފައިނޭންސް ފޯރަމްގެ މެއިން ސްޕޮންސާއަކީ އެލައިޑް އިންޝުއަރެންސެވެ. މި އަހަރުގެ ފޯރަމްގެ ޝިއާރަކީ މާލީ ދާއިރާ ޒަމާނީ ކުރުމާއި ރިފޯމް ކުރުމެވެ.

ޕެންޝަން ފަންޑުގައި މިހާރު 5.1 ބިލިއަން ރުފިޔާ އެބަހުއްޓެވެ. ޕެންޝަން ފަންޑުގެ ހިސާބުތައް ދައްކާ ގޮތުން 2009 ވަނަ އަހަރުން ފެށިގެން މިހާތަނަށް ފައިސާ ދައްކާ ވަޒީފާދޭ ފަރާތްތަކުގެ ގޮތުގައި 1،767 ފަރާތެއް ފަންޑުގައި ބައިވެރިވެ އެވެ. މީގެތެރޭގައި ކުންފުނިތަކާއި ސަރުކާރުގެ މުއްސަސާތައް ހިމެނެ އެވެ. އަދި ފައިސާ ދައްކާ މުވައްޒަފުންގެ 82،000 އަށްވުރެ ގިނަ އެވެ.