- ހަގީގީ ލޯބި މީރާ ދެކެ ވެވުނު ކަމަކަށް ޔާމީން ގަބޫލެއް ނުކުރޭ
- މިހާރު ބޭނުންވަނީ ސަކަރާތްޖެހުން ހުއްޓާލާފައި ލައިފެއް ފަށަން
- މީރާއާ ރައްޓެހިވީ މަޝްހޫރުވީމަކާއެއް ނޫން ކަމަށް ބުނި
ޔާމީން ރަޝީދު ދަންނަނީ ކިހިނެތް ހެއްޔެވެ؟ މަޝްހޫރު ލަވަކިޔުންތެރިޔާ މީރާ މުހައްމަދުގެ ކުރީގެ ލޯބިވެރިއެއްގެ ގޮތުގައި ހެއްޔެވެ؟ ނުވަތަ މީރާއާ އެކު ހިތްގައިމު ކަވާ ސޯންގްސްތަކެއް ގެނެސްދިން އޭނާގެ ކުރީގެ ލޯބިވެރިއެއްގެ ގޮތުގައި ހެއްޔެވެ؟ ފަހަރެއްގައި ގިނަ ބަޔަކު ޔާމީން ރަޝީދު ދަންނަނީ މިހެންނެވެ. މި ދެގޮތަށެވެ.
އެކަމަކު އެނގޭ ހެއްޔެވެ؟ ޔާމީނަކީ އަދި އެއަށް ވުރެ ބޮޑު ނަމެކެވެ. އޭނާ އަކީ ރާއްޖޭގެ މުނިފޫހިފިލުވުމުގެ ދާއިރާގެ ތަހުތަށް ވާދަކުރާ މަޝްހޫރު "ކޮޕީ އާއިލާގެ" އެންމެ ހަގު މެމްބަރެވެ. އޭނާގެ ބައްޕަ ކޮޕީ ރަޝީދާއި އެއްބަފާ ބޭބެ، ކޮޕީ އިސްމާއިލް ރަޝީދަކީ ދިވެހިން ފޫހި ފިލުވައި ދިނުމުގައި ލެޖެންޑުންނެވެ.
އެހެންވީމަ، މީރާއާ އެކު ރިކޯޑްކޮށްލި ދެ ތިން ލަވައަކުން ޔާމީން އާއި އޭނާގެ ހިތްގައިމު އަޑު އިސާހިތަކު ހިޓަކަށް ބަދަލުވުމަކުން އެކަމަށް ސުވާލު އުފައްދާނެ ޖާގައެއް ހަގީގަތުގައި ނެތެވެ. ޔާމީނަކީ ވެސް ހުނަރުން ފުރިފައިވާ އަޑެއްގެ ވެރިއެކެވެ.
އެހެންވީމަ އަނެއްކާވެސް އެންމެ ފުރަތަމަ ސުވާލެވެ. ޔާމީން ރަޝީދު ދަންނަނީ ކިހިނެތް ހެއްޔެވެ؟
ތިރީގައި މި އޮތީ އަވަސް ވީކެންޑަށް އޭނާ ދިން ހާއްސަ އިންޓަވިއު އެވެ.
އެންމެ ފުރަތަމަ ވެސް ހިނގާބަލަ އަޕްޑޭޓަކުން ފަށަމާ. ޔާމީންގެ އަޑެއް ނީވޭތާ ހާދަ ދުވަހެއް ވެއްޖެޔޭ. އަނެއްކާ ކޮން ކޮން މަސައްކަތެއްގައިތަ ތިހާ ބުރަކޮށް ތިއުޅެނީ؟
"އެންމެ އަވަހަށް ދެން ފެންނާނީ ޑިންބާ ފެމިލީގެ ޕްރޮޖެކްޓަކުން. އެއީ އަމިއްލަ ރާގުގެ ދިވެހި ވަންތަ ލަވައެއް. ވަރަށް ލުކްފޯވާޑްކުރެވޭ ލަވައެއްވެސްމެ. އެ ލަވަ ވީޑިއޯއާ އެކު ވަރަށް އަވަހަށް ބެލުންތެރިންނާ ހަމަ އަށް އަންނާނެ ކަމަށް އުއްމީދުކުރަން. ދެން އޮތީ ރޯދަ މަސް. އެހަނދާނުގައި ޝޯއިން ފެންނާނެ."
ޔާމީން ތިއީ އިންޓަވިއުއެއް ނަގަން ބަލާއިރު ހޯދަން ނުވަތަ ގެސްޓެއްގެ ގޮތުގައި މިގޮތަށް ގެނެސް ބަހައްޓަން ވަރަށް އުނދަގޫ މީހެއް. ކީއްވެތާ ތިހާ ދުރުން ދުރުން ފިލަފިލައިގެން އުޅެނީ ނޫސްތަކާ؟
"އަސްލު މިއީ އަލަށް އެއްވެސް ނޫހަކަށް އިންޓަވިއު ދޭ ފަހަރު. ނޫސްތަކާ އިންޓަވިއުތަކާ އެހާ ދުރުގައި އުޅެވެނީ ޔާމީން ދެކޭ ގޮތުގައި ކުރިން އެހާއެއް ނޫންކަން ނޭނގެ އެހާ އަވަހަށް ދެން ތިން ހަތަރު ލަވައެއް ކިޔާލާފައި އިންޓަވިއު ދޭން. އެހެންވީމަ އަސްލު ނުދެނީ. އެއީ މާ ބައިވަރު ވާހަކައެއް ނުހުންނާނެތާ ގޮސް ދައްކާކަށް."
ޔާމީން މަޝްހޫރުވީ ހަމަ ކުއްލިއަކަށް. ހަމަ ތި ބުނި ގޮތަށް ދެ ތިން ލަވައެއް ކިޔައިގެން ކުއްލިއަކަށް ވަރަށް ބޮޑު މަޝްހޫރުކަމެއް ލިބިގެން ދިޔައީ. އެކަމަކު މިހާރު ޔާމީންގެ އަޑު މަޑުވެފައި މި އޮތީ. މީހުން ތަރި އޮއްސުނީއޭ. ޔާމީން ބުނާނީ ކީކޭ؟
"އޭގައި އަޅުގަނޑު ބުނެލަން ބޭނުންވަނީ އެއްވެސް އިރެއްގައި މަސައްކަތެއް ނުކުރަމޭ އެންމެ މޮޅު މީހާއަށް ވާކަށް. ދެން އޭރު އެހާ ގިނަ ލަވަތަކެއް އެގޮތަށް ކިޔާފައި މިހާރު ލަވަތައް އަސްލު މަދުކޮށްލައިގެން މި އުޅެނީ، ޓައިމް ވެސް ނުދެވެނީ އެވަރަށް. އަނެއްހެން، ހޮބީއަކަށް ކުރާ ކަމެއް މިއީ އަސްލު. ލަވަކިޔުމަކީ. އެހެންވީމަ ވެދާނެ އެހާވަރަށް އެފަޓް ނުދެވެނީ ކަމަށް ވެސް. އެކަމަކު އެބަހުރި ކުރިއަށް ވަރަށް ރަނގަޅު އެއްޗެހިތަކެއް. އިރާދަކުރެއްވިއްޔާ ރަނގަޅަށް ދާނީ."
"ދެން ތަރިއޮއްސުނީއޭ ކިޔާ ނަމަ، މީހުން ކިޔާނެ ހުރިހާ އެއްޗެއް ވެސް. އޭތި އަންޑަސްޓޭންޑްވެގެން މަސައްކަތްކުރަން ޖެހޭނީ. މާ މޮޅު ނުވަތަ މާ މަތީ މީހަކަށް ވާން އެއްވެސް އިރެއްގައި މަސައްކަތެއް ނުކުރަން. އެކަމަކު އަމިއްލަ ހިތްހަމަޖެހުމަކަށް ލަވަކިޔާލަނީ. އެހެންވީމަ ނެގެޓިވް ކޮމެންސްޓް ދޭ ބަޔަކު ނެގެޓިވް ކޮމެންޓްސް ވެސް ދޭނެ. އެއަކަށް ވިސްނައިގެން އެހެނެއް ވެސް ވަކި ނޫޅެން."
ކުއްލިއަކަށް އެ ލިބުނު މަޝްހޫރުކަން ޔާމީން ސިފަކުރާނީ ކިހިނެތް؟ އޭގެ ސަބަބުން ދިރިއުޅުން ބަދަލުވެގެން ދިޔަ ގޮތް؟ ހަމަ އޯވަނައިޓަކުން ސްޓާރަކަށްތާ ބަދަލުވެގެން ދިޔައީ ދެ ތިން ލަވައެއް ކިޔާލައިގެން؟ ޑިމާންޑް ވެސް ވަރަށް ބޮޑުވި؟
"ތިބުނާ ހެން ކުރިން ހަމަ އެއްވެސް ވަރަކަށް ލަވަނުކިޔައި ހުރެފައި ހަމަ ކުއްލިއަކަށް، ޕަޓަސްލާސަ ދިޔައީ. ލަވަކިޔަން ފެށި ފަހުން ވެސް ހީވަނީ ޓޫ އިޔާސްހެން މިވީ އަދި. ދެން ފުރަތަމަކޮޅު ވަރަށް އާ. ރައްރަށަށް ދާން ޖެހުމާއި ޝޯތަކަށް އެރުން ކަހަލަ ކަންތައްތައް."
"މީހުން، ނުދަންނަ މީހުން އެގޮތަށް އައިސް ވާހަކަ ދައްކާލީމަ ވެސް ވަރަށް އާވެފައި ހުރެވެނީ. އެކަމަކު މިހާރު އޯކޭ. މި ބުނާހެން އެހާ ވަރަކަށް ނޫޅެވޭ ލަވަކިޔުމުގެ ތެރޭގައެއް. ދެން ވަރަށް ނޯމަލްކޮށް އިންނަނީ."
"ކުރިން މީހުންނަށް އެނގޭ ވަރަށް ވުރެ ބޮޑަށް މީހުންނަށް ޔާމީން އެނގެން ފެށީމަ ކުރެވުނު އިހްސާސަކީ ވަރަށް ތަފާތު ކަމެއް. ވަރަށް އުފާވެސް ވޭ މީހުން އައިސް އެގޮތަށް ވާހަކަ ދައްކާތީ. މީހަކު ނެތް އަދި މިހާތަނަށް އައިސް ދިމާލަށް ބޭޑް ކޮމެންޓެއް ދީފައެއް ވެސް."
ޔާމީން އާންމުންގެ ތެރެއަށް މަޝްހޫރުވީ ކަވާ ލަވަ ކިޔާ ލަވަކިޔުންތެރިއެއްގެ ގޮތުގައި. އެކަމަކު މިއީ އަމިއްލަ ރާގާއި ދިވެހި ލަވައިގެ ޒަމާނެއް. އެކަމަކު ވެސް ޔާމީންގެ އަޑުން މީހުންގެ ހިޔާލު ބަދަލުކޮށްލި ގޮތް ވަރަށް ސަޅި. ދެން ވެސް ކިޔަން ވިސްނަނީ ބޮޑަށް ކަވާ ލަވަތަ؟
"މިހާރު އެކި އެއްޗެހިތަކުގައި މަސައްކަތްކުރަމުން މި ދަނީ. އަމިއްލަ އެއްޗެހިތަކެއް އުފެއްދޭތޯ މި ބަލަނީ ރާއްޖޭގައި އަދި އަމިއްލަ އެއްޗިއްސަށް އެހާ ސަޕޯޓެއް ނެތަސް. ޔާމީން ވެސް ބޭނުން ލަވައެއް އަޑުއަހާލެވޭއިރު އަޅުގަނޑުގެ އަތެއް ވެސް އޮތް މަސައްކަތެކޭ ނުވަތަ އަޅުގަނޑުގެ މެލޮޑީއެކޭ ވެސް ބުނެލަން."
"މުޅިން ވެސް ގިނައީ އަދި މަޝްހޫރުވެގެން ދިޔައީ ވެސް ކަވާ ލަވަތަކުން. ކަވާ ލަވަތައް ކިޔުން މައްސަލައެކޭ ނޫން މި ބުނަނީ. އެކަމަކު ޔާމީން ބޭނުންވެއޭ އޭގެ އިތުރަށް އަމިއްލަ އެއްޗެހިތަކެއް ކްރިއޭޓްކޮށްގެން އަމިއްލަ ލަވަތަކަށް ކުޑަކޮށް އިސްކަމެއް ދޭން މިހާރު."
ދެން ގަބޫލުކުރެވޭތަ އަމިއްލަ ރާގުތަކެއް ކިޔައިގެން އެ ވަރުގެ މަޝްހޫރުކަމަކާއި މަގްބޫލުކަމެއް ލިބިދާނެ ކަމަށް؟ ކަވާ ލަވަތައް ޔާމީންމެން ކިޔާލި ގޮތުން މީހުން ތިބީ އަނގަ ހުޅުވިފަ. އަމިއްލަ ރާގުން އެ ވަރުކޮށްލެވިދާނެ ކަމަށް ގަބޫލުކުރަންތަ؟
"ކަވާ ލަވަތައް ކިޔައިގެން އެ ލިބުނު ތަރުހީބާ އަމިއްލަ އެއްޗެއް ހަދައިގެން އެ ލިބޭ ތަރުހީބު، މާލެ އަށް ބަލާ ނަމަ ހީއެއް ނުވޭ އެހާ ވަރަކަށް ދާނެ ހެންނެއް. އެވަރުގެ ސަޕޯޓެއް ލިބިދާނެ ހެންނެއް. އެކަމަކު ވެސް އަމިއްލަ މީހާ އަށް ލިބޭ ހިތްހަމަޖެހުން އިންނާނެތާ އޭގައި. އަޅުގަނޑަށް ހީވަނީ އެއީ ވަރަށް ބޮޑު އެއްޗަކަށްވާނެހެން. ތިމާ މީހާ އަމިއްލަ އަށް އެއްޗެއް އުފައްދައިގެން އެ ލިބޭ ހިތްހަމަޖެހުން. އަދި ގިނަ ބަޔަކަށް ކަމުނުދިޔަސް."
"ދެން އޭގައި އުޅޭނީ ކަމުދާ މީހުންނާއި ކަމުނުދާ މީހުން. ކަވާ ލަވަތައް ކީއިރު ވެސް އެބަ އުޅޭ އެ ލަވަތައް ކަމުދިޔަ މީހުންނާއި ކަމުނުދާ މީހުން ވެސް."
އެކަމަކު މި ކަވާ ލަވަތަކެއް ފެށުމުގެ މާ ކުރިން ވެސް ޔާމީން ގޮސް ސެޓްވެފައި ހުރީ ބޮޑުބެރަށްތާ؟ އަހަރެމެންނަށް ކިޔައިދީ ބަލަ ބޮޑުބެރަށް ފޯރި އުފެދުނުގޮތް؟
"ލަވަކިޔުންތެރިއެއްގެ ގޮތުގައި މިގޮތަށް ފެނުމުގެ ކުރިން ބޮޑުބެރު ލަވަކިޔަން ފެށީ އަސްލު. އެއީ ގުހަރަލި ނަމަކަށް ކިޔާ ގްރޫޕެއް. މިހާރު ވެސް މި އުޅެނީ އެ ގްރޫޕްގައި. އެމީހުންނާ ގުޅުނީ 2013ގެ ބޮޑުބެރު ޗެލެންޖުގައި ބައިވެރިވާން އެމީހުން އުޅުނު ފަހަރު މަޖަލަކަށް. ބޭބެއަކު ބުނީ އެމީހުން ޕްރެކްޓިސްކުރާ ތަނަކަށް ގޮސް ލަވައެއް ކިޔާލަން. ދެން ލަވައެއް ކިޔާލައިގެން އެގޮތަށް އެމީހުންނާ ގުޅުނު ގޮތަށް މި އުޅެނީ އަދިވެސް."
ކޮންމެ ގޮތެއް ވިޔަސް ޔާމީންގެ އާއިލާގެ ހުނަރުވެރިކަމުގެ ވާހަކަ އަކީ ފޮރުވޭނެ ވާހަކައެއް ނޫން ޔާމީންގެ ހުނަރު ކިތަންމެ ދުވަހެއް ވަންދެން ފޮރުވައިގެން އުޅުނަސް. ކުޑައިރުގެ އާއިލީ ހަނދާންތަކުން އަހަރެމެންނަށް ކިޔައިދީ ބަލަ؟ އަބަދުވެސް ތިއީތަ ޔާމީނުގެ ގޮތަކީ؟
"ލަވައެއް ނުކިޔަން ކުޑައިރަކު. ހަނދާންވަނީ ގްރޭޑް ތިނެއް ހަތަރެއްގައި އުޅުނު އިރު އިންޓަ ސްކޫލްގައި ލަވަކީ ހަނދާނެއް. އެއަށް ފަހަކުން ނުކިޔަން. ދެން ގޭތެރޭގައި ހުންނާނީ ކީފައި. ދެން ބައްޕަ އަކީ އަބަދުވެސް ލަވަ ލިޔެ އަލްބަމްތައް އުފެއްދި މީހެއް. އެހެންވީމަ އެކަހަލަ މާހައުލެއްގައި ބޮޑުވީ، ލަވަކިޔާ މީހަކު ގޭގައި ނެތަސް."
"އޭރު ދެން ގޭތެރޭގައިއުޅޭއިރު އަޅުގަނޑު ލަވަކިޔާތީ މަންމަމެން ބުނާނެ ޔާމީނުވީ ލަވަކިޔަންށޭ ވެސް. އެކަމަކު އެ ޝައުގުވެރިކަމެއް އޭރަކު ނުދެވުނު."
"ކުރިން ލަވަކިޔަން ނުނިކުމެވުނީ އޭރު އަމިއްލަ މީހާ އަށް ވެސް މިކަން ގަބޫލުކުރެވިފައި ނެތީމަ ކަމަށް ވެސް ވެދާނެ."
އެންމެފަހުން ދެން މީރާއާ އެކު ލަވަކިޔުމުގެ ތެރެއަށް ރަސްމީކޮށް ވަދެވުނީ، އެހެންނުން؟
"ބޮޑުބެރުގެ ތެރޭގައި އުޅެނިކޮށް ޝޯއެއްގެ ތެރެއިން އަސްލު މީރާއާ ދިމާވަނީ. އެއީ މީރާ ވެސް ޕާފޯމްކުރަން ގޮސް ހުރި ޝޯއެއް. އޭރަކު ދެ މީހުންނަށް ދެމީހުންނެއް ނުވެސް އެނގޭ. މީރާ ދަންނަން. އެކަމަކު މީރާއަކަށް ޔާމީނެއް ނޭނގިދާނެ. ދެން އެ ދުވަހު މަޖަލަކަށް ކުއްޖަކު ބުނީ މީރާ ކައިރީގައި، ޔާމީންއާ އެކު ލަވައެއް ކިޔަންވީ ނޫން ހެއްޔޭ."
"އެ ދުވަހު ދެން އެ ސްޓޭޖު މަތީގައި މީރާއާ އެކު ލަވައެއް ކިޔާފައި ދެ މީހުން ނިންމީ ލަވައެއް ކިޔާލަން. ސައުންޑް ކްލައުޑަށް ލާން، މަޖަލަކަށް. އޭރު އެއީ ސައުންޑްކްލައުޑްގެ ފޯރި ގަދަ ދުވަސްކޮޅެއް ވެސް ނޫން މިތަނުގައި. އެކަމަކު އެ ލަވައެއް ރިކޯޑްކޮށްފައި ލާއިރަށް ރާސްރާސްލާފައި އަރައިގެން ދިޔައީ. ވަރަށް ޝޮކިން ކަމަކަށްވީ އަސްލު އެކަންތައް. ދެން އެގޮތަށް ލަވަކިޔަން ފެށުނީ. މަޖަލަކަށް."
"މީހުން އެ ވަރަށް ބަލައިގަތީމަ ލަވަކިޔަން ފެށުނީ."
ލަވަކިޔުންތެރިއެއްގެ ގޮތުގައި މީރާ ސިފަކުރާނީ ކިހިނެތް؟ މީރާ އަކީ ކޮންމެ ގޮތެއްވިޔަސް ޔާމީންގެ ލަވަކިޔުމުގެ ކެރިއަރުގައި ވަރަށް މުހިންމު ނަމެއް. މީރާއާ މެދު ދެކެނީ ކިހިނެތް؟
"ލަވަކިޔުންތެރިއެއްގެ ގޮތުގައި މީރާ ސިފަކުރަންޏާމު ބުނާނީ އަސްލު، މީރާ އަކީ އަސްލު ވަރަށް މޮޅު، ވަރަށް މޮޅު ލަވަކިޔުންތެރިއެއް. ވަރަށް ފަސޭހަ މީރާއާ އެކު ލަވަކިޔަން. ރާއްޖޭގެ ގުނާލެވޭނެ އެންމެ މޮޅު ތިން ލަވަކިޔުންތެރިން ތެރޭގައި މީރާ ހިމެނޭނެ."
"ވަރަށް މޮޅު، ވަރަށް ފަސޭހަ، ވަރަށް ރީތި އަޑެއް އިންނަ ކުއްޖެއް އޭނާ އަކީ."
"ދެން ޔާމީން މިހެން ބުނީމަ ބައެއް މީހުންނަށް ހީވެދާނެ ޔާމީންވީމަ ބުނާ އެއްޗެކޭ މިއީ. އެކަމަކު އެހެން ހިތަށް އަރާ މީހާ އަށް ވެސް އެނގޭނެ ޔާމީންގެ ހިތަށް އެކަނި ނޫންކަން އެހެން އަރަނީ ވެސް."
ތި ދެ މީހުންގެ ވާހަކަ ދައްކާ ނަމަ ވަރަށް ދިގުކޮށް ވެސް ދެއްކިދާނެ އެ ވާހަކައެއް. ދެ މީހުން އެކުގައި ލަވަކިޔުން ނިމުނީއޭ ކިޔާފައި ހުއްޓާލި ފަހަރެއް ވެސް ދިޔަ. އެކަމަކު އަދިވެސް ދެ މީހުން އެކުގައި ލަވަކިޔުން ކުރިއަށް މި ދަނީ. މިއީ ކިހިނެތްވާ ކަމެއްކަން ޔާމީން ބުނެދީ ބަލަ؟
"މީރާއާ އެކުގައި ވަކިން ލަވަކިޔާހިތްވަނީކީއެއް ނޫން. މީރާ އަކީ ވަރަށް ފަސޭހަ އާޓިސްޓެއް އެކުގައި މަސައްކަތްކުރަން. އެއީ އެހެން އާޓިސްޓުންނާ އެކު ވެސް މަސައްކަތްކުރެވިފައި ހުރީ. އެކަމަކު މީރާއާ އެކުގައި ލަވަކިޔަން ފަސޭހަ. އެއީ ގިނަ ލަވަ މީރާއާ އެކުގައި ކީފަ ހުރީމަ ކަމަށް ވެސް ވެދާނެ"
"ދެން، ދެ މީހުން ލަވަ ނުކިޔާނަމޭ ކިޔައިގެން ވެސް އުޅުނު. އެކަމަކު ޔާމީން ނީންނާނެ އެއްވެސް އެއްޗެއްގައި އެއްވެސް އިރެއްގައި ވެސް ޖަހާފައެއް މަށެއް ލަވައެއް ނުކިޔާނަމެކޭ. އެއީ ދެން ދެ މީހުންގެ ވެސް ޕާސަނަލް ކަންތައްތައް ހުރިގޮތުން ޖެހުނު ވާހަކައެއްކަން ނޭނގެ މީރާ އަށް."
"ދެން ވާ ގޮތަކީ މާލެއަކީ އާޓިސްޓުންނަށް ބަލާއިރު ވަރަށް ލިމިޓެޑް ތަނެއް. މޯލްޑިވިއަން އައިޑޮލް އައިސްގެން މިހާރު އެބައުޅޭ ލަވަކިޔާ މީހުން ބައިވަރު. އެކަމަކު އެ ދުވަސްކޮޅު ވަރަށް ލިމިޓެޑް. އެހެންވީމަ ޑިމާންޑް ވެސް އެބަކުރޭ ޔާމީން އާއި މީރާ ލައްވައި ލަވަކިޔުއްވަން. އެހެންވީމަ އަޅުގަނޑުގެ ވިސްނުން ހުރީ މިހާރު ވެސް އެކަހަލަ ފުރުސަތެއް ޕްރޮފެޝަނަލީ ލިބިއްޖެ ނަމަ މީރާއާ އެކު ލަވަކިޔަން އަދިވެސް."
"އެކަމަކު އަހަރެމެން ދެ މީހުން ފޫހިވެގެން ދެނެއް ލަވައެއް ނުކިޔާނެ."
ތި ބުނީތާ، މިގޮތަށް ލަވަކިޔަން ރަސްމީވީ މީރާއާ އެކުގައި ލަވަކިޔަމުން ކިޔަމުން ގޮހޭ. މިސާލަކަށް މީރާއާ ދިމާނުވި ނަމަ ޔާމީން ވެދާނެހޭ މިވަރުގެ މަގްބޫލު ނުވަތަ މިކަހަލަ ލަވަކިޔުންތެރިޔަކަށް؟
"ކޮންމެ ގޮތެއްވިޔަސް މީރާއާ ދިމާވެގެން މި އޮތީ ލަވަކިޔަން ފެށިފައި. އެކަމަކު އެއްވެސް މީހަކަށް ނޭނގޭނެ ކަންތައް ދިމާވެދާނެ ގޮތެއް. އެހެންވިޔަސް ބޮޑުބެރު ލަވަކިޔަން ފެށީ ހަމަ ލަވަކިޔާ ހިތުން. މީރާއާ ދިމާވުމުގެ ކުރިން ބޮޑުބެރު ލަވަކިޔަން ފެށީ. އޭރު ދެން ހިތުގައި އޮތް ބޮޑުބެރެއް ނޫނޭ ޖެހުނު ހުރިހާ ލަވައެއް ވެސް ކިޔާނަމޭ. އެހެންވީމަ އޭރު ހަމަ ނުކުތީ ލަވަކިޔަން."
"ދެން އަނެއްހެން އެ ފުރުސަތު އެންމެ އަވަހަށް ލިބުނީ މީރާއާ އެކު."
މީރާ އާއި ޔާމީންގެ ލަވް ސްޓޯރީ އަކީ މުޅި ގައުމުގެ ސަމާލުކަން ލިބިގެން ދިޔަ ވަރުގެ ކަމެއް. އެއީ ދެން އެކަން ވާނެ ވެސް ގޮތް. މަޝްހޫރު ދެ މީހަކު ހިތާވީމަ މީހުން އެ ވާހަކަ ދައްކާނެ. އެކަމަކު ޔާމީނު އަބަދުވެސް ފާހަގަކުރެވެނީ އެ ވާހަކަ ދައްކަން ބޭނުން ނުވާ މީހެއްގެ ގޮތުގައި. މި އިންޓަވިއުގައި ވެސް އެ ވާހަކަ ދައްކަން ބޭނުމެއް ނުވި. އެއީ ކީއްވެގެން؟
"މިހާރު މީރާ އާއި ޔާމީންގެ ދެމެދު އެ އޮތް ރިލޭޝަންޝިޕެއްގެ ވާހަކަ ޔާމީން ބޭނުން ނުވަނީ ހަމަ ދައްކަން. އެއީ މަޝްހޫރު މީހަކަސް ނުވަތަ މަޝްހޫރު ނޫން މީހަކަށްވިޔަސް އޮންނާނެ ޕާސަނަލް ލައިފެއް ވެސް އެމީހެއްގެ. އެހެންވީމަ އެ ވާހަކަ ދައްކަން ބޭނުން ނުވަނީ އެއްވެސް މީހެއްގެ ކައިރީގަ ވެސް. ދެން އަހަރެމެން ދެ މީހުންގެ ދޭތެރޭގައި ހިނގާފަ ހުރި ކަމެއް ހިނގާފައި ހުރީ. އޭތި ދެން އަހަރެމެން ދެ މީހުން ވާހަކަ ދައްކައިގެން ސޯޓް އައުޓް ވެސް ކޮށްގެން މި އުޅެނީ. ބޭނުމެއް ނުވޭ އޭގެ ޑީޓެއިލްސްތަކަށް ގޮސްގެން، މިހެންނޭ އަހަރެމެން ދެ މީހުން ރައްޓެހިވީ އެހެންނޭ ކިޔައިދޭކަށް."
"ޔާމީން ދެކޭ ގޮތުގައި ބޭކާރު ވާހަކަ އެއީ މުޅިން ވެސް. ވާނެ ފައިދާއެއް ވެސް ނެތް."
ތިއީ ގެޓްއޯވާވާން ފަސޭހަ މީހެއްތަ؟
"ގެޓްއޯވާވާން ފަސޭހަވުމާއި ނުވުން، އޭތި ޑިސައިޑްކުރާނީ ގެޓްއޯވާވާން މަސައްކަތްކުރާ މީހާކަން ނޭނގެ. އެއީ އޭނަގެ ކަމެއްކަން ނޭނގެ ހަނދާން ނައްތާލުމާއި އޭނަގެ ލައިފާއިގެން ކުރިއަށް ދިއުން. އެއީ ދެން ޔާމީނު ކުރާނެ ކަމެއް ނޫންތާ. ނިމުނީމަ ނިމުނީތާ ދެން އެ ހިސާބުން."
"މިސާލަކަށް އެ ސްޓްރެސް އިހްސާސްކުރެވޭނީ ދެ މީހުން ވަކިވާން ޖެހުނު ރީޒަން އަށް ވިސްނާ ނަމަ. އެއްވެސް ވަރަކަށް މިކަމާ ވިސްނައިގެން ދެން ވާނެ ފައިދާއެއް ނެތް. ދެން އެކަމާ ދެރަވެގެން އުޅޭނެ ކަމެއް ނެތެއް ނޫން. ހަމަ ކުރިއަށް ދާންވީ ނޫން."
ގަބޫލުކުރަންތަ މީރާ އާއި ޔާމީންއާ ދެމެދު އުފެދުނީ ހަގީގީ ލޯބި ކަމަށް؟
"މީރާއާއި ޔާމީންއާ ދޭތެރޭ؟ މީރާ އާއި ޔާމީންއާ ދޭތެރޭގަ ހީއެއް ނުވޭ އޭތި ހެން އޮތީކީއެއް."
މިހާރު ދެން ސިންގަލް ލައިފެއްގައިތާ ތިޔަ އުޅެނީ. އަހަރެން ހިތަށް އަރަނީ ސިންގަލްކޮށް އުޅެންހޭ ފަސޭހައީ ޑޭޓިން ލައިފްހޭ ނުވަތަ މެރިޑް ލައިފްހޭ ފަސޭހައީ؟ ޔާމީން އަކީ ކުރިން މެރީކޮށްފަ އެ ކައިވެނި ވެސް ރޫޅިފައި ހުރި ޒުވާނެއްތާ؟
"ސިންގަލް ލައިފް، ޑޭޓިން ލައިފް އަދި މެރިޑް ލައިފް. ޔާމީނަށް މިހާރު 25 އަހަރު. އަޅުގަނޑުގެ ވިސްނުން މިހާރު މި ހުރީ، ބޭނުމެއް ނޫން ސަކަރާތް ޖަހާކަށް. އުޅެވިއްޖެ ދޯ، ސަކަރާތް ޖަހާފަ ވެސް އުޅެވިއްޖެ. މިހާރު ބޭނުންވަނީ ރަނގަޅު ކުއްޖަކު ހޯދައިގެން މެރީކޮށްލައިގެން ސަޅި ލައިފެއް އުޅެން. ރަނގަޅު ދިރިއުޅުމެއް ފަށަން ބޭނުންވަނީ."
"ނޭނގޭ ވާނެ ގޮތެއް ބުނާކަށް. އެކަމަކު އެ ވިސްނުން ގެންގުޅުނަސް ވަކި ގޮތެއް ސީދާ ނުނިންމޭ."
ޔާމީން މެރީކުރީ ވަރަށް ޒުވާން އުމުރުގައި. ގާތްގަނޑަކަށް ވިއްސަކަށް އަހަރުގައި. ދެން އެކަނިވެނި ރޫޅިގެން ދިޔައީ. އަމިއްލަ މި ތަޖުރިބާ އަށް ބަލާއިރު މީހަކާ އިންނަން އެންމެ ރަނގަޅު އުމުރަކީ ކޮބައި ކަމަށް ގަބޫލުކުރެވެނީ؟
"އަމިއްލަ ތަޖުރިބާ އަށް ބަލާ ނަމަ އަސްލު އެހާ ރަނގަޅު ކަމެއް ނޫނޭ އެހާ ޅައުމުރުގައި މެރީކުރުން. ދެ މީހުން ދެ މީހުންނަށް ވަރަށް ކޮމިޓްވެގެން ނޫނިއްޔާމު މެރިޖަކާ ހަމަ އަށް ދާނެ ކަމެއް ނެތް. ދެ މީހުން ދެ މީހުންނަށް ވަރަށް ރަނގަޅަށް އެނގިގެން ދާން ޖެހޭނީ. އަޅުގަނޑުގެ ހިޔާލުގައި ފިރިހެން ކުއްޖަކު މެރީކުރަން އެންމެ ރަނގަޅު އުމުރަކީ 25 އަހަރު އެންމެ އަވަހަށް ވެސް. އޭރުކަން ނޭނގޭ އެ މީހަކަށް ދުނިޔެ ދަސްވެފައި ހުންނާނީ އެކި ތަޖުރިބާތައް ލިބި."
"އެކަމަކު ޔަންގް އޭޖުގައި މެރީކޮށްގެން ވަރަށް ހެޕީކޮށް އުޅެމުންދާ މީހުން ވެސް އެބަތިބި. އެކަމަކު އަމިއްލަ ތަޖުރިބާގައި ބުނާ ނަމަ ބުނާނީ އެއީއެއް ނޫނޭ އެންމެ ރަނގަޅު ގޮތަކީ."
މޮޑާން ރިލޭޝަންޝިޕްސް ވޯކް ނުކުރާ ސަބަބީ ކޮބައިހެން ޔާމީނަށް ހީވަނީ؟
"ދެ މީހުން ދެ މީހުންނަށް ކިތަންމެ ވާހަކައެއް ދެއްކިޔަސް އަސްލު އެ ދޭން ޖެހޭ ކޮމިޓްމަންޓް ނުދެވޭތީކަން ނޭނގެ. އަމިއްލަ ޕާސަނަލް ކަންތައްތަކެއް ނުހުންނާނެ ވާހަކައެއް ނޫން. އެކަމަކު ދެ މީހަކު އެކުގައި އުޅޭ ނަމަ ދެ މީހުން ވެސް ވާން ޖެހޭކަން ނޭނގެ ދެ މީހުންނަށް ވަރަށް ކޮމިޓްވާން. އެކުގައި އުޅެން ބޭނުމިއްޔާމު. މައްސަލަ ނުޖެހި އުޅެން ބޭނުމިއްޔާމު. ދެމީހުންނަކީ ކޮން ކަހަލަ ދެ މީހުންކަން. ބޭނުންވަނީ ކޮން ކަހަލަ ކަންތައްތަކެއްކަން ވެސް ބަލަން ޖެހޭ. ރަނގަޅަށް ވާހަކަ ދެކެވެގެން ޖެހޭ. އެގޮތަށް އުޅެންޏާމު ހީއެއް ނުވޭ މައްސަލަ ޖެހޭނެ ހެންނެއް."
"އެކަމަކު ދެން މައްސަލަ ޖައްސާ މީހަކު މައްސަލަ ޖައްސާނެ."
އަމިއްލަ ރާގުތަކެއްގެ ނުވަތަ ލަވަތަކެއްގެ ވާހަކަތަކެއް ދެއްކީމަ ހަމަ އަހާލާ ހިތްވަނީ ޔާމީންގެ ހަޔާތުގައި ދިމާވާ ކަންކަމަކަށް ލަވައެއް ނަހަދަން ހެއްޔޭ؟
"ވަރަށް ބޭނުން އަސްލު. ތިކަހަލަ، އަމިއްލަ ދިރިއުޅުމާ ގުޅުވާލާއިގެން ލަވަ ހަދަން. ލޯބި ނޫނަސް، އަމިއްލަ ދިރިއުޅުމަށް ލަވައެއް ހަދަން ބޭނުންވޭ. އެކަމަކު އެކަށީގެންވާ ވަގުތު ވެސް ނުލިބެނީހެން ހީވަނީ އަދި. ވަރަށް ބޭނުން ކަމެއް ތިއީ. ތިކަން ކުރާނަން އަދި."
ބުނެވިދާނެތަ ޔާމީނަކީ ލޯބީގައި ކާމިޔާބު މީހެކޭ. ކިހިނެތްތަ ޔާމީން އެކަން ބަލައިގަންނަނީ؟
"ލޯބީގައި އަސްލު ކާމިޔާބު މީހެކޭ، އަންހެން ކުދިން މެސެޖުކޮށް ގުޅާ ފެނިގެން ވާހަކަ ދައްކައި ހެދިޔަސް ޔާމީނަކަށް ހީއެއް ނުވޭ އެއީ ކާމިޔާބުވީހެނެއް. ކާމިޔާބު މި ވަނީ އަސްލު ދެ މީހުން އެކުގައި ލައިފެއް ސްޓާޓްކުރާ ހިސާބުން. ބިޓުން ގުޅުމާއި މެސެޖުކުރުން ނުބަލަން ކާމިޔާބީއެއް ކަމަކަށް."
މަޝްހޫރު މީހަކާ ލޯބީގެ ގޮތުން ގުޅިގެން އުޅުމަކީ ކޮން ކަހަލަ ތަޖުރިބާއެއް ކުރެވުނު ކަމެއްތަ؟
"މަޝްހޫރު މީހަކާ ދޯ. އަސްލު ޔާމީނަށް އޭތި ވަރަށް ނޯމަލް. މީހުން ކިޔާ، މަޝްހޫރުވީމައޭ ޔާމީން މީރާއާ ރައްޓެހިވީ ވެސް. އެހެނެއް ނޫން އަސްލު އެކަންތައްވީކީ. އެއީ ވަރަށް ނޯމަލް ރިލޭޝަންޝިޕެއް.
މީހުން ބުނޭ މީރާގެ މަޝްހޫރުކަމުންނޭ ޔާމީން ތިވަރަށް މަޝްހޫރުވީ ވެސް. ކޮބައިތަ ޔާމީންގެ ހިޔާލަކީ؟
"އޭތި ޑިސައިޑްކުރާނީ ޕަބްލިކުން ދޯ. ޔާމީން އޭތި ދޫކޮށްލާނީ ވެސް ޕަބްލިކަށް. އެއީ ޔާމީނަކަށް ނޭނގެ ތިއަށް ޖަވާބު ދޭނެ ގޮތެއް. ޔާމީން މަޝްހޫރުވީ ކިހިނެތްކަން ބުނެދޭކަށް. ޔާމީން ޔާމީންގެ ގޮތުގައި ތޯ ނުވަތަ މީރާއާ އެކު ލަވަކިޔައިގެންތޯ. ކޮންމެ ގޮތެއް ވިޔަސް ލަވަކިޔައިގެން. އެހެން ބުނެވޭނީ."
- ފޮޓޯގްރެފީ: މިލްޒީރޯ ނިޝާން
- ސްޓައިލިސްޓް: ނޯނި
- ވޯޑްރޯބް: ޗެޕްސް ރިޒާވްޑް
- ވީޑިއޯ އެންޑް އެޑިޓިން: އަހުމަދު ޝުރާއު
- ޕްރޮޑަކްޝަން މެނޭޖަރު: އަހުމަދު ނާއިފް