ބޮލީވުޑް

މަލައިކާއާ ދުރުވާން އަރްޖުންގެ ބައްޕަ އޭނާއަށް އަންގައިފި

May 13, 2016

ބޮލީވުޑްގެ މަޝްހޫރު ޖޯޑު ކަމަށްވާ އަރްބާޒް ޚާން އާއި އަންހެނުން މަލައިކާ އަރޯރާ ޚާންއާ ދެމެދު މައްސަލަތަކެއް ޖެހި އެދެމީހުންގެ 18 އަހަރުވީ ކައިވެނި ނިމުމަކަށް ގެނައިކަން މީގެ މަހެއްހާ ދުވަސްކުރިން އިއުލާންކޮށްފައިވާއިރު، މިދެމީހުންގެ ވަރިވުމުގެ އަސްލަކީ މަލައިކާ އާއި އެކްޓަރު އަރްޖުން ކަޕޫރާ ދެމެދުގައި ގާތް ގުޅުމެއް އުފެދުމުން ކަމަށްވެ އެވެ.

އަރްބާޒް އާއި މަަލައިކާއާ ދެމެދު މައްސަލަ ޖެހި އަރްޖުންގެ އާއިލާއާ އެކު މިދެމީހުން ދިރިއުޅެމުން އައި ގެއިން މަލައިކާ ނިކުމެގެން އެހެން އެޕާޓްމަންޓަކަށް ބަދަލުވި ފަހުން އެގެއަށް ރޭގަނޑުގެ ގަޑިތަކުގައި އަރްޖުން އަންނަ ކަމުގެ އަޑުތަކެއް ވަނީ އަރާފަ އެވެ.

އަރްޖުން އާއި މަލައިކާއާ ދެމެދު ގާތްގުޅުމެއް އުފެދިފައިވާ ކަމަށް ވަނީ އަރްޖުން، އަރްބާޒްގެ ކޮއްކޮ އަރްޕިތާ ޚާންއާ ލޯބީގެ ގޮތުން ގުޅިގެން އުޅުމަށްފަހު ރުޅިވި ފަހުންނެވެ. އަރްޕިތާއާ އަރްޖުން ރުޅިވިފަހުން މަލައިކާ ވަނީ އަރްބާޒްއާ ކައިވެނިކޮށްގެން އުޅުމުން އަރްޖުންއާ ލޯބީގެ ގޮތުން ގުޅުމެއް ބާއްވާފައި ކަމަށްވެ އެވެ.

އަރްބާޒް އާއި މަލައިކާ ވަރިވިކަން އިއުލާންކުރި ދުވަހުން ފެށިގެން މަލައިކާ އާއި އަރްޖުންގެ ދެމެދުގައި އޮތް ގުޅުން ބަދަހިވަމުން އަންނައިރު، މަލައިކާގެ ގެއަށް އޭނާ ވަންނަނިކޮށާއި އެކުގައި ބޭރުތެރެއިން ވެސް އަންނަނީ ފެންނަމުންނެވެ.

އެންމެފަހުން އަރްޖުންގެ ބައްޕަ، ޕްރޮޑިއުސަރު ބޯނީ ކަޕޫރު ވަނީ އަރްޖުން ކުރެން މަލައިކާއާ ދުރުވާން އޭނާ އަށް އަންގާފަ އެވެ. ބުނެވޭ ގޮތުގައި މަލައިކާ އާއި އަރްޖުން އެއްވެސް ގުޅުމެއް ބާއްވާކަށް އޭނާގެ ބައްޕަ އެއް ނޭދެ އެވެ. ވަކިން ހާއްސަކޮށް މަލައިކާ ކުރިން ކައިވެނިކޮށްގެން އުޅުނީ ސަލްމާންގެ ކޮއްކޮ އަކާއި ކަމުން އެއާއިލާއާ އިރެއްގައި ގުޅުމެއް އޮތް މީހަކާއި ލޯބީގެ ގޮތުން ގުޅި އެކަމުގެ ނޭދެވޭ އަސަރު އަރްޖުންގެ ކެރިއަރަށް ކުރާކަށް އޭނާގެ ބައްޕަ ބޭނުމެއް ނުވެ އެވެ.

ސަލްމާން އަކީ ބޮލީވުޑްގައި ނުފޫޒް ގަދަ މީހަކަށް ވެފައި އޭނާއާ އެއްވެސް ޒާތީ މައްސަލައެއް އޮންނަ މީހެއްގެ ފިލްމީ ކެރިއަރުގައި ސިއްކަ ޖެހޭކަށް މާކަގިނަ ދުވަހެއް ނުނަގާނެ އެވެ. ބައްޕަގެ ނަސޭހަތް ގަބޫލުކޮށް އަރްޖުން މަލައިކާ އާއި ދުރުވެފައިވާއިރު، ވޭތުވެދިޔަ ދެހަފްތާއިން ފެށިގެން އޭނާ މަލައިކާއާ ވާހަކަދައްކުމާއި ބައްދަލުކުރުން ވަނީ ހުއްޓާލާފަ އެވެ.

މިދެމީހުން ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމަށް ބުނާއިރު، މަލައިކާ އަރްޖުން އަށް ވުރެން ބާރަ އަހަރު ދޮށްޓެވެ.