ސްކިނީ ޖިންސަކީ މުޅި ދުނިޔޭގައި ވެސް ފެޝަން ޓްރެންޑްތަކަށް ބޮޑު އިންގިލާބެއް ގެނައި ޖިންސެކެވެ. ހާއްސަކޮށް ފިރިހެނުންނަށެވެ. ސްކިނީ ޖިންސް ރާއްޖޭގައި ވެސް ވައިގައި ހިފާލީ އެހެނެއް ނޫނެވެ. ފިހާރަތަކުން ސްކިނީ ޖިންސީ ވިކެމުން ދިޔައީ ފަތު އަޑު ކިޔާފަ އެވެ. ސްކިނީ ޖިންސް ނުލާ ފިރިހެނެއް، ފިރިހެން ކުއްޖެއް މި ރާއްޖޭގައި މަދުވާނެ އެވެ. ކިތަންމެ ވަރަކަށް ފިތިފައި ހުއްޓަސް އެ ޖިންސް ނުލައި އޭރު ނުތިބެވުނެވެ.
އެއް ބަޔަކު އެ ޖިންސަކީ އަންހެން ޖިންސެއް ކަމަށް ބުނެ ނުލައި ވެސް ގަދަ ހެދި އެވެ. ނަމަވެސް އެންމެފަހުން އެމީހުން ވެސް ނިކުތީ ހަމަ ސްކިނީ ވައްޓާލައިގެންނެވެ. އެހެނަސް އެ ޒަމާން މިވަނީ ގޮސްފަ އެވެ. ސްކިނީ ޖިންސަށް ރަސްކަން ލިބުނު މުއްދަތު މިވަނީ ހަމަވެފަ އެވެ. އެ ޖިންސް މިވަނީ ތާރީހުގެ ތެރެއަށް ވަދެފަ އެވެ. އިހުގެ ޓްރެންޑަކަށްވެފަ އެވެ.
މި ޖިންސް ހުރިހާ އުމުރެއްގެ ހުރިހާ ސައިޒެއްގެ މީހުން ލީއިރު ވެސް ޖިންސް ގުޅެނީ ހިކިކޮށް ތިބޭ އުމުރުން 15 އަހަރާއި 21 އަހަރުގެ ކުދިންނަށެވެ.
ފިރިހެނުން ސްކިނީ ޖިންސް ލާނެ ކަމެއް ނެތް
އަސްލު ހަގީގަތަކީ މިއީ އެވެ. ސްކިނީ ޖިންސަކީ ފިރިހެނުންނަށް ކަމުދާ ޖިންސެއް ނޫނެވެ. ފިރިހެނުންނާ އެހާ ގުޅޭ ޖިންސެއް ނޫނެވެ. މިހާރުގެ ފެޝްން ޓްރެންޑްތައް ސްކިނީ ޖިންސަށް ނޫނެކޭ ބުނާއިރު ފެޝަންގެ މާހިރުން ބުނާ ގޮތުގައި ފިރިހެނުންގެ ފައިގާ ޓައިޓެއް ގޮތަށް ޖިންސް ހިއްޕާލާފައި ހުރުމަކީ އެހާ ރީތި ގޮތެއް ނޫނެވެ. އަދި ފިރިހެން ވަންތަ ގޮތެއް ވެސް ނޫނެވެ. އެއީ ބޮޑަށް އަންހެނުންނަށް ހާއްސަ ސިފައެކެވެ.
ސްކިނީ ޖިންސްގެ އިތުރަށް ވެސް ފިރިހެނުންނަށް ކަމުދާނެ ޖިންސްތައް އެބަހުއްޓެވެ. މާ ގުޅޭ، މާ ރީތި ޖިންސްތައް އެބަހުއްޓެވެ. V ޝޭޕަށް ހުންނަ ޖިންސަކީ ފިރިހެނުންނަށް ވަރަށް ގުޅޭނެ ޖިންސެކެވެ. އެއީ ފައިކުރިއަށް ކުޑަކޮށް ހިމަކޮށް ހުރެފައި މައްޗަށް ދޫކޮށް ހުންނަ ޖިންސެވެ. މިހާރު ޓްރެންޑީ ވެސް އެ ޖިންސެވެ. ކަމު ނުގޮސްގެން މިއުޅެނީ Y ޝޭޕަށް ހުންނަ ސްކިނީ ޖިންސެވެ.
މިހާރުގެ ޓްރެންޑެއް ނޫން!
އިހުގެ ޒަމާނުގައި ފާކުރި ފުޅާ ފަޓުލޫނުތައް ފެންނާނެ އެވެ. އެއީ އެންމެ މަޝްހޫރު ފަޓުލޫނެވެ. ނަމަވެސް މިހާރު ގެއްލިފައިވާ ޓްރެންްޑެކެވެ. ހަަމަ އެފަދައިން ސްކިނީ ޖިންސް މިވަނީ ބާ ޓްރެންޑަކަށްވެފަ އެވެ. އެންމެ ފަހުގެ ޓްރެންޑްތަކަށް ހެދުން އަޅާ ފިރިހެނުން މިހާރު ސްކިނީ ޖިންސެއްގައި އަތެއް ނުލާނެ އެވެ.
ސްކިނީ ޖިންސް ކަމުނުދާ ބައެއް ސަބަބުތައް
- ސްކިނީ ޖިންސް ލުމުން ފައި ކުރު ކަމަށް ދައްކާ
- މީހާ ކުޑަކޮށް ފަލަ ނަމަ، ސްކިނީ ލުމުން އިތުރަށް ފަލަ ކަމަށް ދައްކާ، ބަނޑު ވެސް ބޭރަށް ނިކުމޭ
- ރީތި ހަށިގަނޑެއް ހުންނަ މީހަކު ސްކިނީ ލުމުން ވަރަށް ހަޑި ގޮތެއް ހުރޭ
އަރާމެއް ވެސް ނޫން!
ސްޓައިލަށްޓަކައި އަރާމު ދުއްވާލުމަކީ ރަނގަޅު ކަމެއް ނޫނެވެ. އެގޮތުން ސްކިނީ ޖިންސަކީ ލައިގެން އުޅެން އެއްގޮތަކަށް ވެސް ފަސޭހަ ޖިންސެއް ނޫނެވެ. އަރާމެއް ވެސް ނޫނެވެ.
ފަޔަކަށް އެއްކޮށް ބާރުކޮށް ހުރުމުން އިށީދެން، ތެދުވެ އުޅުމަށް ވެސް އުނދަގޫވެ އެވެ. ވޮލެޓް، ފޯން ފަދަ ތަކެތި ސްކިނީ ޖިންސްގެ ޖީބަށްލުމަކީ އަދި މާ އުނދަގޫ ކަމެކެވެ. އަދި ލެވުނަސް އެއޮތްވާ އުނދަގުލެއް ބުނަން ނޭނގޭ އެވެ. މީގެއިތުރުން ޖިންސް ލައި، ބޭލުން ވެސް އޮންނަނީ މުސީބާތަކަށްވެފަ އެވެ. ޖިންސެއް ލާން ނޫނީ ބާލަން މިނެޓަކަށްވުރެ ގިނަ ވަގުތު ހޭދަކުރަން ޖެހޭނަމަ އެއީ ލައިގެން ހެޔޮވާނެ އެއްޗެއް ނޫން ކަމަށް ފެޝަންގެ މާހިރުން ބުނެ އެވެ.
އޭގެއިތުރަށް ވެސް ޖިންސް ބާރުކޮށް ހުރުމުން، ވައި ވަންނަ މިންވަރު ހަނިވެ، ދާހިލުން ވެސް އިތުރުވެ އެވެ.
ސިއްހަތަށް ވެސް ގެއްލުންވޭ!
ސްކިނީ ޖިންސަކީ ސިއްހަތެއް ވެސް ގެއްލުންވާ ޖިންސެކެވެ. ބައެއް ދިރާސާތަކުން ދައްކާ ގޮތުން ގިނައިން ސްކިނީ ޖިންސްލާ ފިރިހެނުންގެ ޖިންސީ ގުނަވަނަށް ގެއްލުން ލިބެ އެވެ. އަދި ދަރި ފަނި އުފައްދާ މިންވަރު ވެސް ކުޑަވެ އެވެ. އެއީ، މާބޮޑަށް ފިތިފައިހުރުމުން ބްލެޑާ އަދި ޓެސްޓިކަލްސްއަށް ލިބޭ ގެއްލުމެއްގެ ސަބަބުން ކަމަށް ދިރާސާތައް ބުނެ އެވެ.
ސްކިނީގެ ބަދަލުގައި މި ޖިންސްތައް!
ކުރިން ވެސް ބުނި ގޮތަށް މިހާރު އެންމެ ޓްރެންޑިން ޖިންސަކީ ނުވަތަ ފަޓްލޫނަކީ v ޝޭޕަށް ހުންނަ ޖިންސެވެ. މި ނޫނަސް އެއް މިނަކަށް އެއްވެސް ކޮޅަކަށް ހިމަކޮށް ނުހުންނަ ޖިންސަކީ ވެސް މިހާރު ޓްރެންޑްވަމުން އަންނަ ޖިންސެކެވެ. އެއީ ކުރީގައި ވެސް ބޭނުންކުރެވުނު ޖިންސެކެވެ. އަދި ޖިންސްލުމަށްފަހު ކުޑަކޮށް ފައިކުރި އޮޅާލުމަކީ މިހާރު އެކަމަކަށް ފިރިހެނުން އެންމެ ގަޔާވާ ކަމެވެ.
ޖިންސެއް ނުވަތަ ފަޓްލޫނެއް ލާއިރު ވިސްނަންވީ ތިމާއަށް ހިންހަމަ ޖެހުން ލިބޭ އަރާމް ލިބޭ ޖިންސެއް އިހުތިޔާރުކުރުމަށެވެ.