ރާއްޖެ ކުޅިވަރު

އޭއެފްސީ އިން ނިއުރޭޑިއަންޓާއި ކީޕަރު 4000 ޑޮލަރުން ޖޫރިމަނާކޮށްފި

އޭއެފްސީ ކަޕުގެ ގަވާއިދާ ހިލާފުވެފައިވާތީވެ ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބާއި އެ ޓީމުގެ ކީޕަރު ޖުމްލަ 4000 ޑޮލަރުން އޭއެފްސީ އން ޖޫރިމަނާކޮށްފި އެވެ.

ނިއުރޭޑިއަންޓް 3000 ޑޮލަރުން ޖޫރިމަނާ ކުރަން ނިންމީ، މިދިޔަ އޭޕްރީލް މަހު 12 ވަނަ ދުވަހު ގަލޮޅު ދަނޑުގައި ހޮންކޮންގެ ކިޗީއާ ދެކޮޅަށް ކުޅުނު މެޗުގައި ހުއްދަނެތް ބަޔަކު ދަނޑަށް އަރުވާފައިވާތީ އެވެ. އޭއެފްސީން ބުނެފައިވަނީ މިއީ މުބާރާތުގެ ގަވާއިދުގެ 38.5އާ ހިލާފު ކަމެއް ކަމަށެވެ. އެމާއްދާގައި ބުނެފައިވަނީ ހުއްދަނެތި، ދަނޑަށާއި ޗޭންޖިން ރޫމަށް އަދި އެނޫން ވެސް މަނާކޮށްފައިވާ ތަނަކަށް މުބާރާތުގެ ފާސްނެތި ނުވަދެވޭނެ ކަމަށެވެ.

އިތުބާރުހުރިގޮތަކަށް އެނގިފައިވާ ގޮތުގައި ނިއުރޭޑިއަންޓްގެ ފާސްނެތި އެދުވަހު ދަނޑަށް ވަނުމަށް ހުއްދަދީފައިވާ ބަޔަކީ މޯލްޑިވިއަން އައިޑޮލްގެ ލަވަކިއުންތެރިންނެވެ.

އޭއެފްސީން ނިއުގެ ގޯލްކީޕަރު އަބޫ ސުލައިމާން 1000 އެމެރިކާ ޑޮލަރުން ޖޫރިމަނާ ކުރީ ކިޗީ އަތުން 2-0އިން ބަލިވި އެ މެޗުގައި ޕެނަލްޓީ އޭރިޔާގެ ބޭރަށް ނުކުމެ އެ ޓީމުގެ ކުޅުންތެރިއަކަށް ކުރި ނުރައްކާތެރި ފައުލަކާ ގުޅިގެންނެވެ. މި އަދަބުގެ އިތުރަށް އޭނާ އެއް މެޗަށް ސަސްޕެންޑްކޮށް، މިފަދަ އަމަލެއް ތަކުރާރުނުކުރުމަށް އޭނާ އަށް ވަނީ އަންގާފަ އެވެ. ސުލައިމާން ސަސްޕެންޑްކޮށްފައި ހުރުމުން ނިއު އެންމެ ފަހުން ކުޅުނު މެޗުގައި ގޯލް ބެލެހެއްޓީ ބަދަލު ކީޕަރު ފައިރޫޒް އެވެ.

އޭއެފްސީ ކަޕުން ނިއު މިހާރުވަނީ ކަޓާފަ އެވެ. ކުޅުނު ހަ މެޗުގެ ތެރެއިން ތިން މެޗު އެއްވަރުވެ އަނެއް ތިން މެޗުން ބަލިވެ ތިން ޕޮއިންޓާއެކު ނިއުދިޔައީ ގްރޫޕް އެފްގެ ފުލަށެވެ. މި މުބާރާތުގައި ވާދަކުރި ރާއްޖޭގެ މާޒިޔާ ވެސް ވަނީ ރޭ މުބާރާތުން ކަޓާފަ އެވެ.