ދުނިޔޭގެ އެންމެ ޝަރަފުވެރި ފިލްމު ފެސްޓިވަލް ކަމަށްވާ ކޭންސް ފިލްމު ފެސްޓިވަލް މާދަމާ ފެށޭއިރު، ދުނިޔޭގެ މަޝްހޫރު ފަންނާނު ކޭންސް ރެޑް ކާޕެޓުގައި މިއަހަރުވެސް ހިނގާލާނެ އެވެ.
އެހެން އަހަރުތަކެކޭވެސް އެއްގޮތަށް އަބަދުވެސް އެންމެ ގިނަ ބަޔަކު އިންތިޒާރުކުރަމުން އަންނަނީ މަޝްހޫރު ތަރިން އަޅާނެ ހެދުމަކަށެވެ.
ކުރީގެ ރީތީގެ ރާނީ އަދި މަޝްހޫރު ބަތަލާ އައިޝްވާރިޔާ ރާއީ ބައްޗަން ކޭންސް ފިލްމު ފެސްޓިވަލްގައި ބައިވެރިވާތާ މިއަހަރުމީ 15 ވަނަ އަހަރު އިރު، އޭނާ ކޮންމެ އަހަރަކު މި ފެސްޓިވަލަށް އަޅާ ހެދުންތަކަށް ވެސް ތައުރީފާ އެއްވަރަށް ފާޑުކިޔުން ވެސް އޮހެ އެވެ.
މިއަހަރުގެ ކޭންސް ފެސްޓިވަލާއި ބެހޭގޮތުން ވާހަކަ ދައްކަމުން އައިޝްވާރިޔާ ވަނީ މިފަހަރު އަޅާނެ ހެދުމެއް އަދި ނުނިންމާ ކަމަށާއި މި ފެސްޓިވަލްގައި ތަރިން އަޅާ ހެދުމަށް ފާޑުކިޔާ ފެޝަން ޕޮލިސް އާ މެދު ޖެހިލުމެއް ނުވާ ކަމަށް ބުނެފަ އެވެ. އަދި އޭނާ އަޅާ ހެދުމަކާ ބެހޭގޮތުން ކިތަންމެ ފާޑެއް ކިޔިދާނެ ކަމަށާއި އެކަމާ އޭނާ ހާހެއް ނުވާނެ ކަމަށް ބުނެފަ އެވެ.
އައިޝްވާރިޔާ ވަނީ ކޭންސްގައި އޭނާ އަޅާނެ ހެދުމެއް އަދި ނުނިންމިގެން އުޅެނީ އަންނަ ހަފްތާގައި ރިލީޒްކުރާ އޭނާގެ ފިލްމު "ސަރަބްޖިތް" ގެ ޕްރޮމޯޝަނަލް ކަންތައްތަކުގައި ވަރަށް ބުރަކޮށް އުޅެން ޖެހުމުގެ ސަބަބުން ކަމަށެވެ.
"ކޭންސް ކުރިއަށް އޮތް ދެދުވަސް ތެރޭ ފެށޭ، އަހަންނަށް އަދިވެސ ނޭނގެ ލާނެ ހެދުމެއް. އަހަންނަށް ކިތަންމެ މަލާމަތްކުރިއަސް ވަގުތު ނުވެގެން ހެދުމަށް ނުހޯދުނީ" އައިޝްވާރިޔާ ބުނެފައިވެ އެވެ.
އައިޝްވާރިޔާ ކޭންސް ރެޑް ކާޕެޓުގައި ހިނގުމަށް ހަމަޖެހިފައިވަނީ މިމަހުގެ 13 އަދި 14 ވަނަ ދުވަހު އެވެ. އޭނާ މިފެސްޓިވަލްގައި ބައިވެރިވަނީ ލޯރިއަލްގެ ބްރޭންޑް އެމްބެސެޑަރެއްގެ ގޮތުންނެވެ. އައިޝްވާރިޔާގެ އިތުރުން ބަތަލާ ސޯނަމް ކަޕޫރުވެސް ރެޑްކާޕެޓްގައި ލޯރިއަލްގެ ބްރޭންޑް އެމްބެސެޑަރެއްގެ ގޮތުން ހިނގާނެ އެވެ.
އައިޝްވާރިޔާގެ ކޭންސްގެ 15 އަހަރުގެ ތެރޭގައި އޭނާ އެޅި ގިނަ ހެދުންތަކަށް ވަނީ އިންތިހާއަށް ފާޑުކިޔުން ލިބިފަ އެވެ. ނަމަވެސް މިފަހަކަށް އައިސް އައިޝްވާރިޔާގެ ހެދުންތަކުގެ ސްޓައިލް ތަފާތުވެފައި ރީއްޗެވެ.
މިމަހުގެ 21 ވަނަ ދުވަހު ނިމޭ މިފެސްޓިވަލް އަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އުފައްދާ ފިލްމުތައް ދައްކާ ފެސްޓިވަލަކަށް ވުރެން ބޮޑަށް އެންމެފަހުގެ ބްރޭންޑެޑް ހެދުންތައް ދައްކާލާ ފެސްޓިވަލެކެވެ.