ފިނިޕޭޖް

އިންޑިއާގެ ސުޕަހީރޯ "ޝަކްތިމާން" އެނބުރި އަންނަނީ

May 12, 2016

ނަވާރަ ސަތޭކަ ނުވަދިހަ ހަތްވަނަ އަހަރު ދައްކަން ފެށި ފުރަތަމަ އިންޑިއާގެ ސުޕަހީރޯ ޓީވީ ސީރީޒް "ޝަކްތިމާން" އަކީ ދިވެހިންގެ ތެރޭގައި ވެސް ވަރަށް މަގުބޫލުވެގެން ގޮސްފައިވާ ކެރެކްޓާ އެކެވެ.

އެގާރަ އަހަރުގެ މެދުކެނޑުމަކަށްފަހު އަނެއްކާ ވެސް "ޝަކްތިމާން" އެނބުރި ޓީވީތަކަށް އަންނަން އުޅޭކަމުގެ އުފާވެރި ހަބަރު މިޝޯގައި ޝަކްތިމާން، ސުޕަހީރޯގެ ރޯލުކުޅެފައިވާ މުކޭޝް ކަންނާ ވަނީ ބުނެފަ އެވެ.

މިޝޯ އަލުން ފެށުމާއި ބެހޭގޮތުން ނޫސްތަކަށް ދިން އިންޓަވިއުއެއްގައި މުކޭޝް ވަނީ މިޝޯ އަލުން ފެއްޓުމުގެ މަޝްވަރާތައް މިހާރު ދަނީ ކުރިއަށް ކަމަށާއި މިޝޯ ދެއްކުމާއި ބެހޭގޮތުން ބައެއް ޗެނަލްތަކާ އެކު މިހާރު ވާހަކަދެކެވިފައިވާ ކަމަށް ވެސް ބުނެފަ އެވެ.

މިހާރު އުމުރުން 57 އަހަރުގެ މުކޭޝް ވަނީ އަލުން މިޝޯ ފަށާއިރު، ޝަކްތިމާންގެ ރޯލުން ފެނިގެންދާނީ އޭނާ ކަމަށާއި އެރޯލަށް ތައްޔާރުވުމުގެ ގޮތުން މިހާރު ބަރުދަނުން އަށް ކިލޯވެސް ލުއިކޮށްފައިވާ ކަމަށާއި އަދިވެސް އަށް ކިލޯ ދުއްވާލައި ސިކްސް ޕެކް ގެންނާނެ ކަމަށް ބުނެފަ އެވެ.

"އަހަރެން ބޭނުން މީގެ 15 އަހަރުކުރިން ޝަކްތިމާން ދެއްކިއިރު އަހަރެންގެ ހަށިގަނޑާއި ލުކްސް ހުރި ގޮތަށް ދައްކާލަން. ބެލުންތެރިން އަހަރެން ބަލައިގެންފައި ވަނީ ޝަކްތިމާންގެ ގޮތުގައި، އެރޯލު އެހެން މީހަކު ކުޅޭކަށް އަހަރެން ބޭނުމެއް ނޫން،" މުކޭޝް ބުނެފައިވެ އެވެ.

"ޝަކްތިމާން" އަކީ އުދުހުމުގެ ބާރުގެ އިތުރަށް އެެނިހެން ވެސް ސުޕަޕަވާސް ލިބިގެން ނުބައި މީހުންގެ އަތްދަށުންނާއި ނުބައި ކަންތައްތަކުން މީހުން ސަލާމަތްކުރާ ސުޕަހީރޯ އެކެވެ. ގިނަ ކުޑަކުދިންނެއްގެ މެދުގައި މަގުބޫލުކަމެއް ހޯދާފައިވާ ޝަކްތިމާން، މިޝޯ މެދުވެރިކޮށް ރަނގަޅު ކަންތައްތަކާއި ނުބައި ކަންތައްތައް ވެސް ވަކިކޮށްދިނުމުގެ މެސެޖްތައް ވެސް ދެ އެވެ.

މެދުކެނޑުމެއް ނެތި އަށް އަހަރު ވަންދެން ދައްކަމުން އައި މިޝޯ ހުއްޓާލާފައިވަނީ 2005 ވަނަ އަހަރުގެ މާޗް މަހުގެ ތެރޭގަ އެވެ. އަލުން މިޝޯ ދައްކަން ފަށާނެ ތާރިހު އަދި ޔަގީން ނުވިކަމުގައި ވިޔަސް ވަރަށް އަވަހަށް އެނގިގެންދާނެ ކަމަށްވެ އެވެ.