ފިނިޕޭޖް

"ދިރިއުޅުމަކީ މިއީބާ؟" މިފަހަރު ޗެނަލް 13 އިން

މަޝްހޫރު ކޮމީޑިއަން ޔޫސުފް ރަފީއު (ޔޫސޭ) ގެ "ދިރިއުޅުމަކީ މިއީބާ" މި ރޯދަމަހު ޗެނަލް 13 އިން ގެނެސްދޭން ނިންމައިފި އެވެ. މި ޑްރާމާ ސީރީޒް މި ފަހަރު އެ ޗެނަލުން ގެނެސްދިނުމަށް މިއަދުވަނީ އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ.

ރާއްޖޭގެ އެންމެންގެ މަގުބޫލްކަން ހޯދާފައިވާ މި ޑްރާމާ ސިލްސިލާއާ ބެހޭގޮތުން ޗެނަލް 13 އިން ބުނީ މި އަހަރު އާ ހަތަރު އެޕިސޯޑާއި ކުރީގެ ބައެއް އެޕިސޯޑްތައް ގެނެސްދޭނެ ކަމަށާއި މި ޕްރޮގްރާމް ރޯދަމަހުގެ ކޮންމެ ދުވަހަކު ގެެނެސްދޭއިރު އީދު ދުވަހު ވެސް ހާއްސަ އެޕިސޯޑެއް ގެނެސްދޭނެ ކަމަށެވެ.

"ރޯދަމަހުގެ 30 ދުވަހު ދިރިއުޅުމަކީގެ އެޕިސޯޑުތައް ޗެނަލް 13 އިން ގެނެސްދޭނަން އެއީ މުޅިން އާ ހަތަރު އެޕިސޯޑާ އެކީ،" ޗެނަލް 13 އިން ބުންޏެވެ.

"ދިރިއުޅުމަކީ މިއީ ބާ؟" އަކީ ދިވެހި މުޖުތަމައުގައި ހުންނަ އެކި އެކި މައްސަލަތަކާއި ގުޅިގެން މުޖުތަމައު ހޭލުންތެރި ކުރުވުމަށް ޔޫސޭ އުފައްދަމުން އަންނަތާ 36 އަހަރުވެފައިވާ ރާއްޖޭގެ އެންމެ މަޝްހޫރު ޑްރާމާ ސީރީޒް އެކެވެ.

ޔޫސޭ މިއަދު ބުނީ މިއަހަރު ޗެނަލް 13 އިން ގެނެސްދޭ ބައިތައް ވެގެންދާނ މިހާރުގެ މުޖުތަމައުއާ ގުޅުން ހުރި ބައިތަކަކަށް ކަމަށެވެ. މިހާތަނަށް އެ ޑްރާމާގެ 188 އަށް އެޕިސޯޑު ބެލުންތެރިންނާ ހަމައަށް ޔޫސޭ ގެނެސްދީފައިވާނެ ކަމަށެވެ.

"އަޅުގަނޑު އަބަދުވެސް އިސްކަންދެނީ އެއިރެއްގައި ހިނގަމުންދާ ކަންތައްތަކާއި ގުޅޭގޮތުން ދިރިއުޅުމަކީ މިއީބާ ގެނެސްދެން. އެގޮތުން މިހާރު އެންމެ ބޮޑު މައްސަލައަކަށް ފެނިގެން ދަނީ ބޭރު މީހުން ގަވާއިދާ ހިލާފަށް އުޅުން" ޔޫސޭ ބުންޏެވެ.

މިއަދު ބާއްވި ރަސްމިއްޔާތުގައި "ދިރިއުޅުމަކީ މިއީބާ" ގެ މެއިން ސްޕޮންސާ ފާ ހޮރައިޒަން އާ އެކުވެސް ޗެނަލް 13 އިން ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ.

"ދިރިއުޅުމަކީ މިއީބާ" އެޕިސޯޑުތަކެއް މިދިޔަ އަހަރުވަނީ ސަންގު ޓީވީން ވެސް ގެނެސްދީފަ އެވެ.