ހަބަރު

ހުޅުމާލެ ފްލެޓާއި ބިންތަކަށް ކުލި ނުދައްކައިގެން ކޮށްފައިވާ ދައުވާތައް އެޗްޑީސީން އަނބުރާ ގެންދަނީ

ދިރިއުޅުމުގެ ބޭނުމަށް ހުޅުމާލެ އިން ދޫކޮށްފައި ހުރި ބިންތަކާއި ފްލެޓްތަކަށް ފައިސާ ނުދައްކައިގެން ކޯޓަށް ހުށަހަޅާފައިވާ ދައުވާތައް އަނބުރާ ގެންނަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ނިންމައިފި އެވެ.

އެ ކުންފުނީގެ ޑެޕިއުޓީ އެމްޑީ މުހައްމަދު ސައިމަން މިއަދު ވިދާޅުވީ އެ ދައުވާތައް އަނބުރާ ގެނައުމަށް ނިންމީ ދިރިއުޅުމުގެ ބޭނުމަށް ދޫކޮށްފައިވާ ފްލެޓްތަކާއި ބިންތަކަށް ފައިސާ ދައްކާ އުސޫލަށް ބަދަލުތަކެއް ގެނައުމަށް ނިންމާފައިވާތީ ކަމަށެވެ. އަދި ދިރިއުޅުމުގެ ބޭނުމަށް ދޫކޮށްފައިވާ ތަންތަނުން ކުލި ނަގާނެ އުސޫލުތަކަށް ބަދަލު ގެންނަ އިރު އާންމުންނަށް ފަސޭހަވާނެ އުސޫލުތަކަކަށް ބަލާނެ ކަމަށް ސައިމަން ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ކޯޓަށް ލާފައިވާ ދައުވާތައް ދިގު ދެމިގެން ގޮސްފައި ހުރުމުގެ ސަބަބުން އާންމުންނާއި ކުންފުންޏަށް ވެސް ދަތިތަކެއް ކުރިމަތިވެ އެވެ.

"މިކަމަކީ އަޅުގަނޑުމެން އާންމުންނަށް ލުއިފަސޭހަ ކޮށްދިނުމުގެ އުސޫލުތަކެއް ތައާރަފް ކުރުމުގެ ގޮތުން ކުރާ ކަމެއް. އެފަދަ އުސޫލުތަކެއް އަޅުގަނޑުމެން ވަރަށް އަވަހަށް އާންމު ކުރާނަން. އެހެން ވީމާ އަޅުގަނޑުމެން މި ނިންމީ އެ ދައުވާތައް ކޯޓުތަކުން އަނބުރާ ނެގުމަށް،" ސައިމަން ވިދާޅުވި އެވެ.

ކުލި ނުދައްކައިގެން 100 އަށް ވުރެ ގިނަ ދައުވާ އެޗްޑީސީން ވަނީ ކޯޓުތަކަށް ހުށަހަޅައިފަ އެވެ. އޭގެ ތެރޭގައި ގިނައީ އާންމުން ދިރިއުޅޭ ފްލެޓްތަކަށް ފައިސާ ނުދައްކައިގެން ކޮށްފައިވާ ދައުވާތަކެވެ.