އަހުމަދު ރިލްވާން

ރިލްވާންގެ ހައްގުގައި ނޫސްވެރިންތަކެއް ހިނގާލައިފި

ގެއްލިފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާންގެ ހައްގުގައި ނޫސްވެރިން ހިނގާލުމެއް ބާއްވައިފި އެވެ. މި ހިނގާލުމުގައި ރާއްޖޭގެ މީޑިއާގައި މަސައްކަތް ކުރާ ބައެއް ނޫސްވެރިން ބައިވެރިވެފައިވެ އެވެ.

މިއަދު ހަވީރު ހުޅުމާލޭގައި ކުރިއަށް ގެންދިޔަ މި ހިނގާލުމުގައި ނޫސްވެރިން ވަނީ ރިލްވާންގެ މައްސަލަ އަވަސްކޮށް، ރިލްވާންގެ މައްސަލާގައި ހުރި ކަންބޮޑުވުންތަކާ ގުޅޭ ގޮތުން ޝުއޫރު ފާޅުކޮށްފަ އެވެ.

މި ހިނގާލުމުގައި އިސްކޮށް އުޅުނު އެއް ނޫސްވެރިޔަކު ބުނީ މި ހަރަކާތުގެ އިތުރުން ވެސް ގިނަ ހަރަކާތްތަކެއް ކުރިއަށް ރާވާފައިވާ ކަމަށާއި މި މައްސަލައަށްދޭ ސަމާލުކަން ހުއްޓުމެއް ނެތި ކުރިއަށް ގެންދިޔުމަށް މަސައްކަތްކުރާނެ ކަމަށެވެ. ރިލްވާންއާމެދު ހިނގާދިޔަ ހާދިސާއަކީ މުޅި ނޫސްވެރި ކަމަށް ވެސް އޮތް ބިރެއް ކަމަށެވެ.

"މި މައްސަލަ ހަގީގަތް އަދި މި މައްސަލާގައި ވީގޮތް ނޭނގި އަދި މި މައްސަލާގައި ހިމެނޭ މީހުން އިންސާފުގެ މައްޗަށް ނުގެނެވޭހާ ހިނދަކު ރާއްޖޭގައި ނޫސްވެރިންނަށް އަމާން ކަމެއް ނެތް،" އޭނާ ބުންޏެވެ.

މިއަދުގެ ހިނގާލުމުގައި ބައިވެރިވިން ނޫސްވެރިން ވަނީ ރިލްވާން ހުޅުމާލޭގައި ރިލްވާން ދިރިއުޅުނު އެޕާޓްމެންޓް ކައިރީ ޝުއޫރު ފާޅުކޮށް، ބެނާއެއްގައި ސޮއިކޮށްފަ އެވެ.