ބޮލީވުޑް

"ބާޣީ2" އުފައްދަން ނިންމައިފި

May 12, 2016
2

ޓައިގާ ޝްރޮފް އާއި ޝްރަދާ ކަޕޫރު ލީޑްރޯލުން ފެނިގެން ގޮސްފައިވާ ފިލްމު "ބާޣީ" އަށް ވަނީ ބެލުންތެރިންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބިގެން ގޮސްފަ އެވެ.

މިދިޔަ މަހުގެ 29 ވަނަ ދުވަހު ރިލީޒްކުރި މި ފިލްމަށް ދެހަފްތާގެ ތެރޭގައި އިންޑިއާއިން ލިބުނު އާމްދަނީ 70 ކްރޯޑް (700 މިލިއަން) ރުޕީޒް ލިބިފައިވާއިރު، ފިލްމުގެ ޕްރޮޑިއުސަރު ސާޖިދު ނަޑިއަޑްވާލާ ވަނީ މިފިލްމުގެ ދެވަނަ ބައެއް އުފެއްދުމަށް ނިންމާފަ އެވެ.

"ބާޣީ 2" ޗައިނާގެ ޝަންހާއިގައި ޝޫޓް ކުރުމަށް އެގައުމުގެ ސަރުކާރުން ވަނީ ފިލްމު އުފައްދާ ފަރާތުގައި އެދިފަ އެވެ.

މި ފިލްމުގެ ދެވަނަ ބައެއް އުފައްދަން ނިންމާފައިވާ ކަމަށް ބުނަމުން ސާޖިދް ވަނީ ފިލްމުގެ ތަރިންނާއި ޑައިރެކްޓަރާއެކު ކުރެވުނު ތަޖުރިބާ ވަރަށް ފުރިހަމަ ކަމަށާއި މި ފިލްމުގެ ވާހަކަ ކުރިއަށް ގެންދަން ޖެހޭ ކަމަށް ބުނެފަ އެވެ.

"އަހަރެން ނިންމާފައިވަނީ ފިލްމުގެ ޝޫޓިން އަންނަ އަހަރު ޝަންހާއީގައި ފަށަން،" ސާޖިދު ބުނެފައިވެ އެވެ.

މި ފިލްމުގެ ޑައިރެކްޓަރު ސަބީރް ޚާން ވަނީ ދެވަނަ ބައެއް އުފައްދަން ނިންމުމުން އެކަމާ ވަރަށް އުފާކުރާ ކަމަށާއި ޕްރޮޑިއުސަރެއްގެ ގޮތުން ސާޖިދު އަކީ އެ އެއްޗެއް ފުރިހަމަ ކުރުމަށް ކޮންމެ ފަދަ ކަމެއް ވެސް ކޮށްދޭން ތައްޔާރަށް ހުންނަ މީހެއް ކަމަށް ބުނެފަ އެވެ.

"ބާޣީ2" ގެ ވެސް ލީޑްރޯލުން ފެނިގެންދާނީ ޓައިގާ އާއި ޝްރަދާ ކަމަށް ވެސް ސާޖިދު ވަނީ ބުނެފަ އެވެ.

އެކްޝަން މަންޒަރުތައް ކުޅެން މޮޅު ޓައިގާ މިފިލްމުގެ ދެވަނަ ބަޔަށް ތައްޔާރުވުމުގެ ގޮތުން ޗައިނާއިން މާޝަލް އާޓްސް ޓްރެއިނިން ހަދާނެ ކަމަށް ވެސްވެ އެވެ.