މޯލްޑިވްސް ކަސްޓަމްސް ސާވިސް

ކޯޕަރޭޓް ގްރޫޕް ހެލްތު ތަކާފުލް އިންޝޫރެންސް ސްކީމްގައި ކަސްޓަމްސް ބައިވެރިވެއްޖެ

އެލައިޑް އިންޝޫރެންސްގެ ކޯޕަރޭޓް ގްރޫޕް ހެލްތް ތަކާފުލްގައި މޯލްޑިވްސް ކަސްޓަމްސްއިން މިއަދު ސޮއިކޮށްފި އެވެ.

މިއަދު ކަސްޓަމްސްގެ ހެޑް އޮފީހުގައި އޮތް ރަސްމިއްޔާތެއްގައި އެއްބަސްވުމުގައި އެ މުއައްސަސާގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނާ ޖެނަރަލް އޮފް ކަސްޓަމްސް އިބްރާހިމް ޝަރީފް މުހައްމަދު އެވެ. އެލައިޑް އިންޝޫރެންސްގެ ފަރާތުން އެ ކުންފުނީގެ ޖެނަރަލް މެނޭޖާ ނިޔާޒް މުހައްމަދު އެވެ.

މިއަދު ސޮއިކުރި އެއްބަސްވުމާ ގުޅިގެން ކޮމިޝަނާ ޝަރީފް ވިދާޅުވީ، އިންޝޫރެންސް ކަންތައްތަކަކީ އެ ބޭފުޅާ އެ މުއައްސަސާއާ ހަވާލުވުމުގެ ކުރިންވެސް ކުރަން ފަށާފައިވާ ކަމެއް ކަމަށެވެ. ތަކާފުލް ކޯޕަރޭޓް ގްރޫޕް ހެލްތު އިންޝޫރެންސް ސްކީމް ގައި ބައިވެރިވާން ބޭނުންވީ، މުވައްޒަފުންނަށް ފަސޭހައިން ބޭސްފަރުވާގެ ކަންކަން ނިންމާލުމުގެ ފުރުސަތު ހޯދައިދީ ދިމާވެދާނެ ހާސްކަމަކުން އެމީހުން ސަލާމަތްކުރުމަށް ކަމަށެވެ. އަދި ތަކާފުލް އިންޝޫރެންސް ފަދަ ޝަރީއާ ކޮމްޕްލަޔަންޓް ސްކީމެއްގައި ބައިވެރިވެވުމުން އުފާކުރައްވާ ކަމަށެވެ.

ނިޔާޒް ވިދާޅުވީ، ވީހާވެސް ގިނަ ކަސްޓަމްސް މުވައްޒަފުންނަށް ސްކީމްގައި ބައިވެރިވެ ހިދުމަތް ލިބިގަތުމަށް ދައުވަތުދެއްވާ ކަމަށެވެ. ނިޔާޒް ވިދާޅުވީ ބޭސްފަރުވާއަށް ހާއްސަކޮށްގެން ސްކީމެއް ތައާރަފްކުރީ، ބައެއް ހާލަތްތަކުގައި އާސަންދަ ލިބުމަށް ދަތިވުމާއި އާސަންދަ ބޭނުންނުކުރާ ބައެއް ކްލިނިކްތައް ވެސް ހުރުމާއެކު އެ ފަދަ ދަނޑިވަޅެއްގައިވެސް ރައްޔިތުންނަށް ބޭސްފަރުވާގެ ހިދުމަތް ފޯރުކޮށްދިނުމުގެ ގޮތުން ކަމަށެވެ.

"އަޅުގަނޑުމެންގެ އިންޝޫރެންސް ބޭނުންކުރެވޭނެ ރާއްޖޭގެ ހުރިހާ ކްލިނިކެއްގައި، އަދި ފާމަސީތަކުގަ ވެސް. އެހެންވީމަ އަޅުގަނޑުމެންގެ ފަރާތުން އެދެނީ މި ސްކީމްގައި ވީހާވެސް ގިނަ މުވައްޒަފުން ބައިވެރިވުމަށް، އަދި ސްކީމްގެ ފައިދާ ލިބިގަތުމަށް، އެއީ ކޮންމެހެން އަޅުގަނޑުމެންނަށް ގިނައިން ޕްރިމިއަމް ލިބޭނެތީ އެއް ނޫން. މިފަދަ ސްކީމެއް ފަސޭހައިން ބޭނުންކުރެވޭނެ ފުރުސަތު އޮތީމަ އޭގެ ފައިދާ ލިބިގަތުމުން އެހެން މީހުންނަށް ވެސް އެނގިގެންދާނެތީ،" ނިޔާޒު ވިދާޅުވި އެވެ.