އުރީދޫ

މިއުޒިކް ނައިޓާއެކު މިރޭ އުރީދޫން ފިކްސްޑް ބްރޯޑްބޭންޑް ފަށަނީ

May 12, 2016

ގިނަ ބަޔަކު އިންތިޒާރު ކުރަމުން އަންނަ އުރީދޫގެ ފިކްސްޑް ބްރޯޑްބޭންޑްގެ ޚިދުމަތް މާލޭގެ އާޓިފިޝަލް ބީޗުގައި މިރޭ ބާއްވާ "އުރީދޫ މިއުޒިކް ނައިޓް" ގައި ތައާރަފްކުރާނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

މުއާސަލާތީ އެ ކުންފުނިން ބުނީ މިރޭ ބާއްވާ މި ހާއްސަ ލޯންޗްގެ އިތުރުން، އުރީދޫ މިއުޒިކް ނައިޓްގައި މަގްބޫލު ދިވެހި ފަންނާނުންގެ ހުނަރު ފެނިގެންދާނެ ކަމަށާއި މިރޭގެ ޝޯގައި ބައިވެރިވާ ފަންނާނުންގެ ތެރޭގައި ކޮރިއޯޓިކްސް އާއި އީކުއޭޓިކް ވައިބް އާއި ގްރެވިޓީ ބައި ހަބޭސް އާއި ހަބޭސް ބޮޑުބެރު ގްރޫޕާއި މީރާ، އަދި މޫޝަން އެންޑް ފްރެންޑްސް ޕާފޯމް ކުރާނެ ކަމަށެވެ.

އުރީދޫގެ އެސިސްޓަންޓް މެނޭޖާ ޕަބްލިކް ރިލޭޝަންސް ނޫރާ އިބްރާހިމް ޒާހިރު ވިދާޅުވީ އުރީދޫ އަށް ރާއްޖޭގައި އައިއެސްޕީ ލައިސަންސް ލިބުމާއި އެކު، ރީދޫގެ ޓީމް މަސައްކަތް ކުރަމުންދިޔައީ ވިހާވެސް އަވަހަކަށް އުރީދޫގެ ބްރޯޑްބޭންޑްގެ ޚިދުމަތް ތައާރަފް ކުރަން ކަމަށެވެ.

"އުރީދޫ އިން އަނެއްކާވެސް ދިވެހިންގެ ހަޔާތަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދޭނެ ޚިދުމަތެއް ތައާރަފް ކުރާއިރު، މި ޚާއްޞަ މުނާސަބަތުގައި އަޅުގަނޑުމެންނާއި ބައިވެރިވުމަށް، އަޅުގަނޑުމެންގެ ކަސްޓަމަރުންނާއި ސަޕޯޓަރުންނަށް ދައުވަތު އަރުވަން." ނޫރާ ވިދާޅުވި އެވެ.

މިރޭގެ 8.45 އިން ފެށިގެން އުރީދޫ މިއުޒިކް ނައިޓް ވީޓީވީ އިން ލައިވް ކުރެ އެވެ.