އަހުމަދު އަރީފް

ކޯޓުތަކާއި ފުލުހުންނާ ދެމެދު ކޯޑިނޭޝަން މައްސަލަ އެބައޮތް: ސީޕީ

ކޯޓުތަކާއި ފުލުހުންނާ ދެމެދު ކޯޑިނޭޝަން މައްސަލަތަކެއް އެބަހުރި ކަމަށް ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު އާރިފް ވިދާޅުވެއްޖެ އެވެ. ސީޕީ ވިދާޅުވީ މީހުން ކޯޓަށް ހާޒިރުކުރުމުގައި ވެސް ދަތިތަކާ ކުރިމަތިވާ ކަމަށެވެ. އަދި އެކަމަށް އޮތް ބަޖެޓް ވެސް ދަތި ކަމަށެވެ.

ފަނޑިޔާރުންގެ މަހާސިންތާގައި ފުލުހުންނާއެކު ބޭއްވި ސެޝަންގައި ވާހަކަ ދައްކަވަމުން ސީޕީ ވިދާޅުވީ، ކޯޓަށް މީހުން ހާޒިރުކުރުމުގައި ވެސް ދަތިތަކެއް އެބަހުރި ކަމަށާއި ބަޖެޓްގެ މައްސަލަތައް ވެސް އެބަހުރި ކަމަށެވެ. އަދި އެކަކު އެއްފަހަރާ ދެ ކޯޓަކަށް ހާޒިރުކުރަން ވެސް އަންގާފައި އެބަހުރި ކަމަށެވެ.

"ވާހަކަ ދެކިވިގެން މައްސަލަތަކަށް ހައްލު ކުރެވޭނެ، މީގަ އެބަހުރި ވަރަށް ގިނަ ދަތިތައް މީހުން ކޯޓަށް ހާޒިރުކުރުމުގަޔާއި ބަޖެޓްގެ މައްސަލަތައް ވެސް އެބަހުރި، އެބަހުރި އެއް ގަޑިއަކަށް ދެ ކޯޓަށް ހާޒިރުކުރަން ވެސް އަންގާފައި، މިކަހަލަ މާހައުލެއްގައި އެފަދަ ހުރިހާ މައްސަލަތަކެއް ތަފްސީލުކޮށް ނުވެއް ދެންނެވޭނެ،" ސީޕީ ވިދާޅުވި އެވެ.

ސީޕީ ވިދާޅުވީ، މީހުން ކޯޓަށް ހާޒިރުކުރުމުގެ އިތުރުން ވެސް ފުލުހުންނަށް ކޯޓުތަކުގައި ދިމާވާ ދަތިތަކެއް އެބަހުރި ކަމަށާއި އެގޮތުން ފަސް ހަ ފަހަރަށް ހެކި ބަސް ނެގުމަށް ފުލުހުން ހާޒިރުކުރާ ކަމަށެވެ.

ފަނޑިޔާރުން ސީޕީއަށް ހުށަހެޅުއްވި ޝަކުވާތަކަށް އަވަސް ހައްލެއް ހޯދައިދެއްވުމަށް ވަރަށް ގާތުން މަސައްކަތްކުރައްވާނެ ކަމަށް ސީޕީ ވިދާޅުވި އެވެ. އަދި ސީޕީގެ ފޯކަސްއަކީ ކަންކަން އިސްލާހުކޮށް ތަހުގީގުކުރުމުގެ ދާއިރާ މިހާރަށްވުރެ ފުޅާކުރުން ކަމަށެވެ.

"އަޅުގަނޑުގެ ފޯކަސް މިއޮތީ ތަހުގީގުކުރުމުގެ ދާއިރާ ފުޅާކުރުމަށްޓަަކައި، އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ފުލުހުންދޭ ހިދުމަތްތަކަކީ ރައްޔިތުންނަށް ހައްގުތައް ހޯދައިދިނުމަށް ދިނުމަށްކުރާ މަސައްކަތް، މިހާރު މައްސަލަތައް ވަކި މުއްދަތެއް ތެރޭގައި ނިންމުމަށް އެވަނީ ކަންތައްތަކެއް އެކަށައަޅާފައި،" ސީޕީ ވިދާޅުވި އެވެ.

ސީޕީ ވިދާޅުވީ، ރައްޔިތުންނަށްދޭ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުނުކޮށް، ރައްޔިތުންނާ ގާތުން މަސައްކަތްނުކުރެވޭނަމަ ރެޔާ ދުވާލު ޔުނިފޯމް އަޅައިގެން ފުލުހުން ތިބުމުގެ ބޭނުމެއް ނެތް ކަމަށެވެ.